ބިލާލްގެފާނުގެ ބައްޕާފުޅަކީ ޢަރަބި ބޭކަލެކެވެ. ނަންފުޅަކީ ރަބާޙްއެވެ. މަންމާފުޅަކީ އަބީސީނިއާ (މިޒަމާނުގެ އިތިއޯޕިއާ) ބޭކަނބަލެކެވެ. ނަންފުޅަކީ ހަމާމާ އެވެ.
އިސްލާމީ ތާރީޚް ލިޔުއްވާ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ބިލާލް (ރ.އ.) ގެ ކުލައަކީ ގަދަ ބުރައުން ކުލައެވެ. އެކަލޭގެފާނު އުފަންވެވަޑައިގަތް ތާރީޚާއި މެދު ޚިޔާލު ތަފާތުވުންތަކެއް އެބަހުއްޓެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ބިލާލް (ރ.އ.) އުފަންވެވަޑައިގަތީ ހިޖުރައިގެ 53 އަހަރު ކުރިން (މީލާދީން 570) ގައެވެ. ނަމަވެސް ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެކަލޭގެފާނު އުފަންވެވަޑައިގަތީ ހިޖުރައިގެ 43 އަހަރު ކުރިން (މީލާދީން 580) ގައެވެ. އެކަލޭގެފާނު ތަރުބިއްޔަތުވީ މައްކާގައެވެ. ނިސްބަތްވެ ވަޑައިގަންނަވަނީ ޤުރައިޝް ވަންހައިގެ ގަބީލާއެއްކަމުގައިވާ ބަނޫ ޖުމާޙް އަށެވެ. ބިލާލް (ރ.އ.) ގެ މައިންބަފައިންނަކީ އަޅުންނެވެ. ޢެކަލޭގެފާނު އުފަންވެވަޑައިގަތީ އަޅެއްގެ ގޮތުގައެވެ. ވެރިޔަކީ އަބުދުﷲ ބުން ޖަދުޢާން އެވެ.
ފަހުން ބީލާލްގެފާނު އިސްލާމްވެ ވަޑައިގަތުމުން ޖެހުނު މައްސަލަގަނޑެއްގެ ތެރޭގައި، ބަނޫ ޖުމާހުގެ ބޮޑެއްކަމުގައިވާ އުމައްޔު ބިން ޚަލަފަށް، ބިލާލްގެފާނު ހިބައިން ދިނީއެވެ. އަޅުންނަކީ މުޖުތަމަޢުގެ އެންމެ ދަށްފަންތީގެ މީހުނ ގޮތުގައި ބަލާމީހުންނެވެ. އެކަލޭގެފާނަކީ އިސްލާމްދީން ޤަބޫލުކުރެއްވުމުގެ ސަބަބުން މުޝްރިކުންގެ އަނިޔާތަކާއި ކުރިމަތިވެވަޑައިގަތް ބޭކަލުންގެ ތެރެއިންވެސް އިންތިހާދަރަޖައިގެ އަނިޔާތައް ތަޙައްމަލް ކުރެއްވި ބޭކަލެކެވެ. އުމައްޔަތު ބުން ޚަލަފް އެކަލޭގެފާނަށް ވަންޏި ވަންނީގެ އަދަބުދެއްވައި އުޅުނެވެ. އެގޮތުން މައްކާގެ ކުދިވެރިން ލައްވާ އެކަލޭގެފާނުގެ ކަރުގައި ވާފަށެއްޖަހައިގެން ރަށުތެރޭގައި ހިންގުވައި އުޅެއެވެ. ކާން ނުދީ ފެން ނުދީ މައްކާގެ، އެންމެ ހޫނު މޫސުމުގެ މެންދުރު އަވި ބާރުވީމައި އަވިގަނޑަށް ނެރެ ހަތަރެސްފައި ދަމާ ވާންކޮށް ބިންމަށްޗަށް ކަޑަޖަހައި ކަޑަތަކާއި އެކު ބަނދެފައި ބާއްވައެވެ. އަދި ބިންމަތީގައި އުޑުތިލަކޮށް ބާއްވައި މޭމަށްޗަށް ބޮޑެތި ހިލަ އަރުވާފައި ބުނެއެވެ. “މުޙައްމަދުގެފާނަށް ކާފަރުވަންދެން ނުވަތަ މަރުވާންދެން އޮންނަން ޖެހޭނީ ތިޔަހާލުގައެވެ.” ނަމަވެސް މިހާލުކޮޅުގައި އޮންނަވައި ވެސް އެކަލޭގެފާނުގެ ހަރުއަޑުފުޅުން ގޮވާލައެވެ. “لا إله إلا الله احد احد“ އެވެ. މިހެން ގޮވަގޮވައި އޮންނަވަނިކޮށް ހޭފުޅުނެތިދެއެވެ. ދެން އެކަލޭގެފާނު ހޭފުޅުނެތި އަޑުމަޑުވެ މަރުވެއްޖެހެން ހީވުމުން ހިލަތައް ނަގައި ހަތަރެސްފައި މޮހާލައެވެ.
މިހެން ކަންތަށް ވަމުންދަނިކޮށް އަބަުބަކުރުގެފާނު ވަރަށްބޮޑު އަގެއްދައްކަވާފައި ބިލާލްގެފާނު މިނިވަންކުރެއްވިއެވެ. މިނިވަންކުރެއްވުމަށްފަހު ބިލާލްގެފާނު އަރިހުގައި، އަބޫބަކުރުގެފާނު އަންނާށޭ ވިދާޅުވުމުން ދެންނެވިއެވެ. “ކަލޭގެފާނު އަހުރެން ތިޔަ ބައްލަވައިގަތީ ކަލޭގެފާނުގެ އަމިއްލަ ބޭނުންފުޅަކު ކަމުގައިވާނަމަ ބައްލަވައިގަންނަވާނެ ކަމެއް ނެތެވެ. ﷲގެ ވަޖުހަފުޅަށްޓަކައި ކަމުގައި ވާނަމަ އަންނާށެކޭ ވިދާޅުވާނެ ކަމެއް ނެތެވެ.” ދެން އަބޫބަކުރުގެފާނު ވިދާޅުވިއެވެ. ތިޔަހުރީ ﷲގެ ވަޖުހަފުޅަށްޓަކައި މިނިވަންކޮށްފައެވެ.
ކޮންމެއަކަސް ބިލާލްގެފާނަކީ ނަބިއްޔާ ސައްލަﷲ އަލަހި ވަސައްލަމަ ނުހަނުބއިތުބާރު ކުރައްވާ ލޯބިފުޅުވާ ބޭކަލެކެވެ. އިސްލާމްދީނުގެ އެންމެ ފުރަތަމަ މުއަޒިންއެވެ. އެކަމަށްޓަކައި އެކަލޭގެފާނު އައްޔަންކުރެއްވީ ޚުދު الله ގެ ރަސޫލާ (ސ.އ.ވ) އެވެ. އެކަލޭގެފާނުގެ މަޝްހޫރު ނަންފުޅަކީ "ބިލާލް ހަބަޝީ" އެވެ. ނަމަވެސް އެކަލޭގެފާނަކީ ކަޅު ބޭކަލެއް ކަމުން، ބައެއް ބޭކަލުންގެ ނަޟަރުގައި އެފަދަ ޝަރަފެ އެކަލޭގެފާނަށް ހައްޤުނުވެއެވެ. އެއްފަހަރަކު ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަގެ ލޮބުވެތި ސަހާބީ ބޭކަލުންތަކެެއް، މަޖިލީހެއްގައި ތިއްބެވިއެވެ. އޭރު އަދި ނަބީ ސައްލަﷲ އަލައިހި ވަސައްލަމަ އެމަޖިލީހަށް ވަޑައި ނުގަންނަވައެވެ. އެތަނުގައި ތިއްބެވި ބޭކަލުންގެ ތެރޭގައި ޚާލިދު ބުން ވަލީދު، ޢަބްދުއްރަޙްމާން ބުން އައުފް، ބިލާލްގެފާނު، އަދި އަބޫ ޛައްރުލް ޣިފާރީ ހިމެނިވަޑައިގަންނަވައެވެ.
ދެންފަހެ އަބޫ ޛައްރު ވާހަކަފުޅު ދައްކަވަމުން ގެނަދަވަނިކޮށް އެކަލޭގެފާނަށް ވިދާޅުވެވުނު ކުށެއް ބިލާލްގެފާނު އިސްލާޙް ކޮށްދެއްވިއެވެ. އެހިނދު އަބޫ ޛައްރު ހިތްޕުޅުހަމަޖެހިވަޑައިނުގެން ވިދާޅުވިއެވެ. "މިހިރަ ކަޅު އަންހެނާގެ ދަރިކަލުން ވެސް އަހަރެން އިސްލާހު ކުރަން މަސައްކަތް ކުރަނީ ހެއްޔެވެ؟" ފަހެ އަބޫ ޛައްރު އެހެން ވިދާޅުވުމުން، ބިލާލްގެފާނު އެކަމާ ދެރަފުޅުވެގެން އެމަޖިލީހުން ތެދުވެ ވަޑައިގަތެވެ. އަދި ވިދާޅުވިއެވެ. “ﷲ ގަންދީ ބުނަމެވެ. އަހުރެން ތިޔަކަންތައް ނަބިއްޔާގެ އަރިހުގައި ދަންނަވާނަމެވެ.”
ދެން ބިލާލުގެފާނު ނަބިއްޔާގެ އަރިހަށް ވަޑައިގެން އެވާހަކަ ދަންނަވައިފިއެވެ. އެހިނދު ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމް ވަރަށް ބޮޑަށް ކޯފާވިއެވެ. އެކަލޭގެފާނުގެ މޫރިތި މޫނުފުޅުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އެތަންވަޅު އަބޫ ޛައްރުގެފާނު ވެސް، އަވަސް އަވަހަށް ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް ވަޑައިގަތެވެ. އަދި އެކަލޭގެފާނަށް ސަލާމް ގޮވައިލެއްވިއެވެ. ނަމަވެސް ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަ ކޯފާވެވައި ހުންނެވި ވަރުން ސަލާމްގެ ޖަވާބު ދެއްވި ކަމެއް ވެސް ނުވަތަ ނޫން ކަމެއްވެސް އެނގި ވަޑައި ނުގަންނަވާ ކަމަށް އަބޫ ޛައްރު ވިދާޅުވިއެވެ. ދެން ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަ އަބޫޛައްރު ގެފާނާއި މުޚާޠަބުކޮށް ވިދާޅުވިއެވެ. “އޭ އަބޫ ޛައްރުއެވެ. ބިލާލުގެފާނުގެ މަންމަގެ ސަބަބުން، ކަލޭގެފާނު އެކަލޭގެފާނަށް މަލާމާތް ކުރެއްވީ ހެއްޔެވެ؟ ހަމަކަށަވަރުން ޖާހިލިއްޔަ ޒަމާނުގެ ސިފަތައް ކަލޭގެފާނުގެ ކިބައިން ނުފިލާ އެބަހުއްޓެވެ.” އެހިނދު އަބޫ ދައްރު ކީރިތިކުރައްވަން ފެށްޓެވިއެވެ. ވިދާޅުވިއެވެ. “ޔާ ރަސޫލުﷲ އެވެ. ތިމަންކަލޭގެފާނުގެ ފާފަ ފުއްސަވައި ދެއްވުމަށް އެދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟުރަތުގައި ދަންވައި ދެއްވާށެވެ.” އެޔަށްފަހު ކީރިތިކުރައްވަމުން މިސްކިތުން ނިކުމެވަޑައިގަތެވެ. އަދި ބިލާލްގެފާނު ފެނިވަޑައިގަތުމުން އިސްތަށިފުޅު ބިންމަތީގައި ޖައްސަވާފައި ވިދާޅުވިއެވެ. "އޭ ބިލާލް އެވެ. ކަލޭގެފާނު އަހުރެންގެ އިސްތަށިފުޅުގައި ފައިންޕުޅު ނާޅުއްވާހާ ހިނދަކު މިއޮތްތަނުން ބޯވެސް ހިއްލާ ނުވާނަމެވެވެ.”
ބިލާލްގެފާނު ކީރިތިކުރައްވަމުން އަބޫ ޛައްރުގެ ކޯތާފަތުގައި ބޮސްދެއްވާފައި ވިދާޅުވިއެވެ. “އޭ އަބޫ ޛައްރުއެވެ. الله ސުބުޙާނަހޫ ވަތަޢާލާއަށް ސަޖިދަ ޖަހާ މޫނެއްގައި، ފައި އެޅުމުގެ ބަދަލުގައި އެމޫނުގައި ޖެހޭނީ ބޮސްދޭށެވެ."
- މަސްދަރުތައް: 1- އިސްލާމިކް ފައިންޑާ ޑޮޓްކޮމް
2- ސަޙީހުލް ބުޚާރީ
3- އެބައުޓު އިސްލާްމް ޑޮޓްނެޓް