ދަޢުލަތުން ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް 12 މިލިއަން ޑޮލަރު ދޭން ނުޖޭހޭކަމަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ.
ސީލައިފުން ދައުވާ ކޮށްފައި ވަނީ އެ ކުންފުންޏާއި ދިވެހި ދައުލަތުގެ ފަރާތުން މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗައާ ދެމެދު 2018 ވަނަ އަހަރު ސޮއިކޮށްފައިވާ ސެޓްލްމަންޓް އެގްރިމެންޓާ އެއްގޮތްވާ ގޮތުގެ މަތިން ސީލައިފްއަށް ދިވެހި ދައުލަތުން ދައްކަންޖެހޭ 12 މިލިއަން ޑޮލަރު ހޯދުމަށެވެ.
ސީ ލައިފަށް ބަދަލުދޭން ކުރީގެ ސަރުކާރުން 2018 ވަނަ އަހަރުވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެ ކުންފުންޏަށް 12 މިލިއަން ޑޮލަރު ނަގައިދޭން އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން ކުރި ހުކުމުގައި ބުނީ ސެޓްލްމަންޓް އެގްރިމެންޓްގައި ބަލަންޖެހޭ ކަންތައްތަކެއް ހުރުމާއެކު އެކަން ބެލުމަށްފަހު ނިންމަންދެން ސެޓްލްމަންޓް އެގްރީމެންޓް ބާޠިލުކޮށްފައިވާކަން މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަ އިން ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް 2018 ވަނަ އަހަރުގެ މާޗް މަހުގެ އެއްވަނަ ދުވަހު އަންގާައިވާކަމަށެވެ.
ހުކުމްގައި ވަނީ ސީ ލައިފުން ހަރަދުކުރި ކަމަށް ބުނާ ފައިސާގެ އަދަދަކީ ރަނގަޅު އަދަދެއް ނޫން ކަމަށެވެ. އަދި ސީ ލައިފުން އެގޮތަށް ކަންތައް ކޮށްފައި އޮތް އޮތުމަކީ އެއްބަސްވުން އޭގެ ޒާތުގައި ބާތިލުވާނެ ކަމެއް ކަމަށް ހައިކޯޓުގެ ގަޒިއްޔާއަކާ ހަވާލާދީ ސިިވިލް ކޯޓުގެ ރިޕޯޓްގައި ބުންޏެވެ. ހައިކޯޓުން 2016 ވަނަ އަހަރު ނިންމި ނިންމުމެއްގައި ބުނެފައި ވަނީ ހަގީގަތް އޮޅޭ ފަދަ މައުލޫމާތުގެ މައްޗަށް ބިނާކޮށްގެން ވެފައިވާ އެއްބަސްވުމަކީ ހަގީގަތް އޮޅުނު ފަރާތުގެ ނިސްބަތުގައި ބާތިލުކުރެވިދާނެ އެއްބަސްވުމެއް ކަމަށެވެ.
އަދި އެގްރީމެންޓްގައި އޭރު ސޮއި ކުރި ކުރުމުގެ މައްޗަށް އެކަނި ބަލައި ސީލައިފަށް ފައިސާ ނަގައިދެވޭނެ ސަބަބެއްކަމަށް ޝަރީޢަތަށް ބުރަވެވެން ނެތްކަމަށް ސިވިލް ކޯޓުންގެ ޙުކުމުގައި ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން ސެޓްލްމަންޓް އެގްރިމެންޓާ އެއްގޮތްވާ ގޮތުގެ މަތިން ފައިސާ ދެއްކުމަށް ދިވެހި ދައުލަތުގެ މައްޗަށް އަންގާނެ ތަނެއް ނެތްކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ މީގެ ތިން އަހަރު ކުރިންނެވެ. ނަމަވެސް ކުރީގެ ސަރުކާރުން 3000 ފްލެޓް އެޅުމަށް ސީ ލައިފްއާއި ހަވާލުކޮށްފައިވަނީ އެވަރުގެ މަޝްރޫއެއް ހިންގުމުގެ ޤާބިލްކަން އެ ކުންފުނީގައި ނެތްކަން އެނގިތިބެކަން އެޗްޑީސީން އެކުލަވާލާފައިވާ ރިޕޯޓުން އެނގެއެވެ.