ހުޅުމާލޭގައި އާންމު ބައެއް ކުންފުނިތަކުން އަޅަމުންދާ ފުލެޓުތަކެއް އާބަންކޯގެ އިސްވެރީންނަށް ބަހާފައިވާ ކަމަށް ދެކެވޭ ވާހަކަ އެ ކުންފުނީން ދޮގުކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓެެއްގައި ބުނެފައިވަނީ އަމިއްލަ ފަރާތްތަކުން ހުޅުމާލޭގައި އަޅަމުންދާ މިކްސްޑް ރެޒިޑެންޝަލް މަޝްރޫއުތަކުން 34 ފުލެޓެއް އާބަންކޯގެ ވެރީންނަށް ވިއްކުމަށް ނިންމާފައިވާ ކަމަށެވެ. އެ މީހުންގެ ނަމާއި ފުލެޓުގެ އަގުތަކަށް ދާނދޭން އެ ޕޯސްޓުގައި ހިމަނާފައިވެއެވެ. އާބަންކޯއިން ވަނީ އެއީ ސައްހަ ލިސްޓެއް ނޫންކަމަށް ވެސް ބުނެފައެވެ.

"ކާކުކަން ނޭނގޭ އެކައުންޓަކުން، މި ކޯޕަރޭޝަނުން ނެރުނު މެމޯއާ ޔުނިޓުތަކުގެ އަގުތަކާއެކު މި ކޮޕަރޭޝަނުގެ އިސްވެރީންގެ ލިސްޓެއް ކަމަށް ބުނެ އަމިއްލައަށް ތައްޔާރުކޮށްފައިވާ ސައްހަ ނޫން ލިސްޓެއް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. މި ދޮގު ޚަބަރާއި މައުލޫމާތު ފޯރުކުރަމުން ދަނީ ކަމުގެ ހަގީގަތް އޮޅުވާލައި ކުންފުނީގެ އަގު ވައްޓާލުމަށެވެ." އާބަންކޯއިން ބުނެފައިވެއެވެ.

އެ ކުންފުނީގެ ބަޔާނުގައި ބުނެފައިވަނީ އެ ފުލެޓުތަކަކީ ހަތަރު މަޝްރޫއެއް ހިންގުމަށް އެކުންފުނީން ދީފައިވާ ބިންތަކުގެ އަގުގެ ބަދަލުގައި ލިބިފައިވާ ފުލެޓުތަކެއް ކަމަށެވެ. އެއީ އެއްބަސްވުމާއެގޮތަށް ކުރިއަށަދާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

ސްޓާފް ހައުސިން ސްކީމުގެ ދަށުން އެ ފުލެޓުތައް ވިއްކަން ހުށަހެޅުމުން 34 ފުލެޓު ނުވިކި ހުރިކަމަށް އެކުންފުނީން ވަނީ ބުނެފައެވެ. އެހެންދިމާވީ ބައެއް މުވައްޒަފުން ފުލެޓު ދޫކޮށްލާފައި ވުމާއި ޝަރުތު ހަމަނުވާ މުވައްޒަފުން ވެސް ތިބުން ކަމަށް އެތަނުން ބުނެފައިވެއެވެ. މިހާރު ހުޅުވާލާފައިވާ ފުރުސަތުގައި ޕޯޓަލްއެއް މެދުވެރިކޮށް ވަކި އުސޫލެއްގެ ތެރެއިން އެ ފުލެޓު ވިއްކަން ނިންމާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.