އިމާމް މާލިކުގެފާނުގެ ޒަމާނުގައި މަދީނާގައި އުޅުނު އަންހެނެކެވެ. މިއަންހެންމީހާ މަރުވުމުން ކަށުކަމާކެމީގެ ކަންތަކުގައި އުޅޭ އަންހެނަކު، މައްޔިތާ ހިނެވުމުގެ ކަންތަކާ ހަވާލުވިއެވެ.

ފަހެ މި އަންހެންމީހާ މައްޔިތާގެ ހަށިގަނޑު މޭޒެއްގެ މަތީގައި ބާއްވާފައި، ފެން އަޅަމުން ދޮންނަމުން ގޮސް، މައްޔިތާގެ ލަދުވެތި ގުނަވަނާ ހަމަޔަށް ދެވުމުން ބުންޏެވެ. "މީނާ އަކީ އެވެނި މިވެނި މީހަކާއެކު އެތައް ފަހަރަކު ޒިނޭކޮށްފައިވާ މީހެކެވެ."

މިއަންހެން މީހާ މިހެން ބުނުމާއެކު އޭނާގެ އަތް މައްޔިތާގެ ހަށިގަނޑުގައި ތަތްވިއެވެ. އުޅެއުޅެ އޭނާގެ އަތް މައްޔިތާގެ ހަށިގަނޑާ ވަކިކުރެވޭ ގޮތެއް ނުވިއެވެ. އެންމެފަހުން އޭނާއަށް ދިމާވެފައިވާ މުޞީބާތް މީސްތަކުންނަށް އެނގިދާނެތީ އަވަސް އަވަހަށް މައްޔިތާ ބާއްވާފައި އޮތް ކޮޓަރީގެ ދޮރު ލައްޕާލިއެވެ. އޭރު މަރުވެފައިވާ މީހާގެ އާއިލާއިން ބޭރުގައި ތިބީ އޭނާ ނުކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. ޖަނާޒާގެ ކަންތައްތައް ކުރިޔަށް ގެންދިޔުމަށް ތައްޔާރުވެގެންނެވެ.

އެމީހުން އިންތިޒާރު ކޮށްކޮށް ވަރުބަލިވީއިރުވެސް އެވެސް ހިލަމެއް ނުވުމުން އެމީހުންގެ ތެރެއިން އަންހެނަކު އެތެރެއަށް ވަނެވެ. އަދި އެތެރެއަށް ވަން އަންހެންމީހާ އަށް މިމަންޒަރު ފެނި ޙައިރާންވެ، އިތުރު އަންހެނުންވެސް އެތެރެއަށް ވެއްދިއެވެ. މައްޔިތާގެ ހަށިގަނޑުން އެއްކަލަ އަންހެންމީހާގެ އަތް ނައްޓާލެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ހުރިހާ އަންހެނުން ވެގެން އެތައް މަސައްކަތެއް ކޮށްގެން ވެސް އެކަން ވާގޮތް ނުވިއެވެ.

އެގޮތުގައި ދުވަހެއް ފާއިތުވެގެން ދިޔަ އިރުވެސް އެކަމަށް ޙައްލެއް ނުލިބި މީސްތަކުންގެ ތެރޭގައި ޚިޔާލުތަފާތު ވުން އުފެދި އެއްބަޔަކު ބުނަންފެށިއެވެ. އެ އަންހެންމީހާގެ އަތް ބުރިކޮށްފައި މަރުވެފައިވާ މީހާއާ އެކު ވަޅުލަންވީ އެވެ. ނުވަތަ މައްޔިތާގެ ހަށިގަނޑުން ބައެއް ބުރިކޮށްފައި އަތް ސަލާމަތް ކުރަން ވީހެއްޔެވެ؟

އެންމެ ފަހުން މިކަންތަކާ ބެހޭގޮތުން ޢިލްމުވެރިންނާއި ސުވާލުކުރެވުނުވެ. ނަމަވެސް ޙައްލެއް ނުލިބި މައްޔިތާގެ ހަށިގަނޑު ކުނިވެ ނުބައިވަސް ދުވަން ފެށުމުން، އިމާމް މާލިކުގެފާނާ ހިސާބަށް މިމައްސަލަ ގެންދެވުނެވެ. އެހިނދު އެކަލޭގެފާނު އެތަނަށް ވަޑައިގެން، އެކޮޓަރީގެ ދޮރުގެ ފަހަތުގައި ނިވާވެވަޑައިގެން ހުންނަވައި، މައްޔިތާ ހިނަވަން އުޅުނު އަންހެން މީހާ އާއި ސުވާލުކުރެއްވިއެވެ. އެހިނދު އެ އަންހެން މީހާ ކަންތައްވީ ގޮތް އިމާމު މާލިކުގެފާނަށް ކިޔައި ދެއްވިއެވެ. އަދި މައްޔިތާގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވި ކަމަށް އިއުތިރާފް ވިއެވެ.

އެހިނދު މާލިކުގެފާނު ސުވާލުކުރެއްވިއެވެ. "މި ތުހުމަތު ސާބިތުކޮށްދޭނެ ހެކިވެރިން އެބަތިބި ހެއްޔެވެ،" އަންހެން މީހާ ޖަވާބު ދިނެވެ. "ނޫނެކެވެ." އިމާމް މާލިކު އަނެއްކާވެސް ސުވާލު ކުރެއްވިއެވެ. "މި އަންހެންމީހާ ދިރިހުރި އިރު، އެކަހަލަ ވާހަކައެއް ތިބާގާތުގައި ދެއްކި ހެއްޔެވެ.؟" އަންހެން މީހާ ޖަވާބު ދިނެވެ. "ނޫނެކެވެ."

ދެންފަހެ އިމާމު މާލިކުގެފާނު ހުކުމްކުރެއްވީ، މައްޔިތާގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވިކަމަށްޓަކައި އެ އަންހެންމީހާ ގައިގައި 80 އެތިފަހަރުން ހައްދު ޖެހުމަށެވެ. ފަހެ އޭނާ ގައިގައި ޙައްދުޖެހުމުން މައްޔިތާގެ ހަށިގަނޑުން އަތް ނައްޓިއްޖެއެވެ.

މަސްދަރު: ޖެމްސް އެންޑް ޖެވެލް / އަބްދުލް މާލިކު މުޖާހިދު

އިތުރު މަޢުލޫމާތު / ލައިފް އިން ސައުދިއަރަބިޔާ ފޭސްބޫކް ޕޭޖް