ރާއްޖޭގެ ދެކުނުގެ ރަށެއްގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ސައުތު ޕޮލިސް ޑިވިޝަންގައި (ގއ.އަތޮޅު, ގދ.އަތޮޅު, ފުވައްމުލައް, އައްޑޫ) ހިމެނޭ ރަށެއްގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލަ އެ އިދާރާއަށް މިމަހުގެ 12 ވަނަ ދުވަހު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 13 ވަނަ ދުވަހު އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މީހާގެ ބަންދަށް 30 ދުވަސް ކޯޓުން ދީފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ދެކުނު ރަށެއްގައި އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން އުމުރުން 63 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި ފިރިހެނަކު ރޭގައި ވަނީ ހައްޔަރުކޮށްފައެވެ. ހިތާމައަކީ ޖިންސީ ގޯނާ ކުރުމުގެ މިމައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި މިވަނީ ނިމުނު ރޯދަ މަސްތެރޭގައި ކަަމަށްވާކަމެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ އިތުރުވަމުން އަންނައިރު ޖެނުއަރީ މަހު އެކަނި ވެސް 27 މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައި ވެއެވެ.