ގާނޫނަށް ގެނައި ބަދަލާއެކު، ޕްލާސްޓިކު ކޮތަޅުގެ އަގު އިންތިހާއަށް ބޮޑުވުމުގެ ސަބަބުން އާއްމުން ކަންބޮޑުވުން ފާޅު ކުރަމުންދާ ދަނޑިވަޅުގައި އަގު ހެޔޮކުރަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގްރޫޕަށް ރޭ ނަޝީދު ފޮނުއްވި މެސެޖެއްގައެވެ.
ރާއްޖެއަށް އެތެރެ ކޮށް ވިއްކާ ޕްލާސްޓިކް ކޮތަޅުން އަގު ނެގުން ލާޒިމް ކުރާ ގާނޫނު ފާސްކޮށް އެއަށް އަމަލު ކުރަން ފެށުމާއެކު އާންމުންގެ ކަންބޮޑުވުމާއި ސަރުކާރަށް ފާޑު ކިޔުން ނުހަނު ބޮޑަށް އަމާޒުވާން ފެށުމުން މިކަމަށް ހައްލެއް ލިބެން އޮތް ހަމައެކަނި ގޮތަކީ އެގާނޫނަށް އިސްލާހު ގެނައުން ކަމަށްވަނީ ނިންމާފައެވެ. އަދި މަޖިލީހުގެ ތަޅުމަށް އެގާނޫނުގައި ހުރި މައްސަލަ ހައްލު ކުރުމަށް އަލުން އެ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުން ބިލެއް ވަނީ ހުށަހަޅާފައެވެ. އެބިލުގެ ބަހުސް ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނިކޮށް މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގްރޫޕަށް ރޭ ނަޝީދު ފޮނުއްވި މެސެޖުގައި މިވަނީ އެ ބިލާ ދެކޮޅަށް ވާހަކަ ދައްކަވައި އަގުހެޔޮކުރަން ތާއީދު ނުކުރައްވާކަމަށް ވިދާޅުވެފައެވެ.
އެކަމަށް ތާއިދު ނުކުރައްވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގުރޫޕަށް ނަޝީދު ފޮނުއްވި މެސެޖުގައި ވިދާޅުވީ، ޕްލާސްޓިކް ކޮތަޅުން ނަގާ ފީ ބޮޑުކުރީ އެކަން އެނގި ތިބެ ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ވިދާޅުވީ އަދި ޕްލާސްޓިކް މަދު ކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލައިގެން ނުވާނެ ކަމަށެވެ.
"ވަކިން ސަރުކާރުގެ ސިޔާސަތު ލާހޫރޭ ކަމީ އެމްޑީޕީ އަށް ލިބޭ ބޮޑު ދެރައެއް. އަޒުމެއް، މީޒާނެއް ނެތް. ލީޑަޝިޕަކީ ކުރިއަށް ނުކުމެ، ކަންކަމާ ކުރިމަތިލުން. ބަދަލު ގެނެވޭނެ ހިތްވަރު ހުރީމަ،"ނަޝީދު
ޕްލާސްޓިކް މަދު ކުރަނީ ބޮޑު އަގު ނަގައިގެންތޯ އެތައް ބަޔަކު ސުވާލު އުފައްދަމުން ދާ އިރު އެންވާރަމަންޓް މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ، ކުނި މެނޭޖްކުރުމުގެ ގާނޫނުގެ ބިލު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިރު ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި 50 ނުވަތަ އެއަށް ވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި ވާނީ ހިމަނާފައި ކަމަށެވެ. ނަމަވެސް އެ ބިލު މަޖިލީހުން ފާސްވެގެން އައި އިރު އެ މާއްދާ ވަނީ އުނިކޮށްފައި ކަމަށެވެ.
ސަރުކާރުގެ ފަރާތުން މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ވަނީ 50 ނުވަތަ އެ އަށް ވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން ވެސް ފީ ނަގަން ނުޖެހޭ ގޮތަށެވެ. ރައްޔިތުންގެ މަޖިލީހަށް އިސްލާހު ހުށަހަޅުއްވާފައި ވަނީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު އެވެ.
ޕާލްސްޓިކް ކޮތަޅުން ފީއެއް ނަގަަން ސަރުކާރުން ނިންމީ އެއީ އާންމު ދިރިއުޅުމުގެ ތެރޭގައި އުފެދޭ ޕްލާސްޓިކް ކުނި މަދުކުރުމަށް ދުނިޔޭގެ ގައުމުތަކުގައި އެންމެ ކާމިޔާބު ކަމާއެކީ އަމަލުކުރާ އެއް ސިޔާސަތު ކަަމަށް ވެފައި، އެ ސިޔާސާތު ރާއްޖޭގައި ތަންފީޒު ކުރުމުން އެ މައްސަލައަށް އެދެވޭ ހައްލެއް ލިބޭނެތީ ކަމަށް ބުނެއެވެ. ކޮތަޅުން ނަގާ 2 ރުފިޔާއާ ގުޅިގެން ކާބޯތަކެތީގެ އަގުތަކަށްވެސް ބަދަލު އައިސްފައިވާ މިދަނޑި ވަޅުގައި އާންމުން ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ނަމަވެސް މިހާރު ގަވާއިދު އޮތް ގޮތުން ރައްޔިތުން އުފުލަންޖެހޭ ބުރަ ދަނީ އިތުރުވަމުންނެވެ. ކާބޯތަކެތީގެ އަގު މައްޗަށް ޖެހި އާންމު ރައްޔިތުމީހާއަށް ކުރާ މަސައްކަތުން ލިބޭ ލާރިން ދެކޮޅު ނުޖެއްސޭވަރަށް ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދާ އިރު އިތުރަށްވެސް އެހެނިހެން ގޮތްގޮތުންވެސް ހަރަދު މިދަނީ ބޮޑުވަމުންކަމަށް އެތައް ބަޔަކު އަންނަނީ ހުއްޓުމެއް ނެތި ޝަކުވާ އުފުލަމުންނެވެ.