ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ޤާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް، އެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކުރާ ގޮތުގެމަތިން، ޤާނޫނީ ދާއިރާއިން، މ.ލޭންޑްއޮފްގާރޑްން، އަލްއުސްތާޛާ ފާޠިމަތު ޝިރުވީން މިއަދު ޢައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި އަލްއުސްތާޛާ ފާޠިމަތު ޝިރުވީން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރަކަށް ޢައްޔަންކުރެއްވުމާ ހަމައަށް މަސައްކަތްކުރައްވަމުން ދިޔައީ ދިވެހިރާއްޖޭގެ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓް ކައުންސިލްގެ ގޮތުގައިއެވެ. އަދި މިހާރުވެސް ޝިރުވީން އަކީ ފެމެލީ ލީގަލް ކްލިނިކް (އެން.ޖީ.އޯ) ގެ އެގްޒެކެޓިވް ކޮމިޓީ މެންބަރެކެވެ.

އަލްއުސްތާޛާ ފާޠިމަތު ޝިރުވީންއަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ކެމްބްރިޖުން މާސްޓަރސް އޮފް ލޯ ޙާޞިލްކުރައްވާފައިވާ ބޭކަނބަލެކެވެ.