ޙުއްޖަތުލްއިސްލާމް ޙަސަން ނަޞްރަﷲ ޝަހީދުކޮށްލުމާ ގުޅިގެން ސަޢޫދީ މީޑިއާއިން ދަނީ އީރާނާއި ޙިޒްބުﷲއާ ދޭތެރެ ޖައްސަން މަސައްކަތް ކުރަމުންނެވެ. ސަޢޫދީ އަރަބިއްޔާއަކީ ސުންނީ އިސްލާމްގެ ލީޑަރުކަމަށް ދަޢުވާ ކުރާ އަދި އިސްލާމީ އުންމަތުގެ އަޑުކަމުގައި ދެއްކުމަށް މަސައްކަތް ކުރާ ޤައުމެވެ. އެހެންވެ، އީރާނަކީ ވައްހާބީ ޚިޔާލުގެ ސަޢުދީ ރަސްކަން ޤާއިމް ކުރި ހިސާބުން ފެށިގެން، އީރާނާ ވާދަޖަހާ ހަތުރުވެރި ޤައުމެކެވެ. ދެފަރާތް ސުލްހަ ކޮށްދީފައި ދާދިފަހުން، ވަނީ ޗައިނާއިންނެވެ.
ޙުއްޖަތުލް އިސްލާމް ޙަސަން ނަޞްރަﷲ ޝަހީދުކޮށްލުމާ ގުޅިގެން ސައޫދީ އަލްޢަރަބިއްޔާ ނޫހުން ބުނެފައި ވަނީ އީރާނުން ޙިޒްބުﷲއާ އަޅާނުލައި ދޫކޮށްލީ ކަމަށެވެ. އަދި ޙިޒްބުﷲގެ ސަޕޯޓަރުން ކަމަށް ބުނާ ބައެއް މީހުންގެ އިންޓަރވިއުވެސް އީރާނަށް ފާޑުކިޔަމުން ގެނަސްދީފައި ވެއެވެ.
އަލްޢަރަބިއްޔާއަކީ ޒަޔަނިސްޓު ފިކުރުގެ މީޑިއާއެކެވެ. އާދަވެގެން އިޒްރޭލަށް ސަޕޯޓު ކޮށް ލިޔުންތައް ޝާއިޢު ކުރާ އޮންލައިނެކެވެ.
ސަޢުދީ ޢުކާޒު ނޫހުންވެސް ވަނީ އީރާނަށް ފާޑު ކިޔާފައެވެ. ޢުކާޒު ނޫހުގައި ބުނެފައި ވަނީ އީރާނަކީ އެތައް ޒަމާނެއް ވަންދެން ކާޕެޓެއް ވިއުމުގެ މަސައްކަތުގައި އުޅޭ މީހެއްފަދަ ޤައުމެކެވެ. ކާޕެޓް ވިޔެ ނިމުމުން ކާޕެޓް ވިއްކާލާނެއެވެ. މި މިސާލުގައި ވިއްކާލި ކާޕެޓަކީ ޙިޒްބުﷲ އެވެ.
އިޒްރޭލުގެ ޒަޔަނިސްޓުން ބޭނުން ވަނީ އީރާން ހަނގުރާމައިގެ ތެރެއަށް ވައްދައި ހަނގުރާމައިގެ ދާއިރާ ފުޅާ ކުރާށެވެ. މިހާރު އިސްލާމީ ޤައުމުތަކުގެ ތެރޭން މެދުއިރުމަތީގައި އޮތް މުސްތަޤިއްލު ސިޔާސަތެއް ގެންގުޅޭ އަމިއްލައަށް ފުދިފައިވާ އަދި އެމެރިކާއާއި ޒަޔަނިސްޓުންނަށް ބަރޯސާ ނުވާ ހަމައެކަނި ޤައުމަކީ އީރާނެވެ. އީރާނުން ފިޔަވަޅެއް އަޅައިފިނަމަ އިރާގަށް ހެދިގޮތަށް ހެދުމަށް، އިޒްރޭލަށް ހަތިޔާރު ސަޕްލައިކޮށް، ހަމަނުޖެހުމަށް ޕެޓްރޯލު އަޅަމުންދާ އެމެރިކާ އޮތީ ތައްޔާރަށެވެ.