ޕްލާސްޓިކު ކޮތަޅުގެ އަގު ބޮޑުވުމާ ގުޅިގެން ސަރުކާރުން ހުށަހެޅި އިސްލާހަށް ދެކޮޅުހައްދަވައި، މިހާރު އޮތް ގޮތަށް ކޮތަޅު އަގު ބޮޑުވުމަކީވެސް މައްސަލައެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ، މިއަދު ޕްލާސްޓިކް ކޮތަޅުން އަގު ނަގަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކުނި މެނޭޖް ކުރުމާ ބެހޭ ގާނޫނުގައި ހުރި މައްސަލަ ހައްލު ކުރުމަށް އަލުން އެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލުގެ ބަހުސަށް ހުޅުވާލުމަށްފަހު ވާހަކަ ދައްކަވަމުންނެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ބާޒާރަށްދަމުން ކޮތަޅެއް ހިފައިގެން ދާން ރާއްޖޭގެ އެއްވެސް ރައްޔިތަކު އިންކާރު ނުކުރާނެ ކަމަށާއި އެގޮތަށް އެކަން ބަދަލު ކުރަން ސަރުކާރުން ހުށަހެޅީ ދެތިން ސޯޝަލް މީޑިއާ ޕޯސްޓެއްގެ ސަބަބުން ކަމަށްވެސް ވިދާޅުވިއެވެ.
"އެކަމުގައި މައްސަލައެއް ނުވެސް ނެތް، ދެތިން ސޯޝަލް މީޑިއާ ޕޯސްޓެއް ފެނިފައި ކުއްލިއަކަށް ކޮންމެސް ބޭފުޅުން ކޮޅެއް ކަންބޮޑުވެލައްވައިގެން މިކަމަށް އެޓެންޑް ވެލައްވަން ޖެހިވަޑައިގަންނަވާ ކަމަށް ދެކެވަޑައިގަތީ،"
މަޖިލިސް ރައީސް ވިދާޅުވީ، ރާއްޖޭގެ ގިނަ މީހުން އެދެނީވެސް އަދި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން އިންތިހާބުވެ ވަޑައިގެންފައި ވަނީ ވެސް ޕްލާސްޓިކު މަދު ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ރައްޔިތުން ގާތުގައި ވައުދުވެވަޑައިގެން ކަމަށެވެ. އެގޮތަށް މަސައްކަތް ކުރާއިރު، ނުރުހުންވާ ފަރާތްތަކެއް ތިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެންމެނަށް މި އެނގޭ އެއްޗަކީ ކަމެއް ހުއްޓުވުމަށް މިއޮތީ ދެގޮތޭ، އެއްގޮތަކީ އުގޫބާތެއް ކަނޑައެޅުމޭ އަނެއްގޮތަކީ ޓެކްސްއެއް ފީއެއް ނެގުމޭ، މީގެން އުގޫބާތެއް ކަނޑަނާޅާ ޓެކްސްއެއް ފީއެއް ނަގައިގެން ކުރިއަށްގެންދެވޭ ގޮތަށް މިއޮތީ،"
"އަޅުގަނޑަށް ފެންނަ ފެނުމުގައި ރާއްޖޭގެ އެއްވެސް ރައްޔިތަކު އިންކާރެއް ނުކުރާނެ، ބާޒާރަށްދަމުން ކޮތަޅެއް ހިފައިގެން ދާކަށް، އެއިކީއެއް މިރާއްޖޭގައި އެކަނި މީހުން ކުރާ ކަމެއް ނޫން، އަދި އެ ކޮތަޅު ގިނަގިނައިން ބޭނުންކުރުން އެއީ އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގެ ރައްޔިތުންނަށް ދިރިއުޅުމަށް ތަކުލީފަކަށް ވެގެންނެއްނުދާނެ،"
އެހެންކަމުން ބާޒާރަށްދަމުން ކޮތަޅެއް ހިފައިގެން ދާން އެކަކުވެސް އިންކާރު ނުކުރާނެ ކަމަށާއި އެ ކޮތަޅު ގިނަގިނައިން ބޭނުންކުރުމަކީ ރައްޔިތުންގެ ދިރިއުޅުމަށް ތަކުލީފަކަށް ވެގެންނުދާނެ ކަމަށްވެސް ވިދާޅުވިއެވެ.