މިއަހަރުގެ އޯލެވެލް، އައި.ޖީ.އެސް.އީ އަދި އެސް.އެސް.ސީ މިއަދު ފެށިއްޖެއެވެ. ރާއްޖެއިން އާޓް އެންޑް ޑިޒައިން ކިޔަވާ 176 ދަރިވަރުންނާއެކު އޯލެވެލް އިމްތިހާނު މިއަހަރު ފެށީ މިމަހު 12 ގައެވެ.

މިއަހަރުގެ މި އިމްތިހާނުގައި އާޓް އެންޑް ޑިޒައިން މާއްދާ ރޯދަ މަސް ތެރޭ ބޭއްވި ނަމަވެސް ދެން ހުރި މާއްދާތައް ބާއްވަން ހަމަޖެއްސީ ރޯދައިގެ ފަހަށެވެ. އެގޮތުން މިއަހަރުގެ އޯލެވެލް، އައި.ޖީ.އެސް.އީ އަދި އެސް.އެސް.ސީގައި މިއަދު ކުރިއަށްދަނީ އިސްލާމީ ތަރުބިއްޔަތުގެ ކަރުދާސް 1ގެ އިމްތިހާނެވެ.

އަރަބި މާއްދާގެ އިމްތިހާން މި މަހުގެ 27 ގައި ބާއްވަން ހަމަޖެހިފައިވާ އިރު ދިވެހި މާއްދާ އޮންނާނީ މި މަހުގެ 29 އަދި 30 ވަނަ ދުވަހުއެވެ. ދެން ހުރި މާއްދާތަކުގެ އިމްތިހާންތައް އަންނަ މަހުގެ 2 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާނެއެވެ. ބައޮލޮޖީ މާއްދާގެ އިމްތިހާނާއެކު އޯލެވެލް އިމްތިހާން ނިންމާލުމަށް ތާވަލު ކޮށްފައި ވަނީ ޖޫން މަހުގެ 8 ވަނަ ދުވަހުއެެވެ.

އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އެސް.އެސް.ސީ އިމްތިހާނުގައި މިއަހަރު 6107 ކެންޑިޑޭޓުން ބައިވެރިވާއިރު މިއީ މިދިޔަ އަހަރަށް ވުރެ 444 ކެންޑިޑޭޓުން އިތުރު އަދަދެއް ކަމަށެވެ.

ކޭމްބްރިޖް އައި.ޖީ.އެސް.އީ އިމްތިޙާނުގައި މިއަހަރު 6698 ކެންޑިޑޭޓުން ބައިވެރިވާއިރު އެއީ މިދިޔަ އަހަރަށް ވުރެ 759 ކެންޑިޑޭޓުން އިތުރު އަދަދެއް ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

މިއަހަރުގެ އޯލެވެލް، އައި.ޖީ.އެސް.އީ އަދި އެސް.އެސް.ސީ 245 ސެންޓަރެއްގައި ކުރިއަށްދާނެ އެވެ.