ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އިން އިލެކްޝަންސް ކޮމިޝަނަށް ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ 125،000 ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ޑީއާރްޕީގެ މައްސަލަ އިލެކްޝަނުން ސިވލް ކޯޓަށް ހުށަހަޅާފައި ވަނީ އެ ޕާޓީގެ ތިން އަހަރުގެ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓް ހުށަނޭޅުމުން ކޮށްފައިވާ ޖޫރިމަނާގެ ފައިސާ ހޯދުމަށެވެ.

އެ މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ޑީއަރްޕީން އިލެކްޝަންސް ކޮމިޝަނަށް ދައްކަން ޖެހޭ 125،000 ރުފިޔާ ޑިސްޕިއުޓް މަރުހަލާގައި ދެ ފަރާތުން އެއްބަސްވާ ގޮތަކަށް ހަ މަސްދުވަހުގެ ތެރޭގައި ދެއްކުމަށެވެ. އެ ގޮތުން އަންނަ މަހުން ފެށިގެން އެ ފައިސާ ދައްކަން ފަށަންވާނެ ކަމަށް އެ ހުކުުމްގައި ވެއެވެ.

ފައިސާ ހޯދަން އީސީން ކޯޓަށް ދިޔައީ ފައިސާ ދައްކަން ތިން ފަހަރެއްގެ މަތިން މުހުލަތު ދިނުމުން ވެސް ފައިސާ ނުދެއްކުމުންނެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅުމުން ޑީއާރުޕީން އެ ދައުވާއަކަށް އިންކާރެއް ނުކުރެއެވެ.