34 އަހަރަށް ވުރެ ގިނަ ދުވަހު އެމްއެންޑީއެފަށް ހިދުމަތް ކުރެއްވި މޭޖާ އަލީ ސަލީމް މިއަދު އަވަހާރަވެއްޖެ އެވެ.

އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގައި އިސްކޮށް މަސައްކަތް ކުރެއްވި މޭޖާ ސަލީމް އަވަހާރަވީ އައިޖީއެމްއެޗްގައި ސިއްހީ ހާލުކޮޅު ގޯސްވެގެން ފަރުވާ ދެމުން ދަނިކޮށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަލީމް މިއަދުވެސް ސިފައިންގެ ވަޒީފާއަށް ނިކުމެވަޑައިގެންނެވި ކަމަށްވެއެވެ.

މޭޖަރ ޢަލީ ސަލީމް އަވަހާރަވި ހަބަރު އެއްސެވީ ވަރަށް ފުންހިތާމައާ އެކުގައި ކަމަށް ޗީފް އޮފް ޑިފެންސްފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ވިދާޅުވެފައެވެ.

"މޭޖަ އަލީ ސަލީމަކީ، ދިވެހި އަސްކަރީ ހިދުމަތުގައި އިހްލާސްތެރިކަމާއި ވަފާތެރިކަން މަތީ 34 އަހަރު ދުވަހު އަގުނުކުރެވޭފަދަ އެތައް ހުދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭކަލެކެވެ. ހާއްސަކޮށް، ފަޔަ ފައިޓަރުން ތަމްރީން ކުރެއްވުމުގައި އަދާކުރައްވާފައިވާ ދައުރު ފާހަގަކޮށްލެވެއެވެ" - މޭޖަ ޖެނެރަލް ޝަމާލް ވިދާޅުވިއެވެ.