އެކަލޭގެފާނުގެ ނަންފުޅަކީ އަބޫ ޢަބްދުއްރަޙްމާން بقي بن مخلد އަލް އަންދަލުސީ އަލް ޙާފިޛެވެ. އުފަންވެވަޑައިގަތީ ހިޖުރައިން 201 ވަނަ އަހަރު އެވެ. އަވަހާރަވީ ހިޖުރައިން 276 ވަނަ އަހަރުއެވެ.
އުމުރުފުޅުން ގާތްގަނޑަކަށް ވިހި އަހަރުގައި އަންދަލުސް އިން ބަޣްދާދަށް ފައިމަގުގައި ދަތުރުކުރެއްވިއެވެ. ދިގު މި ރާސްތާ އެކަލޭގެފާނު ކަޑައްތު ކުރެއްވީ ސަވާރުވާނެ އަހެއް، ޖަމަލެއް ނެތިއެވެ. ހަމައެކަނި އެދުމަކީ އިމާމް އަޙްމަދު ބިން ޙަންބަލް އާ ބައްދަލުކުރައްވައި އެކަލޭގެފާނުގެ އަރިހުން ޢިލްމު ޙާސިލްކުރެއްވުމެވެ.
އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. "އަހުރެން ބަޣްދާދާ ގާތްވިއިރު، އިމާމް އަހުމަދު ބިން ހަންބަލްގެ މަށްޗަށް ދަޢުވާކޮށް ޝަރީއަތް ކުރެވެމުން ދާކަމުގެ ޚަބަރު ލިބުނެވެ. އަދި އެކަލޭގެފާނާ ބައްދަލުކުރުމާއި މުއާމަލާތްކުރުން ވެސް މަނާކޮށް، ގޭބަންދުކޮށް ކިވައިދެއްވުން ވެސް މަނާކޮށްފައި އޮތްކަމުގެ ޚަބަރު ލިބުނެވެ. މިކަމާ އަހުރެން ވަރަށް ބޮޑަށް ހިތާމަކުރީމެވެ.
ކޮންމެއަކަސް ބަޣުދާދަށް ގޮސް އަހުރެން ކޮޓަރިއެއް ކުއްޔަށް ނެގީމެވެ. އެއަށްފަހު ފުރަތަމަވެސް އަހުރެން މިސްރާބުޖެހީ [ބަޣްދާދުގެ] ބޮޑު މިސްކިތާއި ދިމާއަށެވެ. އެތަނުގައި އުނގަންނައިދޭ އެއްޗެއް އަަޑު އަހައި ދަސްކުރުމުގެ ނިޔަތުގައެވެ. ފަހެ އަހުރެން އެ ސްކިތަށް ދިޔައިރު ވަދެވުނީ ޢިލްމީ މަޖްލީހަކަށެވެ. އޭރު އެތަނުގައި މީހަކު ވާހަކަދައްކަމުން ދިޔައީ ބައެއް ރާވީންގެ ބަލިކަށިކަމާއި އަނެއް ބައެއްގެ ވަރުގަދަކަމާ ބެހަެގޮތުންނެވެ. އެހިނދު އަހުރެން އެތެރެއަށްވެދެ ހަމަޖެހިލުމަށްފަހު ކައިރީގައި އިށީނދެގެން އިން މީހާކުރެން ސުވާލުކުރީމެވެ، "އެއީ ކާކު ހެއްޔެވެ.؟" އެމީހާ ޖަވާބު ދިނެވެ. "އެއީ ޔަޙްޔާ ބުން މާޢީން” އެވެ. އެއަށްފަހު ޔަޙްޔާ އާއި ތަންކޮޅެއް ކައިރިން ހުސްޖާގައެއް ފެނުމުން އަހުރެން އަވަސް އަވަހަށް އެތަނަށް ޖެހިލާފައި ސުވާލު ކުރީމެވެ. “އޭ އަބާ ޒަކަރިއްޔާ،އެވެ.
މާތްﷲ ކަލޭގެފަަނަށް ރަޙްމަތް ލައްވާށިއެވެ. އަހުރެންނަކީ ތިޔަބައިމީހުންގެ ތެރޭގައި ބީރައްޓެއްސަކީމެވެ. އަހަރެންގެ ބައެއް ސުވާލުތައް އެބަހުއްޓެވެ،” އެހިނދު އެކަލޭގެފާނު އަހުރެންނަށް ސުވާލުކުރުމުގެ އިޛްނަ ދެއްވިއެވެ. އެހެންކަމުން ފުރުޞަތުގެ ބޭނުންހިފައި އަހުރެންނާއި ދިމާވި ބައެއް ޙަދީޘް ޢިލްމުވެރިންނާއި ބެހޭގޮތުން ސުވާލުކޮށްފީމެވެ. އެކަލޭގެފާނު އެބޭކަލުންގެ ތެރެއިން ބައެއް ބޭކަލުންނަށް ތައުރީފު ކުރައްވައި، އަނެއްބައި ބޭކަލުންގެ ބަލިކަށިކަމުގެ ވާހަކަ ދެންނެވިއެވެ.” އަދި އަހުރެން އެކަލޭގެފާނުގެ އަރިހުން ވަރަށް ގިނަ މަޢުލޫމާތު އޮޅުންފިލުވުމަށްފަހު، ހިޝާމް ބިން އައްމާރާއި ބެހޭގޮތުން ސުވާލު ކޮށްފީމެވެ. އެހިނދު އެމަޖިލީހުގައި ތިބި މީހުން ބުނަން ފަށައިފިއެވެ. “ތިބާ އަށް މިހާރު ފުދޭވަރަށް ސުވާލުކުރެވިއްޖެއެވެ. މާތްﷲ ތިބާއަށް ރަޙްމަތް ލައްވާށިއެވެ. އެހެން މީހުންގެ ވެސް ސުވާލުތައް އެބަހުއްޓެވެ.”
އެންމެ ފަހުން އަހަރެން އެމަޖީސް ދޫކޮށް ދިޔުމަށްޓަކައި ތެދުވެފައި ބުނީމެވެ. “އަދި އެއް ބޭފުޅެއްގެ ވާހަކަ އަހަންނަށް އޮޅުންފިލުވައިދެވިދާނެތޯއެވެ.؟ އަޙްމަދު ބިން ޙަންބަލް އާއި މެދު ބުނާނީ ކީކޭތޯއެވެ.؟” އެހިނދު ޔަޙްޔާ ބިން މާޢީން އަހަރެންނާއި ދިމާއަށް ހައިރާންވެފައި ބަލާލަމުން ވިދާޅުވިއެވެ. “އަޙްމަދު ބިން ޙަންބަލް ފަދަ މީހެއް، އަހަރެމެން ކަހަލަ މީހަކަށް ޖަޖް ކުރެވިދާނެތޯއެވެ؟ އެކަލޭގެފާނަކީ މުސްލިމުންގެ އިމާމެވެ. އަހުރެމެންގެތޭގައި ހުރި އެންމެ މޮޅު އަދި އެންމެ ޝަރަފުވެރި އިމާމެވެ.”
ފަހެ އެހިނދު އަހުރެން މިސްކިތުން ނިކުމެ ސީދާ އިމާމް އަޙްމަދު ބުން ޙަންބަލްގެ ގެކޮޅާ ދިމާއަށް މިސްރާބު ޖެހީމެވެ. އަދި އެކަލޭގެފާނުގެ ގެކޮޅު ކައިރިޔަށް ގޮސް ދޮރުގައި ޓަކި ޖަހައިފީމެވެ. އެކަލޭގެފާނު އިޖާބަ ދެއްވުމުން އަހުރެން ބުނެފީމެވެ. "އޭ އަބާ ޢަބްދުﷲ އެވެ. އަހުރެންނަކީ ދުރު ތަނަކުން މިތަންށް އައިސް ހުރި ބީރައްޓެއްސަކީމެވެ. މިއީ އަހުރެން މި ބިމަށް އައި ފުރަތަމަ ފަހަރެވެ. އަހުރެންނަކީ ޙަދީޘް އުނގެނޭ ދަރިވަރަކީމެވެ. އަދި ސުންނަތަށް ލޯބިކުރާ މީހަކީމެވެ. އަހުރެން މިދަތުރުކުރީ ހަމަ އެކަނި ކަލޭގެފާނާއި ބައްދަލުކޮށް، ކަލޭގެފާނުގެ އަރިހުން އުނގެނުމަށެވެ.” އެހިނދު އެކަލޭގެފާނު ވިދާލުވިއެވެ، "އެއްވެސް ލޮލަކަށް ނުފެންނަ ގޮތަށް ގޯޅިގަނޑުން ލާފައި އެތެރެއަށް ވަންނާށެވެ.” އެއަށްފަހު އަހުރެން ވަނުމުން ސުވާލުކުރެއްވިއެވެ. “ކަލޭގެ ވަޒަނަކީ ކޮބައި ހެއްޔެވެ.؟” އަހަރެން ބުނީމެވެ. "ހުޅަނގުފަރާތުގެ ދުރުހިސާބެކެވެ." އެކަލޭގެފާނު ސުވާލުކުރެއްވިއެވެ. "އެފްރިކާ ހެއްޔެވެ.؟” އަހަރެން ބުނީމެވެ. "އެއަށްވުރެވެސް މާ ދުރެވެ. އަހަރެންގެ ބިމުން އެފްރިކާއަށް ދިއުމަށްޓަކައި ކަނޑު ހުރަސްކޮށް ދަތުރުކުރަން ޖެހޭނެއެވެ. އެއީ އަންދަލުސް އެވެ.” އެކަލޭގެފާނު ވިދާޅުވިއެވެ. “ހަމަޔަގީނުންވެސް ތިޔައީ ވަރަށް ދުރުހިސާބެކެވެ. އަދި ތިބާ ފަދަ ޢިލްމަށް ފެންބޮވައިގެންފައިވާ މީހަކަށް އެހީތެެރިވުމަށް ވުރެ އަހުރެން ލޯބިކުރާ އެހެން އެއްވެސް ކަމެއް ނުވެއެވެ. އެހެނަސް ތިބާއަށް ވެސް އެނގޭނޭ ފަދައިން އެކަމަށްޓަކައި އަހަރެންގެ މައްޗަށް މިވަނީ ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވެފައެވެ.” އަހަރެން ވަގުތުން ޖަވާބު ދިނީމެވެ. "އަހުރެން ކަލޭގެފަަާނު އަރިހަށް އަންނަން، ބަޣުދާދާއި ކައިރިވެފައި ހުއްޓައި ތިޔަޚަބަރު އަހަރެންނާއި ހަމައަށް ވަނީ ފޯރާފައެވެ.
އޭ އަބާ ޢަބްދުﷲ އެވެ. މިއީ އަހަރެން މި ބިމަށް އައި ފުރަތަމަ ފަހަރެވެ. އަދި މިތަނުގެ އަހުލުވެރިނަށް އަހުރެން ނޭނގޭނެވެ. ކަލޭގެފާނު އަހަންނަށް ހުއްދަ ދެއްވައިފި ނަމަ ކޮންމެ ދުވަހަކުވެސް ސަލާން ޖަހާ މީހެއްގެ ހެދުމުގައި އަހުރެން ކަލޭގެފާނުގެ އަރިހަށް އަތުވެދާނަމެވެ. އަދި އެމީހުން ވާހަކަ ދައްކާ ގޮތަށް އަހަރެން ވާހަކަ ދައްކަފާނަމެވެ. ދެން ކަލޭގެފާނު ދޮރުކޮޅު ކައިރިޔަށް ވަޑައިގެން ދުވާލަކު ހަދީޘެއް އަހުރެންނަށް އުނގަންނައި ދެއްވިޔަސް އެވަރުން އަހުރެންނަށް ފުދޭނެއެވެ.”
ދެންފަހެ އެކަލޭގެފާނު އެކަމަށް އެއްބަސްވެވަޑައިގަތެވެ. އެއީ އަހުރެން ބަޣުދާދުގެ ޢިލްމީ މަޖިލީސްތަކުގައި ބައިވެރިނުވުމަށާއި، ޙަދީޘް ޢިލްމުވެރިންނާ ބައްދަލުނުކުރުމަށް ޝަރުޠުކޮށްފިއެވެ. އެއީ މީސްތަކުންނަށް އަހުރެންނަކީ ކާކުކަން އެނގުނަ ނުދިނުމަށެވެ.” އެހެންކަމުން އަހަރެން ކޮންމެ ދުވަހަކުވެސް އަސާގަނޑެއް ހިފައިގެން ބޮލުގައި ދުވަސްވެ ބާވެފައި އޮތް ފޮތިގަނޑެއް އޮޅާލައިގެން، އަހުރެން ލިޔެކިޔުމަށް ބޭނުންވާ ކަރުދާސްތަކާއި ލިޔުމުގެ އާލާތްތައް އަހަރެންގެ ހެދުމުގެ އަތުކުރިޔަށް ލައި ފޮރުވައިގެން އެކަލޭގެފާނުގެ ގެކޮޅުގެ ދޮރުމައްޗަށް ގޮސް ގޮވާލަމެވެ. “ﷲ އަށްޓަކައި އަހުރެންނަށް އެހީތެެރިކަމެއް ވެދެއްވާށެވެ. މާތް ﷲ ތިބާ އަށް ރަޙުމަތްލައްވާނެއެވެ.” އެއީ އެތަނުގެ ސަލާންޖަހާ އެހެން މީހުންވެސް ކަންތައްކުރާ ފަދައިންނެވެ.
ދެން އެކަލޭގެފާނު ދޮރުމަށްޗަށް ނިކުމެވަޑައިގެން، ގޭގެދޮރުކޮޅު ލައްޕަވައިގެން ހުންނަވައި އަހުރެންނަށް ދެތިން ހަދީޘް އުނގަންނައި ދެއްވައެވެ. ބައެއް ދުވަސް ދުވަހު އެއަށްވުރެ އިތުރަށެވެ. ފަހެ މިގޮތަށް އަހުރެން ތިންސަތޭކައެއްހާ ޙަދީޘް އެއްކުރީމެވެ. ކޮންމެއަކަސް މިގޮތުގައި ދުވަސްތަކެއް ފާއިތުވެގެން ގޮސް، އިމާމް އަޙްމަދަށް ތަކުލީފް ޖައްސައި އަނިޔާވެެރިވި ވެރިޔާގެ ބަދަލުގައި ސުންނަތް މަޒްހަބަށް ތަބާވާ ބޭފުޅަކު އައިސް އެއަނިޔާވެރިކަން ނިމުނެވެ. އެދުވަހާއި ހަމަޔަށްވެސް އަހުރެން އެގޮތުގައި ދެމިހުރީމެވެ. އެއަށްފަހު އިމާމް އަޙްމަދު އުނގަންނައިދިނުމަށް އެނބުރި ވަޑައިގަތެވެ. އަދި އެކަލޭގެފާނުގެ ނަން މަޝްހޫރުވެ، މީސްތަކުންގެ ތެރޭގައި ޝަރަފުވެރިކަމާއި ލޯބި ލިބިވަޑައިގެންނެވިއެވެ.
އެކަލޭގެފާނުގެ ދަރަޖަ މަތިވެ، އެކަލޭގެފާނުގެ އަރިހުން އުނގެނުމަށްޓަކައި އެތައް ބަޔަކު ޖަމަައުވާން ފެށިއެވެ. ފަހެ އަހުރެން އެކަލޭގެފާނު އަރިހުން އުނގެނެން އުޅުމުގައި ކެތްތެރިވި ވަރާއި އެކަމަށް ފެންބޮވައިގެންފައި ހުރި މިންވަރު އެކަލޭގެފާނު ދެނެވަޑައިގަންނަވައެވެ. އެހެންކަމުން އަހަރެން އެކަލޭގެފާނުގެ ދަރުސްތަކަށް ހާޒިރުވާއިރު އެކަލޭގެފާނުގެ އަރިހުގައި އަހުރެންނަށް އިށީނދެވޭނެ ޚާއްޞަ ޖާގައެއް ހައްދަވައިދެއްވައެވެ. އަދި އެހެން ދަރިވަރުން ގާތު އަހުރެންނަށް އިޝާރާތްކޮށްފައި ވިދާޅުވައެވެ. “މިއީ ތާލިބުލް އިލްމުގެ ލަގަބު ހޯދާފައިވާ މީހެކެވެ.” އަދި އަހަރެންގެ ވާހަކަ ދަރިވަރުންށް ކިޔައިދެއްވައެވެ. ކޮންމެއަކަސް މިގޮތުގައި ފޯރިޔާ އެކު ކިޔެވުން ކުރިޔަށް ގެންދަނިކޮށް އެއްދުވަހަކު އަހަރެން ބަލިވިއެވެ. އަދި އެކަލޭގެފާނުގެ ދަރުސްތަކަށް ހާޒިރުނުވެވި ދުވަސްކޮޅެއް ވިއެވެ.
ފަހެ އެކަލޭގެފާނަށް އެކަން ފާހަނގަކުރެވި ދަރިވަރުން ކުރެން އަހުރެންގެ ޚަބަރު އެއްސެވިއެވެ. އަދި އަހުރެން ބަލިވެއުޅޭ ކަމުގެ ޚަބަރު ދިނުމުން ވަގުތުން ތެދުވެވަޑައިގެން އަހަރެންނަށް ޒިޔާރަތްކުމަށް މިސްރާބުޖެއްސެވިއެވެ. އެކަލޭގެފާނު ފަހަތްޕުޅުން ދަރިވަރުންތައް ސަފަކަށް އާދެއެވެ. އޭރު އަހުރެން އޮތީ ކުއްޔަށް ހިފާފައިވާ ކޮޓަރީގެ ބިންމަތީގައި އޮތް ދެރަވަރު ރަޖާގަނޑެއްގެ މަތީގައި، ތުނިނތުނި ފޮތިގަޑެއް ގައިމަތީ އަޅައިގެންނެވެ. އަހަރެންގެ ފޮތްތައް އަހަރެންގެ ބޯކައިރީގައި ހުއްޓެވެ. އެއީ އޮށޯވެލައިގެން އޮވެވެސް އަހުރެންނަށް ކިޔަވާލެވޭނެ ގޮތަށެވެ. "ދެންފަހެ އަހުރެންގެ ކޮޓަރީގެ ހަމަހިމޭން ކަން ފޫއަޅުވާލީ އެތައް ބަޔަކު ވަދެގެން އަންނަ އަޑާއެކުއެވެ. އެމީހުން ބުނާ އަޑު އަހުރެންނަށް އިވުނެވެ. “އޭނާ އެއޮތީ އެކޮޅުގައެވެ.”
އެހިނދު އެތަނުގެ މަސައްކަތު މީހާ އަހަރެންގެ ގާތަށް ދުވެފައި އައިސް ބުންޏެވެ. "ޔާ އަބުދުއްރަހްމާންއެވެ. އަބޫ އަބްދުالله އަހުމަދު ބިން ހަންބަލް، މުސްލިމުންގެ އިމާމް، ތިބާއަށް ޒިޔާރަތް ކުރަން އައިސްފިއެވެ. އެހެން ބުނިތަނާ އިމާމު އަޙުމަދު އަހަރެންގެ ކޮޓަރިއަށް ވަދެވަޑައިގެން އައިސް އަހަރެންގެ ކައިރީގައި އިށީނދެވަޑައިގަތެވެ. އޭރު ކޮޓަރި ފުރި ބާރުވެފައި އޮތީ އެކަލޭގެފާނުގެ ދަރިވަރުންނާގެނެވެ.
އެންމެންނަށް އިށީނދެވޭނެ ގޮތެއް ނެތުމުން އެއްބަޔަކު ތިބީ ކޮޅަށެވެ. އެންމެން ތިބީ ގަލަން ހިފައިގެންނެވެ. އަދި އެކަލޭގެފާނު ވިދާޅުވާ ކޮންމެ ބަސްފުޅެއް ލިޔަން ގަލަންތައް ހަރަކާތް ކުރަމުން ދިޔަތަން އަހުރެންގެ ލޮލުން ދުށީމެވެ. އެޔަށްފަހު، އަހުރެންނަށް ހެޔޮ ދުއާކުރުރެއްވުމަށްފަހު އެކަލޭގެފާނު ވަަޑައިގެންގިއެވެ. އޭގެފަހުން އަހުރެން ކުއްޔަށް އުޅޭ ތަނުގެ މަސައްކަތްތެރިން އަހުރެންނަށް ވަރަށް އޯގާތެރިއެވެ. އަދި މެދުނުކެނޑި އަހުރެންގެ ޚިދުމަތުގައި ތިއްބެއެވެ. އޭގެ ތެރެއިން އެކަކު އަހަންނަށް އޮށޯންނާނެ ގޮދަޑިއެއް ގެނެސްދިނެވެ. އެހެން މީހަކު އަހަންނަށް މޮޅުރަޖައެއް ގެނެސްދިނެވެ. އަދި އަބަދުވެސް ރަނގަޅު ކާނާ ފޯރުކޮށްދެއެވެ. އޭގެފަހުން އެމީހުން އަހަރެންނާ މެދު ކަންތައްކުރީ އާއިލާ މީހުންނަށްވުރެވެސް ރަނގަޅަށެވެ. އެހެނީ އެފަދަ ޞާލިޙު މީހަކު އަހަރެންނަށް ޒިޔާރަތް ކުރަން އައުމުންނެވެ.
ޢަބްދުއްރަޙްމާން بقي بن مخلد އަލް އަންދަލުސީ އާއި ބެހޭގޮތުން އެކަލޭގެފަަނުގެ ދަރިވަރު އަބޫ ޢަބްދުލްމަލިކު އަޙްމަދު ބިން މުޙައްމަދު އަލްޤުރްޠުބީ ވިދާޅުވެފައި ވެއެވެ. "ބަޤީއްޔު ބުން މަޚްލާދަކީ އިސްކޮޅުން ދިގު، ވަރުގަދަ، ކެތްތެރި ބޭފުޅެކެވެ. އަހަރެން ދުވަހަކުވެސް އެކަލޭގެފާނު ސަވާރީއެއްގައި އުޅުއްވަނިކޮށް ނުދެކެމެވެ. އެކަލޭގެފާނަކީ ވަރަށް ހިތްތިރި ބޭކަލެކެވެ. ގަވާއިދުން ޖަނަަޒާތަކުގައި ބައިވެއެވެ. އެކަލޭގެފާނާ ބެހޭގޮތުން އިމާމް އަބުލް ވަލީދު (ރަޙިމަހުالله) ވިދާޅުވެފައިވެއެވެ. “އިމާމް بقي بن مخلد (ރަޙިމަޙުالله) ވިދާޅުވެފައިވެއެވެ “ހަމަކަށަވަރުން އަޅުގަނޑު ދަންނަ މީހަކު (އެކަލޭގެފާނުގެ އަމިއްލަ ނަފްސަށް އިޝާރާތްކޮށް) ކިޔަވަން އުޅުނު ދުވަސްވަރު، ދުވަސްތައް ފާއިތުވެގެން ދަނީ ކާނެ އެއްޗެއް ނުލިބިއެވެ. ކުނިގޮނޑަށް އުކާލާ ކެބެޖު ފަތް ފިޔަވައެވެ.” އެކަލޭގެފާނުގެ ކެތްތެރިކަމާއި ޢިލްމަށް ހުރި ޝައުޤުވެރިކަމާއި، ޢިލްމު ޙާޞިލުކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅާއި އުފުއްލެވި ތަކުލީފަކީ ލާމަސީލު މިސާލެކެވެ.
- މަސްދަރު: ސަފަޙާތު މިން ސަބްރް އަލް-ޢުލަމާ / ޝެއިޚް އަބުދުލް ފައްތާޙް އަބޫ ޣުއްދާ