ޓެރަރިޒަމްގެ ދައުވާ ކުރާ އަބްދުﷲ އަލިމަނިކު(އަބޫސުހާ) ތަންފީޒުކުރާ ހުކުމުން މިނިވަންކޮށް ދޫކޮށްލި ސަބަބު ސަރުކާރުން ހާމަނުކުރާތީ އެ މައުލޫމާތު ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. އަބްދުﷲ އަލިމަނިކަށް ޓެރަރިޒަމްގެ ދައުވާ ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅުވައިގެންނެވެ. އެ މައުލޫމާތު ހޯދަން މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.
ހަސަން ލަތީފް ފޮނުއްވި ސިޓީގައިވަނީ އަލިމަނިކަކީ ޓެރަރިޒަމްގެ މައްސަލައެއްގައި 15 މެއި 2008 އިން ފެށިގެން 10 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ މީހެއްކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް 10 އޮގަސްޓް 2019 ގައި "މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު"ގެ ދަށުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.
އަދި އަލިމަނިކުގެ ޖަލު ހުކުމް މާފު ކޮށްފައި ވަނީ ޑައިރެކްޓާ އޮފް ޕްރިޒަންސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށާއި އޭނާގެ އަހުލާގީ ރިޕޯޓަށް ބަލާފައިކަމަށް ބުނެފައި ވީނަމަވެސް އޭނާގެ އަހުލާގީ ރިޕޯޓު ތައްޔާރު ކޮށްފައި ވަނީ 1 ސެޕްޓެމްބަރު 2021 ގައި ކަމަށެވެ. 2019 ގައި ދޫކޮށްލި މީހަކުގެ ޝަރުތު ހަމަވޭތޯ 2021 ގައި ތައްޔާރުކުރި ރިޕޯޓަކުން ބަލާނީ ކިހިނެއްހެއްޔެވެ. އަދި ޑައިރެކްޓާ އޮފް ޕްރިޒަންސްގެ ރިޕޯޓު ތައްޔާރުކޮށްފައި ވަނީ އަހުލާގީ ރިޕޯޓަށް ބަލައިގެން ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ހަސަން ލަތީފުގެ ސިޓީގައި ވިދާޅުވެފައި ވަނީ، އެ މައުލޫމާތު ހޯދަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީން 17 އޮކްޓޫބަރު 2021ގައާއި 23 މެއި 2022 ގައި ރައީސް އޮފީހުގައި އެދުމުންވެސް ޖަވާބެއް ދީފައިނުވާ ކަމަށެވެ. އެހެންކަމުން އެ މައްސަލާގައި ރައީސް އޮފީހުގެ ބަހެއް ލިބޭނެ ގޮތް ހައްދަވައި ދިނުމަށް ސިޓީގައިވެއެވެ.
އަލިމަނިކަކީ 2007 ވަނަ އަހަރު ސަލާމަތީ ބާރުތަކާ ދެކޮޅަށް އއ. ހިމަންދޫގައި ހަމަލާދީފައިވާ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އަލިމަނިކަށް ވަނީ 10 އަހަރުގެ ޖަލު ހުކުން ކޮށްފައިވަނީ 2008ވަނަ އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހުގައެވެ. ޖަލުގައިވެސް އަލިމަނިކަކީ ހިމަންދޫ ބައި މީހުންގެ ވަކި ޖަމާއަތެއް ހަދައި އެޖަމާއަތް ބޮޑުކުރުމަށް އިތުރު ގައިދީން އެއްކޮށް ޖަލުގައިވެސް ވަކި ގޮތަކަށް އުޅޭ ކަމަށް މަޝްހޫރު މީހެކެވެ. ޖަލުގައި މީނާގެއަސްލު ނަމަށްވުރެ، (އަބޫސުހާ؛ މާނަ:ސުހާގެ ބައްޕަ) ވަނަމުން ދަންނަ މީހުންގިނައެވެ. ނަމަވެސް ޖަލަށްލާފައި ވަނިކޮށް ދެ ފަހަރެއްގެ މަތިން އޭނާ ވަނީ ޖަލުން ފިލައިފައެވެ.
އޭގެ ފަހުން 18 ޖޫން 2021ގައި ހަނގުރާމަތަކަށް ދިވެހީން ފޮނުވުމުގައި އިސްދައުރެއް އަދާކުރުމުގެ ތުހުމަތާއި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ޓެރަރިޒަމް ހަމަލާއެއް ރާވަމުންދާކަމަށް ތުހުމަތުގައި އަބްދުﷲއަލީ ހައްޔަރުކުރިއެވެ. އެންމެފަހުން އޭނާ ހައްޔަރުކުރީ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ރޭވުމުގެ ތުހުމަތުގައެވެ.