ޓުވިޓާގައި، ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކައުންޓްގެ އަސްލު ހޯދަން ތަހުގީގު ފަށާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ހަސަން ކުރުސީ އަކީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރައްވަމުން ގެންދަވަނިކޮށް އެ އެކައުންޓްގެ އަސްލު ހޯއްދަވައި ދެއްވަން އެދި ރައީސް ނަޝީދު ވަނީ ފުލުހުންނަށް މައްސަލަ ހުށަހެޅުއްވާފައެވެ.

ރައީސް ނަޝީދު "ހަސަން ކުރުސީ" ގެ ސަބަބުން އިންތިހާ އަށް ގެއްލުންތަކެއް ލިބިވަޑައިގަންނަވަމުންދާ ކަމަށް ވިދާޅުވެ، އެކަން ފުލުހުންނަށް ހުށަހެޅުއްވީ މި މަހުގެ 17 ގައެވެ.

ހަސަން ކުރުސީގެ އަސްލު ހޯދުމުގެ މަސައްކަތް ފުލުހުން ފައްޓާފައިވާއިރު އެ އެކައުންޓުން ދަނީ ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރުގެ އެކި އިސް އޮފިޝަލުންގެ ޒާތީ މައުލޫމާތުތަކާއި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ކަމަށްބުނެ ތަފާތު އެކި މައުލޫމާތު ޓުވިޓާގައި އެކި ގޮތްގޮތަށް ހިއްސާކުރަމުންނެވެ.

ނަޝީދު ހުށަހެޅުއްވި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް އެބަގެންދާ ކަމަށާއި ނަމަވެސް މިވަގުތު އެތަހުގީގާއި ގުޅޭ ގޮތުން އިތުރު ތަފްސީލެއް ހާމަކުރެވެން ނެތް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ މިއަދު ވިދާޅުވެފައެވެ.