އެމް.އެމް.ޕީ.އާރު.ސީ ހިޔާނާތުގެ މައްސަލަ އަލުން ތަހުޤީގުކުރަނީ

0
ޕްރެޒިޑެންޝަލް ކޮމިޝަން އޮން
ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވަނީ – ފޮޓޯ / ޕީއެސް.އެމް ނިވްސް

ރައީސް ޔާމީންގެ ސަރުކާރުގައި ހިންގިކަމަށް ތުހުމަތުކުރާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ބޮޑު މައްސަލަ އަލުން ތަޙްޤީޤްކުރަން ރިޔާސީ ކޮމިޝަނުންފަށައިފިއެވެ.

ޚިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ “ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ”އިން އެންމެ ފުރަތަމަ ބަލަން ފެށި މައްސަލައަކީ އެމްއެމްޕީއާރުސީގެ މައްސަލަކަމަށް އެ ކޮމިޝަނުން މިއަދު ވަނީ ބުނެއެވެ.

އެ ކޮމިޝަނުން ވަނީ، އެމްއެމްޕީއާރުސީގެ މައްސަލަ ތަޙްޤީޤުކުރުމަށް ބޭނުންކުރެވިދާނެ ލިޔެކިއުމާއި މަޢުލޫމާތެއް އެއްވެސް ފަރާތެއްގެ އަތުގައި ހުރިނަމަ އެ ކޮމިޝަނާ ޙިއްސާކުރުމަށް އެދިވަޑައިގެންފައެވެ.

Advertisement

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގައި ދައުލަތައް ގެއްލިފައިވާ ފައިސާގެ އަދަދު 91.9 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 1.4 ބިލިއަން ރުފިޔާއަށް އަރާކަމަށް އެ މައްސަލަ ތަޙްޤީޤްކުރުމަށްފަހު އެންޓީކޮރަޕްޝަން ކޮމިޝަންގެ ރިޕޯޓުން ވަނީ ހާމަވެފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތެރޭގައި ރާއްޖޭގެ ރަށްރަށާއި ފަޅުފަޅުގެ އެކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދޫކޮށްފައިވާ ބޭންކް ޗެކް ނުވަތަ ބެންކް އޯޑާ ޗެކުތަކުގެ ޕީއީއެއްގެ ގޮތުގައި އެމްއެމްޕީއާރްސީގެ ނަން ލިޔެފައި ވީނަމަވެސް، އެ ޗެކްތައް އެންޑޯޒް ކުރުމަށް އެ ކުންފުނީގެ އޭރުގެ އެމްޑީ ސޮއިކޮށް ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖުމްލަ ބާވީސް މިލިއަން ސަތޭކަ ސާޅީސް ފަސް ހާސް އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާތީ އެކަމުގައި ބީއެމްއެލްގެ މުވައްޒަފުންތަކެއްގެ ބައިވެރިވުން އޮތްކަމަށް ތުހުމަތު ކުރެވޭ ކަމަށްވެސް އޭ.ސީ.ސީގެ ރިޕޯޓުގައި ވެއެވެ. އެހެންކަމުން އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުން ދާ ކަމަށްވެސް އޭސީސީން ވަނީ ހާމަކުރައްވާފަައިވެއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުފަޅުން އެކޯޕަރޭޝަނަށް 77.5 މިލިއަން އެމެރިކާ ޑޮލަރު ދައްކާފައިވާކަން ތަހުޤިޤަށް ޔަޤީންކުރެވުނު ނަމަވެސް އޭގެ ތެރެއިން، އެމްއެމްޕީއާރުސީގެ އެކައުންޓަށް ވަދެފައި ވަނީ 12.5 މިލިއަން އެމެރިކާ ޑޮލަރު ކަމަށް އޭސީސީގެ ރިޕޯޓުން އެނގެން އެބައޮތެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ތެރެއިން އެއް މިލިއަން ޑޮލަރު، ކުރީގެ ރައީސް އަބަދުﷲ ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކްގައި އޮންނަ އެކައުންޓަކަށް ޖަމާކޮށްފައިވާ މައްސަލަވެސް ތަހުޤިޤު ކުރަމުންދާކަމަށްވެސް އޭސީސީން ވަނީ ހާމަކުރައްވާފައެވެ. އަދި އެކަމުގައި ޝާމިލްވާ ބައެއް ފަރާތްތަކުން ރާއްޖެއިން ބޭރުގައި އުޅުނު ނަމަވެސް، ފުލުހުންނާ ގުޅިގެން އެފަރާތްތައްވެސް ޝަރީޢަތަށް ޙާޒިރުކޮށް ސުވާލު ކުރަން ނިންމާފައިވާކަމަށް އޭސީސީން މިކަމާގުޅޭގޮތުން ނެރެފައިވާ ބަޔާނުގައި ވަނީ ހާމަކުރައްވާފައެވެ. އަދި ރައީސް ޔާމީންގެ އެ އެކައުންޓުގައި ހުރި ފައިސާ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު އޭސީސީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަންވެސް އެކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ.

Advertisements