ވިލިމާލެ ކުޑަކުދިންގެ ހިޔާއާއި ހުޅުމާލެ ފިޔަވަތީގައި ދިރިއުޅޭ ކުދީންގެ ތެރެއިން 17 ކުއްޖަކު ބ.އޭދަފުށި "އަމާން ވެށި"އަށް މިއަދު ބަދަލުކޮށްފިއެވެ.

މި ކުދިންނަކީ އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ނެގިފައިވާ ކުދީންނެވެ. މި 17 ކުދިންނަށް އަމާން ވެއްޓަށް ބަދަލުކުރެއްވީ އެކުދީންނަށް އިޖުތިމާޢީ އަދި ޢާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވިއެވެ.

އެ ކުދީން އޭދަށްފުށްޓަށް ގެންގޮސްދީފައިވަނީ ޓްރާންސް މޯލްޑިވިއަން އެއަރވޭސްގެ ސީޕްލޭންގައެވެ. އެ ކުދިންގެ ބެލެނިވެރިއެއްގެ ގޮތުގައި އެކުދިންނާއެކު އޭދަފުއްޓަށް ވަޑައިގެންނެވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީއެވެ.

އެމިނިސްޓްރީން ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ކުޑަކުއްޖަކު ވެސް ޢާއިލީ މާޙައުލުގެ ތެރެއިން ލޯތްބާއި އަޅައިލުމާއެކު ބޮޑުވާ ކުއްޖަކަށް ހެދުން ކަމަށެވެ. އެހެންނަމަވެސް ޙާލަތު ނިޔާކުރާގޮތުން އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނަގަންޖެހިފައިވެއެވެ. "އެހެން ނަމަވެސް، މިނިސްޓްރީން އެންމެ ބޮޑު އިސްކަމެއްދެނީ މާލޭ ސަރަޙައްދުގައި ތޮއްޖެހިފައިވާ މަރުކަޒުތަކުގައި އެ ކުދިން ގެންގުޅުމުގެ ބަދަލުގައި، އެހެން ކުދިންނެކޭ ވެސް އެއްގޮތަށް މުޖުތަމަޢުގެ ތެރޭގައި ބޮޑުވުމުގެ ފުރުޞަތު ހޯދައިދީ، އެ ފަދަ މާޙައުލެއް ތަނަވަސްކޮށްދިނުމަށެވެ. ބ.އޭދަފުށި އަމާން ވެއްޓަކީ ކަމާބެހޭ އިދާރާތަކާއި، މުޖުތަމަޢުގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުމާއެކު ތަރައްޤީކުރެވޭ މި ފަދަ ފުރަތަމަ ތަނެވެ."

ކުޑަކުދިންގެ ހިޔާގައި 50 ކުދިން އަދި ފިޔަވަތީގައި 130 ކުދިން މިވަގުތު ދިރިއުޅެމުން ދެއެވެ. މި ދެ މަރުކަޒުގައި ކުދިން ގެންގުޅެނީ ދެ އުމުރުފުރާއަކަށް ބަހައިލައިގެންނެވެ. އެ ކަމުގެ ސަބަބުން އެއް ޢާއިލާއަކަށް ނިސްބަތްވާ ބައެއް ކުދިން ދެ މަރުކަޒެއްގައި ދިރިއުޅެންޖެހޭ ޙާލަތު އަންނަ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ. އަތޮޅު ތެރޭގައި ޤާއިމުކުރެވޭ މި ފަދަ އަމާން ވެށިތަކުގައި ކުދިން ބޮޑެތިވެގެންދާނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ އެ ކުދިންގެ ޢާއިލާގެ އެހެން ކުދިންނާއެކުގައި ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ. އަދި އެ ކުދިން ތިބޭނީ ރަށުގެ އެހެނިހެން ޢާއިލާތަކާ ވެސް ގުޅުވާލަ ދެވިފައި ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވިއެވެ.

އަމާން ވެށިތަކުގައި ދިރިއުޅޭނީ ކަނޑައެޅޭ ވަކި އަދަދެއްގެ ކުދިންނެވެ. އެ ކަމުގެ ސަބަބުން އެ ކުދިންނަށް ބޭނުންވާ ޚާއްޞަ އަޅައިލުމާއި، ބޭނުންވާ ތަރުބިއްޔަތު ފުރިހަމަ ގޮތުގައި ދިނުމަށް އެހީތެރިވެދިނުމުގެ އިތުރުން ކޮންމެ ކުއްޖެއްގެ ވެސް ބޭނުންތައް ފުރިހަމައަށް ދެނެގަނެވިގެންދާނެ ކަމަށް ޖެންޑަރއިން ވިދާޅުވިއެވެ. އަދި މުޖުތަމަޢުގެ ތެރޭގައި އެ ކުދިން ބޮޑެތިވުމުގެ ފުރުޞަތު ލިބިގެން ދިޔުމުން، މުސްތަޤުބަލުގައި އެކި ޕްރޮގްރާމްތަކާއި ހުނަރުތަކުގެ އެހީގައި އެ ކުދިން ވަޒީފާގެ މާޙައުލަށާއި ޢާންމު ދިރިއުޅުމަށް ނުކުތުމަށް ފަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ބ.އޭދަފުށީގެ އިތުރުން ރާއްޖޭގެ އިތުރު 4 ސަރަޙައްދެއްގައި އަމާން ވެށިތައް އަންނަނީ ތަރައްޤީކުރެވެމުން ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.