ބޯލް ޗެމްޕިއަންޝިޕްގެ ފައިނަލްމެޗު ބައްލަވާލައްވައި އެމުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޝަރަފްވެރިކޮށްދެއްވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

މިމުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި، މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކުޅުންތެރިޔާ އަށާއި އަދި ރަނަރއަޕް ކުޅުންތެރިޔާއަށް ޓްރޮފީއާ މެޑަލް އަދި ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

މޯލްޑިވްސް އޯޕަން، 2023، 10 ބޯލް ޗެމްޕިއަންޝިޕަކީ، ރާއްޖޭގައި ބޭއްވުނު ފުރަތަމަ ބައިނަލްއަޤުވާމީ ބިލިއާޑް މުބާރާތެވެ. މިމުބާރާތުގައި 15 ޤައުމަކުން 64 ކުޅުންތެރިން ބައިވެރިވިއެވެ. މި މުބާރާތް ކުރިޔަށް ދިޔައީ، އޭޕްރީލް 22 އިން 26އަށް މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) ހައުސްގައެވެ.

އިންޓަނޭޝަނަލް މުބާރާތްތައް ބާއްވާ ތަނެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެކެވެ. އެކަމުގެ އެންމެބޮޑު ބޭނުމަކީ ރާއްޖޭގެ ކުޅުންތެރިންނަށް އެކިއެކި ފުރުޞަތުތައް ހޯދައިދިނުމާއި ރާއްޖޭގައި ސްޕޯޓްސް ޓުއަރިޒަމް ކުރިއަރުވައި ފުޅާކުރުމެވެ.

އެގޮތުން މިއީ ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ދަށުން ރާއްޖޭގައި މިއަހަރު ބޭއްވުނު ބައިނަލްއަޤްވާމީ 2 ވަނަ މުބާރާތެވެ.