ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ މައްޗަށް ރ. ފުއްގިރި ވިއްކާލައިގެން ރިޝްވަތުގެ ގޮތުގައި ހޯދި ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ކުރާ ދައުވާގެ އަޑުއެހުމެއް 27 އޭޕްރީލް ވާ ބުރާސްފަތި ދުވަހު ކުރިމިނަލް ކޯޓުގައި ބާއްވަން ނިންމައިފިއެވެ.

އެ ޝަރީއަތް ތަވާލުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 އަށެވެ. އެންމެ ފަހުން އެމައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. މިޝަރީއަތުގައި އަދިވެސް ކުރިއަށް ގެންދަނީ އިބްތިދާއީ މަރުހަލާއެވެ.

ދައުލަތުން ކުރާ ޖިނާއީ ދައުވާތަކުން ދިފާއުވުމަށް ޔާމީންގެ ފަރާތުން ހުށަހެޅި ބައެއް ހެކިތައް ބަލައިނުގަތުމަށް ކުރިމިނަލް ކޯޓުން ނިންމުމުން، އެ މައްސަލަ ހައި ކޯޓަށް ހުށަހެޅުމުން، ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއިދުކޮށްފައެވެ. ޔާމީންގެ ފަރާތުން މިހާރު ވަނީ ހައި ކޯޓުގެ އެ ނިންމުން ސުޕްރީމް ކޯޓުގައިވެސް އިސްތިއުނާފު ކޮށްފައެވެ.

މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށްވެސް ފުއްގިރި މައްސަލައިގައި ވަނީ ދައުވާކޮށްފައެވެ. މިދައުވާއަކީ ރިޝްވަތު ގަބޫލުކުރުމުގެ ކުރަށާއި މަނީ ލޯންޑަރިންގެ ދައުވާއެވެ. ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ބުނާ ގޮތުން، ޔާމީން ވަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ހޯދާފައެވެ. އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ފަށަލަކޮށްފައެވެ.

މި މައްސަލައާ ހަވާލުވެ ހުންނެވި ގާޒީ ޝަކީލް ވަނީ މައްސަލައިން ތަނާޒުލުވެފައެވެ އެކަމާ ގުޅިގެން މައްސަލަ ވަނީ ގާޒީ އަލީ ނަދީމުގެ ސެކްޝަނާ ހަވާލުކޮށްފައެވެ. މިބަދަލު ގެނައި ސަބަބެއް ހާމަވެފައެއް ނުވެއެވެ.