މި އަހަރު ރޯދަމަހު، އަލްމަޝްއަރު ހައްޖު އެންޑް އުމްރާ ގުރޫޕްގެ ހަވާލުގައި އުމްރާއަށް ދިޔަ ހުރިހާ އެންމެނަށްވެސް އާދެވޭނެގޮތް ހަމަޖައްސާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. އިސްލާމިކް މިނިސްޓަރީއިން ބުނި ގޮތުގައި އުމްރާއަށް ދިޔަ މީހުނަށް އާދެވޭނެ ގޮތް ހަމަޖެއްސީ އަލްމަޝްއަރު ގްރޫޕުންނެވެ.
މިއަހަރުގެ ރޯދަމަހު އުމްރާއަށް މީހުން ގެންދިއުމަށް އަލްމަޝްއަރު ގްރޫޕުން ޗާޓަރު ފްލައިޓް ހަމަޖެއްސި، ޓްރެވަލް ޓް މޯލްޑިވްސްއަށް ދިން ޗެކް ބައުންސްވެ، ފައިސާވެސް ގުރޫޕުން ނުދިން މައްސަލަ އެ ޓްރެވެލް އެޖެންސީއިން އިސްލާމިކް މިނިސްޓަރީއަށް ހުށަހެޅިއެވެ.
އެހިސާބުން މިނިސްޓަރީއިން ބެލިބެލުމުނެ އެނގުނީ އެ އެޖެންސީގެ އިތުރަށް އަލްމަޝްއަރު ހައްޖު އެންޑް އުމްރާ ގުރޫޕްގެ ހަވާލުގައި ކުރިން އުމްރާއަށް ދިޔަ މީހުނަށް ސައުދީ އެއާލައިނަށް ދައްކަންޖެހޭ ފައިސާވެސް ނުދައްކާ ހުރިކަމެވެ.
މިމައްސަލައިގައި ޓްރެވެލް އެޖެންސީއިން އަލްމަޝްއަރު ގްރޫޕުން ފައިސާ ދޭތޯ އެތައް މަސައްކަތެއް ކުރުމަށްފަހު އެންމެ ފަހުން އެއްވެސް އެހެން ގޮތެއް ނެތުމުން ނިންމީ އުމްރާއަށް ދިޔަ މީހުން ނުގެނެސް ކެންސަލްކުރުމަށެވެ.
ނަމަވެސް އަލްމަޝްއަރު ހައްޖު އެންޑް އުމްރާ ގުރޫޕުން މިހާރު ފައިސާ ދައްކަން ފަށާފައިވަ ކަމަށް ޓްރެވެލް އެޖެންސީން އިއްޔެ ވަނީ ބުނެފައެވެ.