އޭނާއާ ދެކޮޅަށް ދައުވާ ކުރަން ފޮނުވުމުން ކުރީގެ ހޯމް މިނިސްޓަރ އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާ އުމަރު ނަސީރު ވަނީ ސަރުކާރަށް ނުރުހުން ފާޅު ކުރައްވައިފައެވެ.

ޢުމަރު ވިދާޅުވެފައިވަނީ ޝިޔާމުގެ މައްޗަށް ކުރާ ދައުވާއަކީ އެއްގޮތަކަށް ވެސް ކުރައްވައިގެންވާނެ ދައުވާއެއް ނޫންކަމަށެވެ. ޝިޔާމުގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ވިލިމާލޭގައި ހުންނަ ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގައި އޭނާގެ ބައްޕަ ދިރިއުޅުއްވި މައްސާލާގައެވެ. އެ މައްސަލާގައި ދައުވާ ކޮށްދެއްވުމަށްއެދި ޕީޖީއަށް ފޮނުވާފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންނެވެ.

"މިއީ ޖެނެރަލް ޝިޔާމް ގެ މައްޗަށް ކުރައްވައިގެން ނުވާނެ ދަޢުވާ އެކެވެ. ސިފައިންގޭގައި ޒަމާނުއްސުރެ އޮންނަ އުސޫލުން، ސިފައިންގޭގެ މަތީ މަޤާމް ތަކުގައި ތިއްބަވާ ބޭފުޅުން ގެ ޢާއިލާ ތަކަށް ސިފައިންގޭގެ މިފަދަ ވަސީލަތްތައް ބޭނުން ކުރެއްވުމުގެ ހުއްދަ އޮވެއެވެ." ޢުމަރު ވިދަޅުވިއެވެ.

އޭނާ ވިދާޅޫވީ ސިފައިންގެ ޚިދުމަތަކީ ދައުލަތުގެ އެހެނިހެން ޚިދުމަތް ތަކާ ތަފާތު އިނާޔަތްތަކަކާ ރައްކާތެރިކަމެއް ލިބިގެންވާ ޚިދުމަތެއް ކަމަށެވެ. އެއީ މުޅި ދުނިޔޭގައިވެސް އެކަން އޮންނަ އުސޫލު ކަމަށް ވެސް ޢުމަރު ވިދާޅުވެފައިވެއެވެ.

"މި ފަދަ ކުދިކުދި ކަންކަމުގައި ޤައުމުގެ އެންމެ މަތީ ޚިދުމަތްތެރިންނަށް މިފަދަ ދަޢުވާ ކުރުމީ މުޅި ދައުލަތް ރޫޅި، ދައުލަތުގެ ހައިބަތު ކުޑަވާ ކަމެކެވެ." ޢުމަރު ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖްލިސް ގެ ރައީސް، އެމަނިކުފާނުއަތޮޅު ތެރެއަށް ކުރެއްވި ދަތުރުފުޅެއްގައި މަޖްލިސް ގެ ބަޖެޓުން އަމިއްލަ ޚަރަދެއް ހަމަ ޖެއްސެވި ކަމަށް އޭ،ސީ،ސީ އަށް ހުށަހެޅުނު މައްސަލަ ނިމުނީ ދަޢުވާ އެއް ކުރުމެއް ނެތި އެ ފައިސާ އަބުރާ ދެއްކުމަށް އަންގަވައިގެން ކަމަށް ވެސް ޢުމަރު ވަނީ ވިދާޅުވެފައެވެ. އެއީ އެފަދަ ކަންކަން ނިންމަވަން ޖެހޭނެ ގޮތް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"ނަމަވެސް ޖެނެރަލް ޝިޔާމް އާ މެދު މި ނިންމެވީ ދަޢުވާ ކުރުމަށް ފޮނުއްވުމަށެވެ. މިއީ ހަމަހަމަ ކަން ގެއްލިފައިވާ ބޭއިންސާފު، ސިޔާސީ ނިންމުމެއް ކަން ޔަގީނެވެ." ޢުމަރު ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައިވަނީ ޖެނެރަލް ޝިޔާމް މި ޤައުމަށް ކޮށްދެއްވާފައިވާ އަގުނުކުރެވޭފަދަ ގިނަގުނަ ޚިދުމަތް ތަކެއް ކަމަށެވެ. އެކަމަށް ޝުކުރު ދަންނަވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. "އަދި މަނިކުފާނަށް ސާބިތުކަން ދެއްވުން އެދި މާތްﷲ އަށް ދުޢާ ކުރަމެވެ."