ލ. ގަމު، ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލްގެ ގުރޭޑް 9 ބީގެ ދަރިވަރު މުހައްމަދު ޢާލިފް އަހުމަދު، ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ނިޔާވެއްޖެއެވެ.

އާލިފް ދިޔައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އިންޑިއާގައި ކެންސަރަށް ފަރުވާ ހޯދަމުންނެވެ. ޢާލިފަށް އެހީވާން އެންމެ ފުރަތަމަ އިސްނެގީ އާލިފުގެ ކުލާސް ކުދިންނެވެ. "ދީލަތި ހިތަކުން....އާލިފް އާއިއެކު...." އަށް އެހީވުމަށް ބޮޑު ޙަރަކާތެއް އެކުދިން ހިންގިއެވެ. މި ޙަރަކާތުގައި ޙަމަދު ސްކޫލްގެ އިތުރުން އެހެން ސްކޫލްތަކުން ވެސް ބައިވެރިވިއެވެ. އެ ދަރިވަރުން މި މަސައްކަތް ފެށީ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ޙަމަދު ސްކޫލްގައި ބޭއްވި ހާއްސަ އެސަމްބްލީއަކުންނެވެ.

ޢާލިފަށް އެހީވުމަށް ހިންގި ހަރާކާތް ނިންމާލިއިރު އެހީގެ ގޮތުގައި 192،898.99 ރުފިޔާ އާއި 43 ޔޫއެސް ޑޮލަރު އެ ދަރިވަރުންނަށް ލިބިފައިވެއެވެ. މި އެހީ އާލިފުގެ އާއިލާއާ ހަވާލުކޮށްދިނީ ގްރޭޑް 9ބީ ގެ ދަރިވަރުންނެވެ. އާއިލާގެ ފަރާތުން އެހީއާ ހަވާލުވީ އާލިފު ގެ ކާފަ ޢުމަރު އާދަމެވެ.

މާތްﷲ ޢާލިފުގެ ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވައި އާއިލާއަށް ކެއްތެރިކަން ދެއްވާށިއެވެ. އާމީން!