ރާއްޖެއިން އިޓްލޮސްގެ ނިންމުންތައް ބަލައިގަތުމަކީ ލާޒިމް ކަމެއް ކަމަށާއި އެކަން ބަލައިނުގަންނަން ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަދެއްކުމަށް ރައްދު ދެއްވަމުން އެގޮތަށް ނިންމުންތަކަށް ބޯނުލެނބުމަށް ގޮވާލާ ވާހަކަ ދެއްކުމަށް ބައިނަލްއަގުވާމީ އުސޫލުތައް ތަން ނުދޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިގޮތަށް ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ. ނަޝީދު ވިދާޅުވީ ރާއްޖެއިން ޗާގޯސްގެ ސިޔާސަދު ގަބޫލުކުރުމުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް މަދުވެފައިވާ ކަމަށާއި އަދި ރާއްޖެއަށް އެންމެ ރަނގަޅީ އިޓްލޮސްގެ ނިންމުމަށް ބަލައިނުގަތުން ކަމަށެވެ.

"ދެގައުމުގެ ދޭތެރޭގައި މެރިޓައިމް ބައުންޑްރީ ކަނޑައެޅުމަށް އެއްބަސް ނުވާނެތާ ރައީސް ނަޝީދުގެ ސަރުކާރަކުންނެއް މިތަނަކީ ރާއްޖޭގެ ތަނެއް ކަމުގައި ވަންޏަކާ. ބައިނަލް އަގުވާމީ މިފަދަ ނިންމުންތަކަށް ބޯނުލެނބުމަށް ގޮވާލާ ވާހަކަ ދެއްކުން އެއީކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ބައިނަލްއަގުވާމީ އުސޫލުތައް ތަންދޭ ކަމެއް ނޫން،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އިޓްލޮސްގެ ނިންމުންތައް ބަލައިގަތުމަކީ ލާޒިމުކަމެއް ކަމަށެވެ. ރައީސް ނަޝީދު އިޓްލޮސްގެ ނިންމުން ގަބޫލުނުކުރުމަށް ގޮވާލައްވާއިރު، އެ ޓްރައިބިއުނަލަކީ ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާއެއްގެ ދަށުން އުފައްދާފައިވާ ތަނެއް ކަމަށެވެ. ޝާހިދު ވިދާޅުވީ ނަޝީދުގެ ވެެރިކަމުގައި ޗާގޯސްގެ ކަނޑުގެ ސަރަހައްދާއި ބެހޭ އެއްބަސްވުމެއްގައި އެއިރު ސޮއިކޮށްފައިވާ ކަމަށެވެ. އެވާހަަކަފުޅުގެ ތަފުސީލު ދެއްވަމުން، 2010 ވަނަ އަހަރު ނަޝީދު އަދި އޭރުގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު މޮރިޝަސްގެ ސަރުކާރުގެ ބޭފުޅުންނާ ބައްދަލުކުރައްވައި އެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އިޓްލޮސްގެ މިއަދުގެ ނިންމުމަށް ޝަހީދު ތައުރީފުކުރައްވައި ރާއްޖެއަށް މަރުހަބާ ދަންނަވާފައިވާ ކަމަށެވެ.