ދެ ލޯންޗެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާ ލިބުނު މީހާއަށް ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެއެވެ.
މިއަދު ހަވީރު ފޭދޫ ފިނޮޅު ކައިރީގައި ހިނގި މި ހާދިސާގައި ނިޔާވެފައިވަނީ ކުޑަރިކިލު، އޯޝަންވިލާ، އުމުރުން 52 އަހަރުގެ ސައުދުﷲ އަހްމަދެވެ.
ރާއްޖޭގެ ބޮޑު ކުންފުންޏެއް ކަމަށްވާ ސާސް-އީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައުދުﷲ އަހުމަދު (ސައުދު)އަކީ ކުރިން ރެއިންބޯ އާއި އަމީން ކޮންސްޓްރަކްޝަން ފަދަ ބޮޑެތި ކުންފުނިތަކެއްގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ސައުދަކީ އިޖުތިމާއީ ގިނަ މަސައްކަތްތަކަކަށް ވެސް ގިނަ އެހީތަކެއް ފޯރުކޮށްދޭ ބޭފުޅެކެވެ.
މި ހާދިސާ ހިނގައިފައިވަނީ މިއަދު ހަވީރު 16:40 ކަންހާއިރުއެވެ.
އެކްސިޑެންޓާ ގުޅޭގޮތުން ފުލުހުން މިއަދު ބުނީ ފޭދޫ ފިނޮޅު ކައިރިން ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު ހަވީރު 4:42 ހާއިރު ފުލުހުންނަށް ރިޕޯޓު ލިބިފައިވާ ކަމަށާއި އެ އެކްސިޑެންޓުގައި 53 އަހަރުގެ މީހަކަށް އަނިޔާވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
އެ އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.