ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 165 ވަނަ އާޔަތުގައި ﷲ ސުބްޙަނަހޫ ވަތަޢާލާ ވަޙީ ކުރައްވައިފައި ވެއެވެ. މި އާޔަތުން އެނގޭ ގޮތުގައި ﷲ އަށް އީމާންވާ މީހެއްކަން އެނގޭ އެއް ސިފައަކީ މީހަކު ހިތުގެ އަޑީން ﷲ ދެކެ ވަރަށް ބޮޑަށް ލޯބިވާ ކަން އެނގުމެވެ. މި އާޔަތުގައި ވަނީ ﷲ ދެކެ ލޯބިވާ ވާހަކައެއް ނޫނެވެ. މީހެއްގެ ހިތުގައި ﷲ ގެ ލޯބި ފުރިހަމައަށް އަށަގަތުމުގެ ވާހަކައެވެ. (ނުކުތާއަކީ ބޭރު ފުށުން ލޯބި ފެނުމެއް ނޫނެވެ. ހިތުގެ އަޑީގައި ލޯބި އަށަގަތުމެވެ.)

ޙަޤީޤަތުގައި މީހެއްގެ ހިތުގައި ލޯބި އަށަގަންނަނީ ޖަވާބެއްގެ ސިފައިގައެވެ. ނުވަތަ ރައްދު ޢަމަލެއްގެ ސިފައިގައެވެ. ތިމާގެ އެންމެ ބޮޑު މުޙްސިނަކީ އަދި ހުރިހައި ނިޢުމަތެއް ދެއްވާ ފަރާތަކީ ﷲ ކަމުގައި ފުރިހަމައަށް ގަބޫލު ކުރެވުމާއެކު ކޮންމެ މީހެއްގެ ހިތުގައިވެސް ލޯބީގެ ކަނޑެއެް އުފެދޭނެއެވެ. ވަރުގަދަ ލޯތްބެކޭ ކިޔަނީ މި ފަދަ ލޯތްބަށެވެ. ލޯތްބަކީ ތިމާއަށް ހޯދައިގަނެވޭ ޒާތީ ހޯދުމެއްގެ ނަތީޖާއެވެ. ނުވަތަ ރައްދު ޢަމަލެކެވެ. އެއީ ފަހަރެއްގައިވެސް ޙުކުމަކަށް ބޯ ލެނބުމުގެ ގޮތުން ތަނެއް ދޮރެއް ނޭނގި އުފެދޭ އިޙްސާސެއް ނޫނެވެ.

އިންސާނާއަށް އޭނާ އުފައްދަވައިފައިވާ “ރިވެތި ސޫރަ” (އައްތީން ސޫރަތުގެ 4 ވަނަ އާޔަތް) އެނގެއެވެ. ﷲ އޭނާ “މާތް ކުރެއްވި” ކަންވެސް (އަލްއިސްރާ ސޫރަތުގެ 70 ވަނަ އާޔަތް) އޭނާއަށް އެނގެއެވެ. އުޑުތަކާއި ބިންތައް ހެއްދެވީ އޭނާއަށްޓަކައި ކަން އޭނާއަށް އެނގެއެވެ. ލައިފް ސަޕޯޓް ސިސްޓަމް ނުވަތަ ދިރި ހުރުމަށްޓަކައި ބޭނުންވާ ނިޢުމަތްތައް ދެއްވީ ﷲ ކަން އޭނާއަށް އެނގެއެވެ. ނަބީ ބޭކަލުންނާއި ރަސޫލު ބޭކަލުންނާއި ފޮނުއްވައި، އެ ބޭކަލުން މެދުވެރި ކުރައްވައި ހިދާޔަތު ދެއްވައި ﷲ ގެ އިޙްސާންތެރިކަން އިންތިހާއަށްގެންދަވައިފައިވާ ކަން އޭނާއަށް އެނގެއެވެ. އެއީ އޭނާއަށް އޭގެ ކުރީން އެނގިފައި ނުވާ ކަންތައްތަކެކެވެ. މި ދެންނެވި ކަންތައްތައް ރަނގަޅަށް ގަބޫލު ކުރެވުނީމާ އިންސާނާގެ ހޮތުގައި އުފެދެނީ ޝުކުރުގެ ޖަޒުބާއެވެ. މި ޝުކުރުގެ ޖަޒުބާއަކީ ލޯބީގެ ފެށުމެވެ. ނުވަތަ ބިންގަލެވެ. ކީރިތި ޤުރްއާނުގައި ގަދަ ލޯބީގެ ނަމުން ނަން ދެއްވައިފައި ވަނީ މި ލޯތްބަށެވެ. ހިތުގެ އަޑީން އުތުރި އަރައިގަންނަ ލޯތްބަށެވެ.

ޙަޤީޤަތުގައި ކުރަން ޖެހޭ ކަމަކީ ހަމައެކަނި ލޯބި ވުމެއް ނޫނެވެ. ކުރަން ޖެހޭ ކަމަކީ ﷲ ގެ އަސްލު ހައިސިއްޔަތު، އާދެ، އެންމެ ބޮޑު މުޙްސިނު ކަމުގެ ހައިސިއްޔަތު، ހިތުގެ އަޑީން ގަބޫލު ކޮށް، ﷲ ދެކެ ވާ ލޯބި ހިތުގެ އަޑީގައި ބިންވަޅު ނަގައި، އިންތިހާ ދަރަޖައަށް ގެންދިއުމެވެ.