ދޮންމަހަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި އުޅޭމަހެކެވެ.

މިއީ ދިވެހިން ދުވާލާއި ރޭގަޑު ނަނު ފައްތައިގެންކުރާ ކެޔޮޅުކަމުގައި ގިނައިން ބޭނޭ، ކެއުމަށް ބޭނުންކޮށްއުޅޭ މީރުމަހެކެވެ. މިމަސް ގިނައިން އުޅެނީ ބައިބަޔަށް އައިން ހަދައިގެންނެވެ. މިމަސް އެންމެ ބޮޑުވަނީ 40 ސެންޓިމީޓަރަށެވެ.

ދޮންމަސް އުޅެނީ 2 މީޓަރާއި 40 މީޓަރާ ދެމެދުގެ ފުންމިނުގައެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކަށްޓާއެކު 14 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތުގައި 3 ހަރުކަށްޓާއެކު 8 މަޑުކަރިހުރެއެވެ. މަހުގެ ކަންފަތްގަޑުގައި 16 މަޑުކަށިހުރެއެވެ. މަހުގެ ކަރުތާފަތުގެ ކުރީބައިގެ ކައިރިފަށުގައި ކެނޑުމެއް ހުރެއެވެ.

މިމަހުގެ ކުލައަކީ މުށިކުލައަކަށްދާ ރީނދޫކުލައެކެވެ. މަހުގެ ދެއަރިމަތީގައި ރީނދޫކުލައެއްގެ ހިމަ ރޮނގުތަކެއް މަހުގެ ދިގަށް ހުރެއެވެ. މިރޮނގުތައް އެންމެ ފާޅުކޮށް ފެންނަން ހުންނަނީ މަހުގެ އަރިމަތީގައި ހުންނަ ހުޅުނބުބަރީގެ ތިރީގައެވެ. މަހުގެ ބަނޑުދަށްފަރާތް ހުންނަނީ ހުދުކުލައިގައެވެ. ނިގޫފަތް ހުންނަނީ ކަޅުކުލައެއްގައެވެ. ނިގޫފަތުގެ ކައިރިފަށުގައި ހުދުކުލައިގެ ރޮނގެއްހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައި ހުންނަނީ ރީނދޫކުލައިގައެވެ. މަތީ ކޮތަރިބައި ހުންނަނީ ރަތްމުށިކުލައެއްގައެވެ.

މަސްދަރު:ފިޝަސް އޮފް ދަ މޯލްޑިވްސް މެރިން ރިސާޗު ސެންޓަރ، 2003