އިންޑިއާގެ އެންމެ މުއްސަނދި މަހާ ސާދާގަރުންކަމަށްވާ ރަޓަން ޓާޓާއާއި ރިލައެންސްގެ މުކޭޝް އަމްބާނީއާއި ވާދަ ކުރަނީ އުމުރުން 24 އަހަރުގެ ޒުވާން އަންހެނެކެވެ. ޖަޔަންތީ ޗޯހާންއަކީ ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. އޭނާ އަކީ އިންޑިއާގެ ބިސްލަރީ ކުންފުނީގެ ވެރިޔާއެވެ.

އޭނާގެ ބައްޕަ، ރަމޭޝް ވަނީ ބިސްލެރީ ކުންފުނި މުކޭޝް އަމްބާނީއަށް ވިއްކަން އުޅެފައެވެ. ރަމޭޝްއަށް އޭނާގެ ވިޔަފާރި ކުރިއަށް ގެންގޮސްދޭނެ ފަރާތެއް ނެތުމުން އެކުންފުނި ވިއްކާލަން ވިސްނިއެވެ. ނަމަވެސް ޖަޔަންތީ އެކަމަށް ހުރަސް އެޅުމުން އެކަން ހުއްޓުނީއެވެ.

މުކޭޝް އަމްބާނީ އަކީ ބުއިންތައް އުފެއްދުމުގެ ދާއިރާގެ ވިޔަފާރިއަށްވެސް ވަދެފައިޥާ މީހެކެވެ. އޭނާ ވަނީ އިންޑިއާގެ މަޝްހޫރު ކަމްޕާ ކޯލާ ކުންފުނި ގަނެފައެވެ. މިއީ ކޮކާކޯލާއާއި ޕެޕްސީ ކޯލާއާ ވަދަކުރާ އިންޑިއާގެ ކޯލާ ބުއިން އުފައްދާ ކުންފުންޏެކެވެ.

ޖަޔަންތީ ޙަވާލުވެފައިވާ ބިސްލަރީ އަކީ މިހާރު 900 މިލިއަން ޑޮލަރުގެ ކުންފުންޏެކެވެ. އޭނާ ވަނީ ފުޅީގައި ބަންދުކޮށްގެން ފެން ވިއްކުމުގެ އިތުރުން ލެމަނޭޑާއި އޮރެންޖު ރަހަ ޖައްސާފައިވާ ބުއިމާއި ދިރިއަޅައިގެން އުފައްދާފައިވާ ބުއިމެއްވެސް ތަޢާރަފް ކޮށްފައެވެ. އޭނާ ޙަވާލުވިފަހުން ބިސްލެރީގެ ވިޔަފާރި ވަނީ އައު ހަރުފަތަކަށް ތަރައްގީވެގެން ގޮސްފައެވެ.

ޖަޔަންތީ ދައްކައިދެނީ އަންހެނަކަށްވެސް ފިރިހެނުންނާ ވިޔަފާރީގެ މައިދާނުގައި އުފެއްދުންތެރި ވިސްނުމަކާއެކު، ކެރިގެން ކުރިމަތިލެވިދާނެ ކަމަށެވެ.