ދުނިޔޭގެ އިލެކްޓްރިކަލް ވެހިކަލްގެ ވިޔަފާރިއަކީ، މިހާރު 225 ބިލިއަން ޑޮލަރުގެ މާކެޓެކެވެ. މުސްތަގްބަލަށް ލަފާ ކުރާ ގޮތުގައި ކަރަންޓުން ދުއްވާ އުޅަނދުތައް އުފެއްދުންތައް އިތުރުވެ އޭގެ ވިޔަފާރި ދާނީ ފުޅާ ވަމުންނެވެ. ދިހަ އަހަރު ފަހުން އިލެކްޓްރިކް އުޅަނދުގެ ބާޒާރު، 2108 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެގެން ދާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

ކަރަންޓުން ދުއްވާ އުޅަނދުތައް އުފެއްދުމުގައި ދުނިޔޭގައި އެންމެ ކުރީގައ އުޅޭނެ ކަމަށް ލަފާ ކޮށްފައި ވަނީ ޗައިނާއާއި އިންޑިއާއެވެ.

ކޮންމެ އަހަރަކުވެސް މުޅި ދުނިޔޭގެ ނިސްބަތުން، ކަރަންޓު އުޅަނދުތައް އުފެއްދުން 23 އިންސައްތައަށް އިތުރު ވަމުންދާނެއެވެ. މި އުފެއްދުމުގެ 10 އިންސައްތަ ޙިއްސާ ކުރާނެ ޤައުމަކީ އިންޑިއާއެވެ. އިންޑިއާގެ އިލެކްޓްރިކް އުޅަނދު އުފެއްދުން، އަހަރަކު 10 މިލިއަން ޔުނިޓުގައި އުޅޭނެ ކަމަށް ލަފާ ކުރެވެއެވެ. މިހާރު އިންޑިއާއިން އަހަރަކު އަހަރަކު 1.7 މިލިއަން އިލެކްޓްރިކަލް ވެހިކަލް އުފައްދައެވެ.

އިންޑިއާއިން ކަރަންޓު އުޅަނދުތައް އުފައްދާއިރު، އޭގެ ތެރޭގައި ދެ ފުރޮޅުލީ އުޅަނދާއި ތިން ފުރޮޅުލީ އުޅަނދާއި ބަސް އަދި ކާރުފަދަ އުޅަނދުތައް ހިމެނޭނެއެވެ. އިންޑިއާއަކީ މިހާރުވެސް ގިނަ އަދަދަކަށް ދެ ފުރޮޅުލީ ބެޓެރިން ދުއްވާ އުޅނަދު އުފައްދާ ޤައުމެކެވެ. އެންމެ ގިނައިން ދެ ފުރޮޅުލީ ކަރަންޓު ސައިކަލް އުފައްދާ ކުންފުންޏަކީ ޓެމިލްނާޑޫގައި ހުންނަ އޯލާގެ ކުންފުންޏެވެ. އަދި އެއީ އަންހެނުން މަސައްކަތް ކުރާ ހަމައެކަނި ކުންފުންޏެވެ.

އިންޑިއާއިން ދަނީ އިންފްރާސްޓްރަކްޗާގެ ދާއިރާއިން ވެސް އިލްކްޓްރިކް ވެހިކަލްއަށް ބަދަލުތައް ގެންނަމުންނެވެ. އެގޮތުން ކާރުތަކަށް 22 ހާސް ޗާޖިން ސްޓޭޝަނާއި ސައިކަލުތަކަށް 50 ހާސް ޗާޖިން ސްޓޭޝަންތައް އުފެއްދުމަށް މަސައްކަތް ކުރަމުން ދެއެވެ. އިންޑިއާގައި ތެލުން ދުއްވާ އުޅަނދުތަކަށް ނަގާ ޑިއުޓީ 28 ޕަސެންޓްގައި އޮންނަ އިރު އިލެކްޓްރިކަލް ވެހިކަލްތަކުގެ ޑިއުޓީ އުޅެނީ 5 ޕަސެންޓްގައެވެ.