އިޒްރޭލުން ޔަމަނަށް ބޮން އަޅާފައި ވަނީ، ސައޫދީ ޢަރަބިއްޔާގެ ވައިގެ ސަރަހއްދު ބޭނުންކޮށްގެން ނެވެ. ޒަޔަނިސްޓުންނަށް ޔަމަނުން، ރޮކެޓް ޙަމަލާތައް ދެމުން ދިއުމާ ގުޅިގެން އިޒްރޭލުން ވަނީ ޔަމަނުގެ ޙުދައިދާ ބަނދަރާއި އެ ބަނދަރާއި ވަށައިގެންވާ ސަރަހައްދުތަކަށް ބޮން އަޅާފައެވެ. ހުދައިދާ ބަނދަރާއި ސިޓީއަކީ ޔަމަނުގެ އަންޞާރުﷲ ޖަމާޢަތުން ކޮންޓްރޯލު ކުރާ ސަރަހައްދެކެވެ.

އިޒްރޭލުން ދިން ވައިގެ ޙަމަލާގައި 4 މީހުން މަރުވެ 24 މީހަކަށް ހާނިއްކަ ވެފައިވާ ކަމަށް އަންޞާރުﷲއިން ބުނެއެވެ.

އިޒްރޭލުން ވަނީ އިންޖީނުގެއަކަށާއި އިތުރު މަދަނީ އަމާޒުފަތްގަނޑުތަކަށްވެސް ޙަމަލަ ދީފައެވެ.

އިޒްރޭލާއި ހުދައިދާ ސިޓީއާ ދެމެދުގެ ދުރުމިނަކީ، ރާއްޖެއާއި ނިއުދިއްލީއާ ދެމެދުގެ ދުރުމިނެވެ. އެއީ ގާތްގަނޑަކަށް 4 ގަޑި އިރުގެ ވައިގެ ދަތުރެކެވެ.

ސަޢޫދީ އަރަބިއްޔާއިން ވަނީ އަރަބި ޤައުމަކަށް ހަމަލަ ދިނުމަށް، އެޤައުމުގެ ވައިގެ ސަރަހައްދު އިޒްރޭލަށް ހުއްދަކޮށްފައެވެ. މިހިނދު އީރާނުން އިޒްރޭލަށް ހަމަލަ ދީފާނެ ކަމަށް ލަފާ ކުރެވުމުން އަރަބިން ވަނީ އިޒްރޭލަށް ޙަމަލަ ދިނުމަށް އެމީހުންގެ ސަރަހައްދު ބޭނުން ކޮށްގެން ނުވާނެ ކަމަށާއި ތިމަން މެންނަކީ ސުލްޙައަށް ލޯބިކުރާ ބަޔެއް ކަމަށް ބުނެފައެވެ.