މުސްލިމުންގެ ރަސްކަލެއް ކަމަށްވާ ޣިޔާޘުއްދީން ޖެއްސެވި ދުންޏަކުން ކުޑަ ކުއްޖަކު ޒަޚަމް ވެއްޖެއެވެ. އެ ކުއްޖާގެ ހުވަފަތް މަންމަ އެ މައްސަލަ ހިފައިގެން ރަށުގެ ގާޒީގެ އަރިހަށް ހިނގައްޖެއެވެ. އެއީ ރަސްގެފާނާ ދެކޮޅަށް އުފުލުނު ދަޢުވާ އަކަށް ވާތީ ގާޒީގެ ފިކުރުފުޅު ބޮޑު ވިއެވެ. އެހެން ނަމަވެސް އެންމެ ފަހުން ޙުކުމެއް ކުރައްވާން ގަސްތު ކުރައްވައިފިއެވެ.
ރަސްގެފާނު ވަކި ދުވަހެއްގެ ވަކި ވަގުތަކަށް ކޯޓަށް ހާޒިރު ވެ ވަޑައިގަންނަވާން ގާޒީ އަންގަވައިފިއެވެ. ޕިޔޯނަކު އެ އެންގުމާ އެކީ ގަނޑުވަރަށް ހިނގައްޖެއެވެ. އެކަމަކު ރަސްގެފާނަށް އެ ފަދަ އެންގުން ފޯރު ކޮށްދޭނޭ ގޮތެއް ނޭނގި، އޭނާ ފިކުރު ބޮޑު ވެއްޖެއެވެ. އެ އެންގުން އެރުވުމާ އެކީ ރަސްގެފާނު ކޯފާ ވެގެން އޭނާއަށް އަދަބެއް ދެއްވައިފާނެތީ ބިރުވެސް ގެންފިއެވެ. އަދި އެ އެންގުމުގައި އޮތީ ކީކޭކަން އެނގިއްޖެ ނަމަ ގަނޑުވަރުގައި ތިބި މީހުން އޭނާ ރަސްގެފާނުގެ އަރިހަށް ދިއުމުގައި ބޮޑު ހުރަހަކަށް ވެގެންފާނޭކަންވެސް އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ.
ވަރަށް ގިނަ އިރު ވިސްނި ފަހުން އޭނާއަށް ވަރަށް ރަނގަޅު ބުއްދިއެއް ކުރެވިއްޖެއެވެ.
ރަސްގެފާނު އޮންނެވީ ގަނޑުވަރުގައި އަރާމު ކުރައްވާށެވެ. އެއީ ނަމާދު ވަގުތެއް ނޫނެވެ. ޕިޔޯނު ރަސްގެފާނު އޮންނެވި ދިމާއިން ގަނޑުވަރުގައި ހުރި ކުޑަ ދޮރުކޮޅެއްގެ ކައިރީގައި ހުރެގެން ބަންގި ގޮވަން ފަށައިފިއެވެ. ރަސްގެފާނު ހޭފުޅު ލައްވައިފިއެވެ. އަދި ވަރަށް ބޮޑަށް ކޯފާ ވެފައި ވިދާޅު ވިއެވެ. “ނަމާދު ވަގުތު ނުޖެހެނީސް ބަންގި ގޮވަނީ ކޮން މޮޔައެއް؟ އެ މީހާ ހަމަ މިހާރު އަހަރެންގެ ކުރިމައްޗަށް ގެނޭ.”
ރަސްގެފާނު މިހެން ވިދާޅުވީ އަވަހާރުފުޅުން ހޭފުޅު ލެއްވުނީތީއެއް ނޫނެވެ. އެއީ އިސްލާމީ ރަސްކަލެކެވެ. އެހެންވީމާ ވަގުތު ވަނުމުން ނޫނީ ބަންގި ނުގޮވާނޭ ގޮތް ހެއްދެވުމާއި، ބަރާބަރު ވަގުތަށް މިސްކިތުގައި ނަމާދު ކުރެވޭނޭ ގޮތް ހެއްދެވުމަކީ އެ ރަސްގެފާނުގެ ޒިންމާއެކެވެ. ހަމަ އެހެންމެ، ރަށުގައި އިންސާފު ގާއިމު ކުރެވިފައި އޮންނަ ގޮތް ހެއްދެވުމަކީވެސް ރަސްގެފާނުގެ ޒިންމާ އެކެވެ. ރަސްރަސްކަލުންނާއި، ރައީސުންނާއި، ބޮޑު ވަޒީރުންގެ މަސްއޫލިއްޔަތަކީ އެއީއެވެ. ގާޒީއަކު ކަނޑައަޅުއްވައި ވަޒީފާ ދެއްވައިފައި ބަހައްޓަވަނީ އިންސާފު ގާއިމު ކުރައްވާށެވެ. އިންސާފަކީ ކޮބައި ކަމާއި، އަނިޔާ އަކީ ކޮބައިކަން އެނގޭނީ ގާޒީ އަށެވެ.
ގަނޑުވަރުގެ މީހުން ރަސްގެފާނުގެ ކުރިފުޅު މައްޗަށް އެއްކަލަ ޕިޔޯނު ގެނެސްފިއެވެ. ރަސްގެފާނު ސުވާލު ކުރެއްވިއެވެ. “ނަމާދު ވަގުތު ނުޖެހެނީސް ކަލޭ ބަންގި ގޮވީ ކީއްވެގެން؟”
ކަންތައް ވީ ގޮތް އޭނާ ތެދު ބަހުން ރަސްގެފާނަށް ދަންނަވައިފިއެވެ. އޭނާ މަސައްކަތް ކުރީ ގާޒީގެ އެންގެވުމެއް ރަސްގެފާނަށް އަރުވަން ކަމަށާއި، އެކަން ކުރެވޭނޭ ގޮތެއް އޭނާއަށް ނުފެނުނީ ކަމަށް ދަންނަވައިފިއެވެ. ރަސްގެފާނަށް އުނދަގޫފުޅު ވިޔަސް، ދެން އޮތް ގޮތަކީ ނުވަގުތުގައި ބަންގި ގޮވުން ކަމަށް ވެސް ދަންނަވައިފިއެވެ. އޭނާގެ ވާހަކަ އައްސަވައިފައި، އެ ވާހަކަތައް ރަސްގެފާނު ގަބޫލުފުޅު ކުރައްވައިފިއެވެ. އެ އެންގެވުން ރައްދު ކުރެވިއްޖެ ކަމުގެ ހެއްކެއްގެ ގޮތުން ރަސްގެފާނުގެ ސޮއިފުޅަކަށްވެސް ޕިޔޯނު އެދިއްޖެއެވެ. ރަސްގެފާނު ސޮއި ދެއްވައިފައި، ޕިޔޯނު ފޮނުއްވައިލައްވައިފިއެވެ.
ރަސްގެފާނު ކޯޓަށް ވަޑައިގަންނަވާން އޮތް ދުވަސް ޖެހިއްޖެއެވެ. ރަސްގެފާނު ތައްޔާރުވެ ވަޑައިގަތް އިރު ތުރު ކުރައްވައިގެން ހުންނެވި ހެދުންކޮޅުގެ އެތެރޭގައި ކަނޑިއެއް ފޮރުއްވައިފިއެވެ.
ރަސްގެފާނު ކޯޓަށް ވަޑައިގަތީމާ ވަކި ޚާއްޞަ ގަދަރެއް ގާޒީ ނުކުރެއްވިއެވެ. ރަސްގެފާނު ވެދެވަޑައިގަތީމާ ތެދުވެ ވަޑައެއްވެސް ނުގަތެވެ. އެއީ ރަސްކަލެއް ކަމުގައި ވީ ނަމަވެސް އެ ވަގުތު ކޯޓަށް ހާޒިރު ކުރެވުނީ ޣިޔާޘުއްދީން ނަމަކަށް ކިޔާ މުސްލިމެކެވެ.
ގާޒީ ރަސްގެފާނާ ސުވާލު ކުރެއްވިއެވެ. “މިތާނގައި މިހިރަ ހުވަފަތް އަންހެންމީހާގެ ފިރިހެން ދަރިއަށް އަނިޔާ ކުރިންތަ؟”
ރަސްގެފާނު ވިދާޅުވިއެވެ. “އެއީ އަޅުގަނޑު ގަސްތުގައި ކުރި ކަމެއް ނޫން. ދުންޏެއް ދޫކޮށްލީ ވަގުތު ގަސްތަކާ ނުލައި ދިމާވީ ކަމެއް.”
ގާޒީ ވިދާޅުވިއެވެ. “ތިޔަ ކުރި ކަމެއްގެ ސަބަބުން މިހިރަ ހުވަފަތް އަންހެން މީހާގެ ފިރިހެން ދަރި ޒަޚަމް ވެއްޖެ.” ގާޒީގެ ވާހަކަފުޅު ހުރީ ތަންކޮޅެއް ހަރުކަށި ގޮތަކަށެވެ. އޭނާ މަސައްކަތް ކުރެއްވީ އަންހެން މީހާގެ ހިތް ހަމަ ޖެހޭނޭ ގޮތެއް ހައްދަވާށެވެ. ރަސްގެފާނުގެ ގަސްތުފުޅަކީ އެ ކުއްޖާއަށް އަނިޔާއެއް ކުރުން ކަމަށް ނުވި ނަމަވެސް ކުރެއްވި ކަމެއްގެ ސަބަބުން އެ ކުއްޖާ ވަނީ ޒަޚަމް ވެފައެވެ. އެހެންވީމާ ބަދަލެއްގެ ގޮތުން ރަސްގެފާނު ކޮންމެވެސް ކަމެއް ކުރެއްވުމަކީ ނުވަތަ ކޮންމެވެސް އެއްޗެއް ދެއްވުމަކީ ލާޒިމު ކަމެކެވެ. އެހެންވީމާ ގާޒީ ޙުކުމް ކުރެއްވީ އެ ޒަޚަމްގެ ބަދަލު ދެއްވާށެވެ.
ރަސްގެފާނު އެ އަންހެން މީހާޔާ ވާހަކަފުޅު ދައްކަވާން ފައްޓަވައިފިއެވެ. ކުޑަ އިރުކޮޅެއްގެ މަޝްވަރާއަށް ފަހު، އަންހެން މީހާގެ ހިތްހަމަ ޖެހުމާއެކު މައްސަލަ ނިމިއްޖެއެވެ. ރަސްގެފާނު ކަންތައް ކުރެއްވި ގޮތާ މެދު އަންހެން މީހާ އުފާވެސް ކޮށްފިއެވެ.
ގާޒީ އަންހެން މީހާޔާ ސުވާލު ކުރެއްވިއެވެ. “ކޯޓުން ނިމުނު ގޮތް ކަލޭ ގަބޫލު ކުރީ އެއްވެސް ކަހަލަ މަޖުބޫރު ކަމެއް އޮވެގެންތަ؟ އެއްވެސް ކަހަލަ ފިއްތުމެއްގެ ދަށުވެފައި ހުރެގެންތަ؟” ގާޒީ މި ސުވާލު ކުރެއްވީ ދަޢުވާ ލިބޭ މީހާއަކީ ރަސްކަލަކަށް ވާތީ އާދައިގެ ނިކަމެތި އަންހެނަކު ބިރުން ނުވަތަ ޖެހިލުންވެ ހުރެގެން ރަސްގެފާނު ހުށަހެޅުއްވި ގޮތް ގަބޫލު ކޮށްފާނެތީ، އެފަދަ ގޮތަކަށް ނުވާކަން ޔަގީން ކުރެއްވުމުގެ ގޮތުންނެވެ.
އަންހެން މީހާ ބުންޏެވެ. “ނޫން. އަޅުގަނޑު މިހިރީ ކޯޓުން މި ނިމުނު ގޮތް އުފަލާއެކު ގަބޫލު ކޮށްގެން؟”
އަންހެން މީހާ ހިނގައްޖެއެވެ.
މައްސަލަ ނިމުނީމާ ޚުދު އޭނާގެ ގޮނޑިކޮޅުގައި އިށީނދެވަޑައިގަންނަވާން ރަސްގެފާނަށް ގާޒީ ދަންނަވައިފިއެވެ. އަދި ވަރަށް ބޮޑަށް އަދަބު އިޙްތިރާމް ވެސް އަދާ ކުރައްވައިފިއެވެ. މިހާރު އެއީ ރަސްގެފާނެވެ. ކޯޓަށް ހާޒިރު ކޮށްފައިވާ މުލްޒިމެއް ނޫނެވެ.
ރަސްގެފާނު ގާޒީގެ ގޮނޑިކޮޅުގައި އިށީނދެވަޑައިގެންފައި، ހެދުންކޮޅުގެ ތެރޭގައި އޮތް ކަނޑި ގާޒީއަށް ދައްކަވައިފައި ވިދާޅުވިއެވެ. “މި ކަނޑި އެބަ ފެނިވަޑައިގަނޭތޯ؟ ދެންމެ ތިޔަ ކުރެއްވި ޙުކުމް ތިޔަ ނޫން އެހެން ގޮތަކަށް ކުރެއްވި ނަމަ ގާޒީގެ އިސްތަށިފުޅު ހަށިކޮޅާ ވަކި ކޮށްލާނީ މި ކަނޑިން. ރަނގަޅަށް ޙުކުމް ކުރެއްވީތީ ﷲ އަށް ޙަމްދު ކުރަން.”
ގާޒީ އޭނާގެ ޒިންމާއާއި މަސްއޫލިއްޔަތު ތެދުވެރި ކަމާއެކު އަދާ ކުރައްވާތީ ރަސްގެފާނު ވަރަށް ބޮޑަށް އުފާފުޅު ކުރެއްވިއެވެ. ރަސްގެފާނާ ދެކޮޅަށް ހުށަހެޅޭ މައްސަލައަކަށް ވިޔަސް އިންސާފުގެ މަގުން މައްސަލަ ނިމިގެން ދިއުމަކީ ރަސްގެފާނު އެދިވަޑައިގަންނަވާ ގޮތެވެ.
ގާޒީ ކޯޓުގައި އޮތް ދުއްރަ ރަސްގެފާނަށް ދައްކަވައިފައި ވިދާޅުވިއެވެ. “އެނގިވަޑައިގަނޭތޯ؟ އަޅުގަނޑުގެ އެންގުމަށް ރަސްގެފާނު މި ތަނަށް ވަޑައި ނުގަތް ނަމަ، މި ދުއްރައިގައި ހުރި ވަރު މަނިކުފާނަށް ދައްކައިލީމުސް.”
ޣިޔާޘުއްދީނަކީ ރަނގަޅު، ޢަދުލުވެރި ރަސްކަލަކަށް ވީ ކަމީ ގާޒީގެ ނަސީބެވެ. އެހެން ނޫން ނަމަ ގާޒީ އެ ދެއްކެވި ވާހަކަފުޅުގެ ސަބަބުން ސީދާ ރަސްގެފާނު ހަމަ އެ ވަގުތު ގާޒީގެ ގައިގައި ތަޅުއްވައި އަދަބު ދެއްވީހެވެ. އެކަމަކު އެ ރަސްގެފާނު ބޭނުންފުޅު ވަނީ އިސްލާމް ދީނުގައި އޮންނަ ޢަދުލުވެރި ނިޒާމު ގާއިމު ކުރައްވާށެވެ. ކުޑަ ކުއްޖަކަށް ވިޔަސް ލިބެންވާ ޙައްޤުތައް ލިބިދީ، އިންސާފު ގާއިމު ކުރެވޭ ގޮތް ވާށެވެ.
ރަސްގެފާނު ތެދުވެ ވަޑައިގެން ގާޒީއާ ކަރާއި ކަރު ޖައްސައި ސަލާން ކުރެއްވުމަށް ފަހު ވިދާޅު ވިއެވެ. “ގާޒީގެ ގޮނޑިކޮޅުގައި އަވަހަށް އިށީނދެ ވަޑައިގަންނަވާ!”
ގާޒީއަކީ ކިހައި މުހިއްމު މީހެއްކަން ރަސްގެފާނަށް އެނގިވަޑައިގަނެއެވެ. ގާޒީއަކު އިންސާފުން މައްސަލަތައް ނިންމަމުން ގެންދާ ނަމަ، ރަސްގެފާނުގެ މަސްއޫލިއްޔަތުން ބޮޑު ބައެއް އަދާ ކުރެވެނީއެވެ.