ސްޕެނިޝް ލަލީގާގައި ރެއާލް ބެޓިސް 4-0 އިން ރޭ ބަލިކޮށް ލީގް ޗެމްޕިއަންކަން ކަށަވަރު ކުރުމާއި 8 ޕޮއިންޓް ކައިރިއަށް ބާސެލޯނާ ޖެހިލައިފިއެވެ.

ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗުގައި ބާސެލޯނާއަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ ޑިފެންޑަރު ކްރިސްޓެންސެން އާއި ފޯވާޑް ރޮބާޓް ލެވަންޑޮސްކީ އާއި ވިންފަރ ރަފީނާއެވެ. ހަތަރުވަނަ ލަނޑަކީ ބެޓިސްގެ ގުއިޑޯ ރޮޑްރިގޭޒް އަތުން 82 ވަނަ މިނެޓުގައި ބައިކޮޅަށް ވަން ލަނޑެކެވެ. ބާސާގެ އަނެއް ތިން ލަނޑު ޖެހީ ފުރަތަމަ ހާފުގައެވެ.

މިމެޗުގެ 33 ވަނަ މިނެޓުގައި ބެޓިސްގެ އެޑްގާ ގޮންޒާލެސްއަށް ރަތްކާޑް ދެއްކުމުން މެޗުގެ ބޮޑުބައި އެޓީމުން ކުޅެން ޖެހުނީ އެއްކުޅުންތެރިޔަކު މަދުކޮށްކަން ފާހަގަ ކުރެއެވެ.

މިމޮޅާއެކު ތާވަލުގެ ކުރީގައި ބާސާ އޮތީ 32 މެޗުން ލިބުނު 79 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އޮތީ 32 މެޗް ކުޅެގެން ލިބުނު 68 ޕޮއިންޓާއެކުއެވެ. ބާސާ އާއި ރެއާލްއަށްވެސް ލީގުގައި ބާކީ އޮތީ 6 މެޗެވެ. ލީގް ޗެމްޕިއަންކަން ކަށަވަރު ކުރުމަށް ކުރިއަށް އޮތް 6 މެޗުން ބާސާއަށް މިހާރު ބޭނުން ވަނީ އެންމެ 8 ޕޮއިންޓެވެ. އެއީ ރެއާލްއަށް ކުރިއަށް އޮތް 6 މެޗުން އެޓީމް މޮޅުވިނަމަވެސް މިސީޒަނުގައި އެޓީމަށް ހޯދޭނީ 86 ޕޮއިންޓް ކަމުގައިވާތީއެވެ. ކުރިއަށް އޮތް 6 މެޗުން 8 ޕޮއިންޓް ހޯދައިގެން ބާސާއަށް 87 ޕޮއިންޓް ހަމަކުރެވެން އެބައޮތެވެ.

ރެއާލް ރޭ ވަނީ ކެޕްޓަން ކަރީމް ބެންޒީމާގެ ހެޓްރިކާއެކު 4-2 އިން އަލްމީރިއާ އަތުން އަމިއްލަ ދަނޑުގައި މޮޅުވެފައެވެ. މިމެޗުގައި ރެއާލްއަށް ދެން ލަނޑު ޖަހައިދިނީ ބްރެޒިލްގެ ފޯވާޑް ރޮޑްރީގޯއެވެ.