ދިވެހި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނައިގެން މުޅި ދިވެހި ރައްޔިތުންގެ ދިފާއުގައި އަބަދުވެސް ދިވެހި ފުލުހުން ވާނެކަމާއި، ތަފާތު ގޮންޖެހުންތަކާއެކުވެސް އެންމެނަށް ރައްކާތެރި ގައުމަކަށް މި ގައުމު ހެދުމަށް ފުލުހުން ގެންދަނީ ރެއާއި ދުވާލު އެތައް މަސައްކަތެއް ކުރަމުންކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު މިހެން ވިދާޅުވީ ފުލުހުންގެ 90 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފުލުހުން ވިދާޅުވީ މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ ހަލުވިކަމާއެކު ގައުމަށް އަންނަމުންދާ އިޖުތިމާއީ، ސިޔާސީ، އިގްތިޞާދީ، ޓެކްނޮލޮޖީ އަދި މޫސުމީ ބަދަލުތަކާ ގުޅުވައިގެން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދިވެހި ފުލުހުން މިއަދު ވާންޖެހިފައިމިވަނީ އެބަދަލުތަކަށް ހޭލުންތެރި، ގާބިލްބަޔަކަށްކަމަށެވެ.
އަދި ފުލުހުންގެ މުއައްސަސާއަކީ، މި މަސައްކަތުގައި އަބަދުމެ ދެމިއޮންނަ، އެއިރަކަށް ބޭނުންވާ ކުރިއެރުންތައް ލިބި، ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ފުރިހަމައަށް ލިބިފައިވާ މުއައްސަސާއަކަށް ވުމަށް ކުރަންޖެހޭ ގިނަ ކަންތައްތައް އަދިވެސް އެބަހުރިކަމާ، އެމަގުން ފުލުހުން ކުރަމުން އައި މަސައްކަތުގެ ރަނގަޅު ނަތީޖާވެސް މިއަދު ވަނީ ފެންނަން ފަށާފައިވާކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ފުލުހުންގެ ހިދުމަތަކީ ރައްޔިތުންގެ އާންމު ދިރިއުޅުމާއި އެންމެ ބޮޑަށް ގުޅިފައިވާ އެއް ހިދުމަތްކަމާއި، މަގުހިނގާ ބޭނުންކުރާ މީހުންނާއި އެމީހުންގެ މުދަލަށް ސަލާމަތްތެރިކަން ފޯރުކޮށްދިނުމާއި، އެމީހުންނަސް އެހީތެރިވެދީ ފަސޭހަކޮށްދިނުމާއި، ކުށްކުރުން ހުއްޓުވުމާއި މަގުމަތީގެ އަމާންކަން ބަލަހައްޓައިދިނުމާއި، މިއިން ކޮންމެ ކަމަކީ ފުލުހުންގެ ޒިންމާ ތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަން ފާހަގަކުރައްވައި، އެއީ ވަކި އެއްކަމަކަށް އެކަނި އިސްކަންދީގެ ފުރިހަމަ ކުރެވޭނެ ކަންކަމެއް ނޫންކަމާއި، އެކަންކަން ރަނގަޅު ގޮތުގައި ކުރުމަށް، ފުލުހުންގެ މަސައްކަތްތައް ތަރުތީބުކުރެވިފައިވާ ގޮތަށް ބަދަލު ގެނެސް މަސައްކަތްތައް އިސްލާހްކޮށް ތަރައްގީކުރުމަށް އިތުރަށް މަސައްކަތް ކުރަމުންދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން 2022 އަހަރު ތެރޭގައި ތޭރަހާހަސްވުރެ ގިނަ ޖިނާއީ މައްސަލަ ފުލުހުން ތަހުގީގުކޮށްފައިވާކަމާއި، ފުލުހުންގެ ތަހުގީގުތަކުގެ ބޮޑުބައެއް މިއަދި ބިނާވެފައިވަނީ ފޮރެންސިކް ހެކީގެ މައްޗަށްކަމަށް ވިދާޅުވިއެވެ. އެގޮތުން މަރުގެ މައްސަލަތަކާއި، ޖިނާއީ އެނޫންވެސް ބޮޑެތި މައްސަލަތަކުގެ ތަހުގީގުތަކުގައި ޑީ.އެން.އޭ އެނަލިސިސްއާއި، ޑިޖިޓަލް ފްރެންސިކްސް އަދި އެނޫންވެސް ބާވަތުގެ ހެކި ހޯދަންޖެހޭ އެފަދަ މައްސަލަތަކުގައި އެންމެ ޒަމާނީ ފޮރެންސިކް ތަހްގީގު އުކުޅުތައް އަންނަނީ ވަރަށް މުހިންމު އުކުޅެއް އަދާކުރަމުންކަމަށް ފާހަގަކުރެއްވިއެވެ.
އަދި ތަހުގީގުކުރުމުގެ މަސައްކަތުގައި ފުލުހުންގެ ތެރޭގައި މިހާރު ހަރަކާތް ތެރިވަމުންދާ ފުލުހުންގެ ތެރެއިން ގިނަ ފުލުހުންނަކީ ގާނޫނުގައި ބުނާ ފެންވަރުގެ ނުވަތަ އެއަށްވުރެން މަތީ ފެންވަރެއްގެ ތަމްރީން ލިބިފައިވާ ފުލުހުންނެވެ. ވުމާއެކު ފުލުހުންގެ މަސައްކަތަކީ، ޒަމާނަށް އަންނަ ބަދަލުތަކަށް ބިނާކޮށް، އަދި މުޖުތަމައުގެ ބަދަލުވަމުންދާ ބޭނުންތަކާ އުންމީދުތަށް އެއްގޮތަށް ހިދުމަތް ތަރަށްގީކޮށް ޒިންމާދާރުކަމާއެކު ފޯރުކޮށްދެމުންދިއުންކަމާއި މަދަނީ ހިދުމަތެއްގެ ގޮތުގައި ފުލުހުން ގާއިމްވެގެން ދިއުމަކީ ފުލުހުންގެ މަސައްކަތް ޒަމާނީ ގޮތަށް ތަރުތީބުކުރުމަށް ލިބިގެންދިޔަ ފުރުސަތެއް ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
އަދި ފުލުހުންގެ އާ ޤާނޫނެއް ވުޖޫދުވެގެން އައުމަކީ، ފުލުހުންގެ މަސައްކަތަށް ލިބުނު އެންމެ ބޮޑު އެއް ކުރިއެރުންކަން ފާހަގަކުރައްވައި، ފުލުހުންގެ އާ ޤާނޫނުގެ ސަބަބުން ފުރިހަމަޔަށް ޖަވާބުދާރީވާ، ޒިންމާދާރު މުއައްސަސާއަކަށް ވުމަށް މަގުފަހިކޮށްދީފައިވާކަމަށާއި ޒަމާނީ ވަސީލަތްތަކާއި އުކުޅުތައް ފުލުހުންގެ މަސައްކަތުގައި ބޭނުންކުރުމަށް ހައިސިއްޔަތު ލިބިދިނުމުގެ އިތުރުން، ރައްޔިތުންނާއި ގާތުން ރައްޔިތުންގެ ބައިވެރިވުމާއެކު ޚިދުމަތް ދިނުމަށް މަގުފަހިކޮށްދީފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ./
ހަމައެއާއެކު ދިވެހި ފުލުހުންގެ ފޮރެންސިކް ގާބިލިއްޔަތިކަމާއެކު، ޒަމާނީ ކުށްކުރުމުގެ ވައްޓަފާޅިއާ ބައްދަލުވާ ރައްދެއް ދެވޭނެ މިންވަރަށް ފުލުހުންގެ ތަހުގީގީ ގާބިލުކަން އިތުރުކުރުމަަށް ފުލުހުންގެ ހިދުމަތުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ފުލުހުން ހިމެނޭ ގޮތުން ޖިނާއީ އަދުލުގެ ނިޒާމާއި، މި މައްސަލަތަކާއި ގުޅުންހުރި ދައުލަތުގައި ހިމެނޭ ހުރިހާ އިދާރާތަކުން އެއް މިސްރާބަކަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ފުލުހުންގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ތެރެއިން މުސްތަޤުބަލަށް އަމާޒުކޮށްގެން ގިނަ އިންވެސްޓްމަންޓްތަކެއް ކޮށް އާ ޑިޖިޓަލް ހިދުމަތްތަށް ދަނީ ތައާރަފްކުރަމުންދާކަމަށް ވިދާޅުވިއެވެ. އަދި މިދިޔަ އަހަރު ތަޢާރަފުކުރި މޮބައިލް އެޕްލިކޭޝަން އެއީ އޭގެ އެއްމިސާލު ކަމަށާއި، ފުލުހުން މިހާރު ތައްޔާރުވަމުން މިދަނީ އާޓިފިޝަލް އިންޓަލިޖެންސް އަދި މެޝިން ލަރނިންގެ އަލީގައި ފުލުހުންގެ މަސައްކަތްތަކުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ބަދަލުކޮށްލާނެ ހާއްސަ ޕްރޮގްރާމެއް ގާއިމްކޮށް، ކައިރި މުސްތަގުބަލެއްގައި މި އީޖާދީ ޓެކްނޮލޮޖީގެ ވަސީލަތްތަށް ތަޢާރަފުކޮށް،ފުލުހުންގެ ފަރާތުން ލިބޭ ޚިދުމަތަށް އިންޤިލާބީ ބޮޑު ބަދަލެއް ގެނެވިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.
ފުލުހުންގެ 90 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންނާއި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި މިނިސްޓަރ އޮފް ހޯމް އެފެއަރޒްގެ ދެ ކަނބަލުންނައި ދައުލަތުގެ އެކި ވުޒާރާތަކުގެ ވަޒީރުންނާއި ބޭރުގެ ސަފީރުންނާއި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި ގިނަ އަދަދެއްގެ ފުލުހުންނާއި އާންމު މުވައްޒަފުން ބައިވެރިވެލެއްވިއެވެ.