ފަސް ރަށެއްގައި އައިސްޕްލާންޓް ބަހައްޓަން ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ.

މި މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ޙަވާލުކުރުމުގެ މިއެއްބަސްވުމުގައި މި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޔާމީން އެވެ. އަދި ފެނަކައިގެ ފަރާތުން ފެނަކައިގެ ސީ.އީ.އޯ އަޙްމަދު ސަޢީދު މުޙައްމަދުއެވެ.

މި އެއްބަސްވުމުގެ ދަށުން އައިސްޕްލާންޓް ބަހައްޓަން ހަވާލުކުރި ރަށްތަކަކީ:

  • ހއ. ދިއްދޫ
  • ގދ. ރަތަފަންދޫ
  • އއ. ރަސްދޫ
  • ދ. މީދޫ
  • ލ. މާމެންދޫ

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ، ޑރ. ޙުސައިން ރަޝީދު ޙަސަން، ވިދާޅުވީ، މިއަދު މި ސޮއިކުރި 5 އައިސްޕްލާންޓަކީ ސައުދީ ފަންޑުގެ އެހީގައި ރާއްޖޭގެ ޤާއިމްކުރާ ފަސް އައިސްޕްލާންޓްކަމަށެވެ. މި ފަސް އައިޕްލާންޓް ޤާއިމްކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ޙަވާލުކުރީ މިއައިސްޕްލާންޓްތައް މިރަށްތަކުގައި ޤާއިމް ކުރުމަށް މީގެ ކުރިންވެސް މިނިސްޓްރީގެ ފަރާތުން އައިސްޕްލާންޓް ޤާއިމްކޮށްދޭނޭ ބަޔަކު ހޯދުމަށް ދެ ފަހަރެއްގެ މަތިން ބީލަމަށް ހުޅުވާލުމުން އެކަށީގެންވާ ބީލަމެއް ނުލިބި ލަސްވެގެން ދިޔުމުގެ ސަބަބުން ކަން ފާހަގަ ކުރެއްވިއެވެ.

އަދި އެންމެ ފަހުން ސައުދީ ފަންޑާ ދިވެހި ސަރުކާރާ މަޝްވަރާ ކޮށްގެން، ސަރުކާރުގެ ކުންފުންޏެއް ކަމުގައިވާ ފެނަކަ ކޯޕަރޭޝަނާ މި މަސައްކަތް ޙަވާލުކުރާގޮތަށް ނިންމީކަމުގައި ވިދާޅުވިއެވެ. އަދި ފެނަކަ ކޯޕަރޭޝަނާ މިމަސައްކަތް ޙަވާލުކޮށްފައިވަނީ 8 މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި މި ފަސް އައިސްޕްލާންޓް ޤާއިމްކޮށް ޚިދުމަތް ދިނުމަށް ކަމުގައި މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގައި ފެނަކަ ކޯޕަރޭޝަނުން މިކަން ކުރައްވާނެކަމުގެ ޔަޤީން އެބައޮތް ކަމުގައިވެސް މިނިސްޓްރ ވިދާޅުވިއެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މިސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލާ ގުޅިގެން މީހުން ދިރިއުޅޭ ރަށްރަށް ފިޔަވައި އެހެން ރަށްރަށުގައި ސަރުކާރުން ޤައިމްކުރާ އައިސްޕްލާންޓްތައް ހިންގާ ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން މިގެންދަނީ ފެނަކަ ކޯޕަރޭޝަނުން ކަމަށާއި އެއީ އެންމެ އަގުހެޔޮކޮށް ކަރަންޓް ލިބޭނީ ފެނަކައަށްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، އައިސްޕްލާންޓްތައް އެންމެ ރަނގަޅަށް ބެލެހެއްޓުމުގެ ފުރުޞަތުވެސް އެންމެ ރަނގަޅަށް ލިބެނީ ފެނަކަ ކޯޕަރޭޝަނަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ފަސްރަށުގައި އައިސްޕްލާންޓް ޤާއިމް ކުރުމަށް ސައުދީ ފަންޑުން ވެދެއްވި އެހީއަށްޓަކައި މިނިސްޓަރ ވަނީ ސައުދީ ފަންޑަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ހަމަ އެގޮތުން ފެނަކަ ކޯޕަރޭޝަނުން މިކަމަށް މިނިސްޓްރީއަށް ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ފެނަކަ ކޯޕަރޭޝަނަށް މިނިސްޓްރ ޝުކުރު އަދާކުރެއްވިއެވެ.

މި މިނިސްޓްރީއަށް ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރައީސް ޞާލިޙުގެ މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި މިނިސްޓްރީގެ ފަރާތުން މިގެންދަނީ ގަދައަޅައި މަސައްކަތް ކުރަމުންދާ ކަމުގައި ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް ވެފައިވާ ވައުދުގެ ދަށުން ބައެއް ރަށްރަށުގައި އައިސްޕްލާންޓް ޤާއިމްކޮށް ނިމި އަދި ބައެއް ރަށްރަށުގައި އައިސްޕްލާންޓް ޤާއިމްކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމުގައި ވިދާޅުވިއެވެ. އެހެންވީމަ މި ފަސްރަށުގައި އައިސްޕްލާންޓް ޤާއިމްކުރެވުނީމަ އައިސްޕްލާންޓް ޤާއިމްކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުރިހަމަވާނެ ކަމުގައި ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ ސީއީއޯ، އަޙްމަދު ސަޢީދު މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ކަނޑައެޅިފައިވާ މުއްދަތުގައި އައިސްޕްލާންޓް ގާއިމް ކުރުމަށް ސޮއިކުރި މިފަސް ރަށުގައި އައިސްޕްލާންޓްތައް ކަނޑައެޅިފައިވާ މުއްދަތުގައި ޤާއިމްކޮށްދޭނެ ކަމުގެ ޔަޤީންކަން އެރަށްތަކުގެ މަސްވެރިންނަށާއި ރައްޔިތުންނަށް އަރުވާ ކަމަށް ވިދާޅުވިއެވެ. އަދި މިހާރުވެސް ފެނަކައާ ޙަވާލުކޮށްފައިވާ އައިސްޕްލާންޓްތައް، ޙަވާލުކުރި ފަހުން އިރާދަ ކުރެއްވީތީވެ އެއްވެސް ކަހަލަ ބޮޑު މައްސަލައެއް ދިމާނުވެ އެ އައިސްޕްލާންޓްތަކުން މިވަގުތު އައިސް ލިބެމުންދާކަން ވަނީ ފަހަގަ ކުރައްވާފައެވެ.

ނަމަވެސް އެ އައިސްޕްލާންޓްތަކުގެ ކެޕޭސިޓީ އިތުރު ކުރުމަކީ ކޮންމެހެން މިއަދު ކުރަންޖެހޭ ކަމަކަށްވާތީ އެކަން ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަންވެސް މިއަދު ފެނަކައިން ކުރަމުންދާކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މިފަހަރުގެ މި ފަސް އައިސްޕްލާންޓްގެ މަސައްކަތް ކުރުމުގެ ފުރުޞަތު ދެއްވިކަމަށްޓަކައި ސައީދުވަނީ މިނިސްޓްރީއަށް ޝުކުރުއަދާ ކުރައްވާފައެވެ.