ފޭދޫ ފިނޮޅު ކައިރިން ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީގެ ލޯންޗަކާއި، ސާސް އީ ކޮންސްޓްރަކްޝަނުގެ ލޯންޗެއް ޖެހި އިއްޔެ ހިނގި މި އެކްސިޑެންޓުގައި ސާސް ކޮންސްޓްރަކްޝަންގެ ވެރިޔާ ސައުދުالله އަހުމަދު (ސައުދު) ވަނީ ނިޔާވެފައެވެ.

ފުލުހުން ވިދާޅުވިގޮތުގައި އެކްސިޑެންޓުވެގެން ރިޕޯޓް ކުރީ އިއްޔެ ހަވީރު 4:40 ހާއިރުއެވެ. އަދި މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށާ އަދި މި ހާދިސާ އާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވިއެވެ.

މީގެއިތުރުން، މި އެކްސިޑެންޓު ހިނގި އިރު ސައުދު އިނީ ލޯންޗުގެ ފަހަތު ސީޓުގައިކަމަށާއި އަދި ބާރު ސްޕީޑްގައި ދުއްވާފައި އައި އެމްޑަބްލިއުއެސްސީގެ ލޯންޗު އަރާފައި ވަނީ ސާސް ލޯންޗުގެ ފަހަތު ބަޔަށްކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މި ހާދިސާއިގައި ސާސް ކޮންސްޓްރަކްޝަންގެ ވެރިޔާ ސައުދުالله އަހުމަދު ނިޔާވެފައި ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.