އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންތަކަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

މީގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުން ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންތައް ޖޫން 17 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ނިންމަވާފައެވެ. އަދި މި ބައި އިލެކްޝަންތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މޭ 15 ވާ ހޯމަ ދުވަހުގެ 14:00އާ ހަމައަށެވެ.

ބައި އިލެކްޝަންތައް ބާއްވާ ރަށްތަކުގެ ތެރޭގައި ރ.އަނގޮޅިތީމު، ބ. ކެންދޫ، ބ. ފެހެންދޫ، އއ.ފެރިދޫ، ފ.ބިލެތްދޫ އަދި ގއ.ދެއްވަދޫއެވެ. މިއިން ކޮންމެ ރަށެއްގެ ކޮމިޓީއަށް އިންތިޚާބު ކުރާނީ އެންމެ މެންބަރެކެވެ.

އަންހެނުންގެ ކޮމެޓީތަކުގެ މެންބަރުން އިސްތިއުފާ ދީފި ހާލަތެއްގައި، ކުރިގައި އޮންނަ ގޮތުން 60 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހެއެވެ. ނަމަވެސް ޑަބްލިއުޑީސީގެ ބައިއިލެކްޝަންތައް ގިނަގިނައިން ބާއްވަން ޖެހުމަކީ އީސީއަށް ބޮޑު ޚަރަދަކަށް ވާތީ އަހަރަކު އެއް ފަހަރު ބާއްވާ ގޮތަށް ވަނީ ގަވައިދު އިސްލާހުކޮށްފައެވެ. މިގެނައި އިސްލާހުތަކާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރެއްގެ މަގާމް ހުސްވެއްޖެ ނަމަ، އެ މަގާމު ހުސްވާތާ ލަސްވެގެން އެއް އަހަރުގެ ތެރޭގައި އެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރަން ޖެހެއެވެ.

އަދި އެ ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވެ،އެ ކޮމިޓީގެ ދައުރުގައި އެއް އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ،، އެ ހުސްވި މަގާމަށް، އަލުން މެންބަރަކު އިންތިޚާބު ކުރަން ނުޖެހޭ ގޮތަށް ވެސް ގަވާއިދުގައި ހިމަނާއިފައިވީނަމަވެސް، ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވުމުގެ ސަބަބުން، އެކޮމިޓީގެ ބައްދަލުވުން ބޭއްވުމަށް ބޭނުންވާ ވަރަށް ކޮމިޓީގައި މެންބަރުން ނެތްނަމަ، އެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެމަގާމަށް މެންބަރަކު އައްޔަންކުރަން ޖެހެއެވެ.

މީގެއިތުރުން، ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވި އިރު، ކޮމިޓީގެ ދައުރުގައި ބާކީ އޮތީ އެއް އަހަރަށް ވުރެ ކުރު މުއްދަތެއް ނަމަ، ބައި އިލެކްޝަނަކުން އިންތިޚާބު ކުރާ މެންބަރުގެ މަގާމުގެ މުއްދަތަކީ، ކޮމިޓީގެ އުމުރު ހަމަވުމަށް ބާކީ އޮތް މުއްދަތު ކަމަށް ވެސް އިސްލާހުގައި ބަޔާންކޮށްފައި ވެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، ޖޫން 17 ވާ ހޮނިހިރު ދުވަހުގެ 8:00 އިން 16:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2023 ޖޫން 21 ވާ ބުދަ ދުވަހުގައެވެ.