އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރު ފަޅީގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި، އިންޑިއާގައި ވެރިކަންކުރާ ބީޖޭޕީއާ ދެކޮޅު ކަޝްމީރުގެ ޕާޓީތަކުން ބޮޑެތި ކާމިޔާބީތަކެއް ހޯދައިފިއެވެ.

މިއީ، އިންޑިއާއިން ވެރިކަން ކުރަމުން އައި ކަޝްމީރަށް ދީފައިއޮތް ސްޓޭޓެއްގެ ދަރަޖަ އުވާލައި، އެއީ އިންޑިއާގެ ޓެރިޓަރީއެއް ކަމަށް ސަރުކާރުން ކަނޑައެޅިފަހުން ބޭއްވި ފުރަތަމަ އިންތިޚާބެވެ.

ޑިސްޓްރިކް ޑިވެލޮޕްމަންޓް ކައުންސިލް އިންތިޚާބު ބާއްވާފައިވަނީ 8 ފޭހަކަށް ބަހާލައިގެން މިދިޔަ ނޮވެމްބަރުމަހުގެ 28 އިން ޑިސެމްބަރުމަހުގެ 19 އާ ދެމެދުގައެވެ.

މިއިންތިޚާބުގައި 280 ގޮނޑިއަށް ކެންޑިޑޭޓުން ވާދަކުރިއެވެ.

މީގެތެރެއިން 112 ގޮނޑި ކާމިޔާބު ކޮށްފައިވަނީ، ކަޝްމީރުގައި ޒާތީ ވެރިކަމެއް ކުރުމަށް ތާއީދުކުރާ ސިޔާސީ ޕާޓީތައް ހިމެނޭ އެލަޔަންސުންނެވެ.

އިންތިޚާބުގައި، އިންޑިއާގައި ވެރިކަންކުރާ ބީޖޭޕީއަށް ކާމިޔާބު ކުރެވުނީ 74 ގޮނޑިއެވެ. މިނިވަން ކެންޑިޑޭޓުން 49 ގޮނޑި ކާމިޔާބު ކުރިއެވެ.

ޖައްމޫ އެންޑް ކަޝްމީރުގައި އިންޑިއާއާ ދެކޮޅު އެންމެ ވަރުގަދަ ހަރަކާތްތައް ހިންގާ ކަޝްމީރު ވާދީގައި ބީޖޭޕީއަށް އޮންނަނީ ވަރަށް ހަނި ތާއީދެކެވެ. ކަޝްމީރު ވާދީން ބީޖޭޕީއަށް ކާމިޔާބު ކުރެވުނީ އެންމެ 3 ގޮނޑިއެވެ.

ބީޖޭޕީއަށް އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރެވުނީ، ހިންދޫންގެ އަޣުލަބިއްޔަތު އޮންނަ ޖައްމޫ ސަރަހައްދުގެ 4 އަވަށަކުންނެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި 20 ޑިސްޓްރިކްޓެއްގެ ގޮނޑިތަކަށް މެމްބަރުން އިންތިޚާބު ކުރެވުނުއިރު، އިންތިޚާބުގައި ވޯޓުލުމުގެ ހައްގުލިބިފައިވާ 6 މިލިއަން މީހުންގެ ތެރެއިން %51 މީހުން ވޯޓްލާން ނުކުތްކަމަށް އިންޑިއާގެ އިލެކްޝަން ކޮމިޝަނުން ބުނެފައި ވެއެވެ.