ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅުވައިގެން މިއަދު ފޮނުއްވި ހިތާބުގައި މަސައްކަތްތެރިންގެ މެދުގައި އިންސާނީ ހައްގުތައް ގާއިމުކުރުމަށާއި ހަމަހަމަކަން ގާއިމުކުރުމަށް ހާއްސަ ސަމާލުކަމެއްދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.
ރައީސް ވަނީ މަސައްކަތްތެރިންނާއި އެމީހުންގެ އާއިލާއަށާއި އެ މަސައްކަތްތައް ފަހިކޮށްދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާތަކަށް ތަހުނިއްޔާ ފޮނުއްވައިފައެވެ. އަދި ހަމައެހެންމެ މިވޭތުވި ހަތަރު އަހަރު ދުވަހު ދިވެހި ސަރުކާރުގެ ފަރާތުން މަސައްކަތްތެރިންގެ ހައްގުގައި އަޅާފައިވާ މުހިންމު ފިޔަވަޅުތަކުގެ ވާހަކަފުޅުތަކުގެ މައްޗަށްވެސް ރައީސް ވަނީ އަލިއަޅުއްވައިލައްވާފައެވެ.
މިހިތާބުގައި، ވިހެމާ ގުޅިގެން މަންމައަށް ލިބޭ 6 މަސްދުވަހުގެ މެޓާނިޓީ ލީވް، ބައްޕައަށް 1 މަސް ދުވަހުގެ ޕެޓާނިޓީ ލީވް އާއި މިނިމަމް ވޭޖް ކަނޑައެޅުމާއި ސާވިސް ޗާޖްގެ ފައިދާ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހަމަހައަށް ލިބިގެންދާނެ ގޮތް ހަމަޖައްސަވާފައިވާ ކަން ރައީސް ފާހަގަކުރެއްވިއެވެ.
ދައުލަތުގެ ތަފާތު ދާއިރާތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މުސާރައަށް އެކަށީގެންވާ ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ވާހަކަ ރައީސް ފާހަގަކުރެއްވިއެވެ. އެމަސައްކަތްތަކަކީ މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށާއި މުވައްޒަފުންގެ މެދުގައި ހުރި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ކުރަމުން އަންނަ މުހިންމު މަސައްކަތްތަކެއް ކަން ރައީސް ފާހަގަކުރެއްވި އެވެ.
މީގެ އިތުރުންވެސް ޕްރައިވެޓް ސެކްޓާތަކުގެ ތަފާތު ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ހައްގުތަކާ ބެހޭގޮތުން ރައިސުލްޖުމްހޫރިއްޔާގެ ހިތާބުގައި އަލިއަޅުއްވައިލެއްވިއެވެ. ޕްރައިވެޓް ސެކްޓާގެ ތަފާތު ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ އިންސާނީ ކަރާމާތާއި ގާނޫނީ ގޮތުން އެމީހުންނަށް ލިބެން ޖެހޭ ހައްގުތަކަށް ފުރިހަމައަށް ލިބިދިނުމަށް އެ މަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.
މަސައްކަތްތެރީންގެ ހައްގުގައި ކުރަން ޖެހޭ ކިތަންމެ ކަމެއް އަދިވެސް ހުރިކަން ފާހަގަކުރައްވައި އެކަންކަން ކުރުމުގައި ސަރުކާރު ދެމިއޮންނާނެ ކަމަށް ރައީސް ގެ ހިތާބުގައި ވަނީ ވިދާޅުވެފައެވެ.