މެލޭޝިއާގެ އައްސޭރިފަށުގައި އޮތް ތެޔޮ ޓޭންކަރެއްގައި އަލިފާން ރޯވެ، ތިން ފަޅުވެރިން ގެއްލިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހު ހަވީރު ހަތަރެއް ޖަހައި އެހައިންކަށްހާއިރުއެވެ. ހާދިސާ ހިނގީ ޖޮހޯރު ސްޓޭޓްގެ އައްސޭރިފަށުގެ ސަރަހައްދެއް ކަމަށްވާ ޓަންޖަންގް ސެޑިލީގެ އިރުއުތުރުން ގާތްގަނޑަކަށް 37.5 ނޯޓިކަލް މޭލު ދުރުގައި ޓޭންކަރު އޮއްވައި ކަމަށް މެލޭޝިއާގެ މެރިޓައިމް އެންފޯސްމަންޓް އެޖެންސީ (އެމްއެމްއީއޭ) އިން މައުލޫމާތު ދީފައިވެއެވެ.

ހާދިސާ ހިނގިއިރު އެ ޓޭންކަރުގައި 28 ފަޅުވެރިން ތިއްބެވެ. އެ ޓޭންކަރަކީ ޗައިނާއިން ސިންގަޕޫރަށް ދަތުރު ކުރަމުން ދިޔަ އުޅަނދެކެވެ. އެމްއެމްއީއޭ އިން ބުނީ އެ ބޯޓުގައި ތިބި މީހުން ސަލާމަތް ކުރުމަށް ނޭވަލް ޕެޓްރޯލް އުޅަނދެއް މިހާރު ވަނީ ޓޭންކަރު އޮތް ސަރަހައްދަށް ފޮނުވާފައި ކަމަށެވެ. މިހާދިސާގައި ގެއްލިފައިވާ ތިން ފަޅުވެރީން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

"ނަސީބަކުން އެ ސަރަހައްދުގައި އޮތް ދެ ބޯޓަކުން ތޭވީސް ފަޅުވެރީން ސަލާމަތް ކުރެވުނު،" އެމްއެމްއީއޭގެ ޑިރެކްޓަރު ފަސްޓް އެޑްމިރަލް ނޫރުލް ހިޒާމް ޒަކަރިއްޔާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ދެ ކްރޫ މެމްބަރަކު ސަލާމަތް ކުރެވުނުއިރު، ތިން މީހަކު އަދިވެސް ގެއްލިފައި އެބަތިބި،" އޭނާ ވިދާޅުވި އެވެ.

މިހާރު ކުރިއަށްދާ އޮޕަރޭޝަންތަކުގެ ތެރޭގައި އެ ތިން މީހުން ޓޭންކަރު ދޫކޮށްލާފައި ކަނޑަށް ފުންމާލިތޯ، ނުވަތަ ތާށިވެފައި ތިބިތޯ ބެލުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.