ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއިން، ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރުއަށް ހަމަލަ ދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލައިފިއެވެ.

އިއްޔެ ފަތިހުގެ ވަގުތެއްގައި، ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށް ހަސަން ޒަރީރަށް ހަމަލާދީ ޒަހަމްކޮށްލި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ފުލުހުންނަށް އެމްޑީޕީއިން ގޮވާލާފައި ވަނީ މިއަދު ނެރުނު ބަޔާނެއްގައެވެ.

ބަޔާނުގައި ހަސަންޒަރީރަށް ދިން ހަމަލާ، އެޕާޓީއިން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި މި ހަމަލާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކުރުމަށާއި މި ނުރައްކާތެރި ކުށްކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެޕާޓީއިން ވަނީ ގޮވާލާފައެވެ.

ހަސަން ޒަރީރަށް ހަމަލަ ދީފައި ވަނީ ހެންވޭރުގައި ހުންނަ ހަބީބީ ކެފޭ އެންޑް ބީސްޓްރޯ ތެރޭގައި ހުއްޓާ އިއްޔެރޭ ފަތިހުގެ ވަގުތެއްގައެވެ. ފުލުހުން ވިދާޅުވެފައިވާ ގޮތުގައި ހަސަން ޒަރީރަށް ހަމަލަދިން ކަމުގެ މައުލޫމާތު ލިބުނީ އިއްޔެރޭ ފަތިހު 5:08 ހާއިރެވެ.

ފުލުހުން އިތުރަށް ބުނި ގޮތުގައި، އެވަގުތު މީޑިޔާއަށް މައުލޫމާތު ދިނުމުގައި، ހަމަލަދީފައި ވަނީ "ތޫނު އެއްޗަކުން" ކަމަށް ދެވުނީ ކުށް މައުލޫމާތެއް ކަމަށާއި ހަސަން ޒަރީރަށް ހަމަލަދީފައި ވަނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވިދާނެ އެއްޗެއް ބޭނުންކޮށްގެން ކަމަށެވެ. އިއްޔެ އެވަގުތު ހަސަން ޒަރީރު ވަނީ އޭޑީކޭއަށް ގެންދެވި ފަރުވާދޭން ފަށާފައެވެ.