ޓެކްސީގެ ޚިދުމަތަށް އަލަށް ނުކުންނަ މީހުންނާއި އަދި ޓެކްސީ ޚިދުމަތުގައި މަސައްކަތްކުރާ މީހުން އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރި ކުރުވުމަށް ހިންގާ ތަމްރީން ޕްރޮގްރާމާއި ތާޒާކުރުމުގެ މިއަހަރުގެ ދެވަނަ ޕްރޮގްރާމް ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނުން މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެއް ހަފްތާގެ މުއްދަތައް ހެންވޭރު ބޯޅަގޭގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާއި، މަގުމަތީގެ އަދަބުތަކުގެ އިތުރުން ޓެކްސީ ގަވާއިދާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިކަމަށެވެ.

މީގެއިތުރުން، އެކްސިޑެންޑްތަކާއި މަގުމަތިގައި ދިމާވާ އެކިއެކި މައްސަލަތައް ހައްލުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމާއިއެކު އެފަދަ ހާލަތުގައި ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީ ގޮތްތަކާއި ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި، ޓެކްސީ ޚިދުމަތަށް އަލަށް ގުޅޭ 264 މީހުން އަދި މިހާރުވެސް ޓެކްސީ ޚިދުމަތުގައި ތިބި 175 މީހަކު ބައިވެރިވެފައިވެއެވެ.

ޓެކްސީ ޑްރައިވަރުން ތަމްރީން ކުރުމާއި ތާޒާކުރުމުގެ ޕްރޮގްރާމަކީ ކޮންމެ އަހަރަކުވެސް ހަތަރު ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ޓެކްސީ ޑްރައިވަރުން ޓެކްސީކުރމުގެ ލައިސަންސަށް އެދޭއިރު ފުރިހަމަ ކުރުމަށް ގަވާއިދުގައި ލާޒިމްކުރާ ތަމްރީނެކެވެ.