މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަސައްކަތްތަކަށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބަދަލުތަކެއް ގެންނަވައިފިއެވެ. މިކަން އަންގަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި 3/2023 ދެންނެވުމުގައެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، ރައީސް މިއަދު ވަނީ މާލެ ސަރަޙައްދުގައި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި، "ވިލިނގިލީ އިޖުތިމާއީ ޚިދުމަތްދޭ މަރުކަޒު" ގެ ނަމުގައި މަރުކަޒެއް މިއަދު އުފައްދަވާފައެވެ. މި މަރުކަޒުގެ މައިގަނޑު މަސައްކަތްތަކަކީ، މާލެ ސަރަޙައްދުން ވަގުތީގޮތުން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށް ދިނުމާއި، ވިލިނގިލީގައި ދިރިއުޅޭ ފަރާތްތަކަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ރާވައި ހިންގުމާއި، އާންމުން ހޭލުންތެރިކުރުމުގެ ޕުރޮގުރާމުތައް ހިންގުމެވެ.

މީގެ އިތުރުން، އެމަނިކުފާނު ވަނީ "އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތައް" މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަސައްކަތްތަކުގެ ލިސްޓަށް މިއަދުން ފެށިގެން އިތުރުކުރައްވާފައެވެ. އަދި އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތައް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަސައްކަތްތަކުގެ ލިސްޓަށް އިތުރުކުރެއްވީ، މުޖުތަމަޢުގައި އިސްރަށްވެހިންގެ ހިއްސާ އިތުރުކުރުމަށް މަގުފަހި ކޮށްދިނުމަށާއި، އިސްރަށްވެހިންނަށް އިޖުތިމާއީ އެހީތެރިކަން ފޯރުކޮށް ދިނުމަށާއި، އިސްރަށްވެހިން ރަނގަޅު ޞިއްޙަތެއްގައި ދެމިތިބުމަށް ޕުރޮގުރާމުތައް ރާވައި ހިންގުމަށާއި، އިސްރަށްވެހިން ޝާމިލުވެ އުޅެވޭ ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ހިންގުމަށް މަރުކަޒުތައް ޤާއިމުކުރުމަށް ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

ހަމަ އެއާއެކު އެމަނިކުފާނު ވަނީ ޖެންޑަރ މިނިސްޓްރީގެ، ދަށުން ހިނގަމުންދިޔަ "ކުޑަކުދިންގެ ހިޔާ" އާއި "އަމާން ހިޔާ" އާއި "ތަޢުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒު" ން ކުރަމުން ދިޔަ މަސައްކަތްތައް ކުރުމަށް އެހެނިހެން އިންތިޒާމުތައް ހަމަޖައްސަވައިފައިވާތީ، އެ ތަންތަން މިއަދުން ފެށިގެން އުވާލައްވާފައެވެ.

މި ބަދަލުތައް ރައީސުލްޖުމްހޫރިއްޔާ ގެންނަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންކަމުގައި މި ދެންނެވުމުގައި ބަޔާންކޮށްފައިވެއެވެ.

މި ބަދަލުތައް ގެނައުމުގެ ސަބަބުން ދެންއަންނާނެ ބަދަލުތަކާ މި ބަދަލު ގެންނެވުމުގެ ބޭނުމާއި އެކަމުން ރައްޔިތުންނަށް ވާނެ ފައިދާތައް ރައިސް އޮފީހުން ނެރުއްވި ދެންނެވުމުގައި ތަފްޞީލުކޮށް ބަޔާންކޮށްދެއްވާފައިވެއެވެ.