ފާއިތުވި އަހަރުތަކުގައި ގޭގެއިން ފެށިގެން ވިޔަފާރިތަކާއި އަދި ބްރިޖްތައް ވެސް ހެދުމަށް ވަނީ 3ޑީ ޕްރިންޓިން ބޭނުންކޮށްފައެވެ. މިހާރު ދުބާއީގައި 3ޑީ ޕްރިންޓްކޮށްފައިވާ ދުނިޔޭގެ ފުރަތަމަ މިސްކިތް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
ދުބާއީ ސަރުކާރުގެ އިސްލާމިކް އެފެއާޒް އެންޑް ޗެރިޓަބަލް އެކްޓިވިޓީސް ޑިޕާޓްމަންޓް (އައިއޭސީއޭޑީ)ގެ އިންޖިނިއަރިންގެ ވެރިޔާ އަލީ މުހައްމަދު އަލްހަލްޔާން އަލްސުވައިދީ ވިދާޅުވި ގޮތުގައި މި ސްޓްރަކްޗާގައި 600 މީހުންނަށް އަޅުކަން ކުރަން ޖާގަ ލިބޭނެއެވެ. ދެ ބުރިއަށް 2،000 އަކަމީޓަރުގެ ދެ ފަންގިފިލާ ހުންނާނެއެވެ. ކޮންކްރީޓް މިކްސް އިން އިމާރާތް ކުރާ މި މިސްކިތުގެ މަސައްކަތް މިއަހަރު ނިމޭއިރު ފެށުމަށް ވަނީ ނިންމާފައެވެ. އަދި 2025 ވަނަ އަހަރުގެ ފުރަތަމަ ހަތަރުމަސް ދުވަހުގެ ތެރޭގައި މިސްކިތް އިމާރާތްކޮށް ނިންމާލެވޭނެ ކަމަށް ބެލެވެއެވެ.
"އަޅުގަނޑުމެން މި މިސްކިތް 3ޑީ ޕްރިންޓް ކުރަން ނިންމީ ސަގާފީ އިމާރާތް ކުރުމުގެ އުސޫލުތަކާ އަޅާބަލާއިރު ވަގުތާއި ވަސީލަތްތައް ސަލާމަތް ކުރެވޭނެތީ އަދި އާ ޓެކްނޮލޮޖީއަކަށް ވާތީ،" އަލްހާލިއަން އަލްސުވައިދީ ވިދާޅުވި އެވެ. ހުރިހާ މައުލޫމާތެއް ހިއްސާ ކުރުމަށް ތައްޔާރު ކަމަށް ވިޔަސް، އައިއޭސީއޭޑީން ވަނީ އިމާރާތް ކުރުމުގެ ޒިންމާ އުފުލާނެ ކުންފުނީގެ ނަން ހާމަކުރަން ދެކޮޅު ހަދާފަ އެވެ.
3ޑީ ޕްރިންޓިން ބޭނުންކޮށްގެން އިމާރާތްތައް އެޅުމަށް ބޭނުން ވަނީ ޑިޒައިންގެ މައުލޫމާތު ޕްރޮގްރާމް ކޮށްފައިވާ ބޮޑެތި ޕްރިންޓިން މެޝިންތަކެކެވެ. އެތަކެތި ނޮޒުލްއަކުން (ކޭކެއްގެ މަތީގައި އައިސިންޖަހަން ނޮޒުލް ބޭނުންކުރާ ގޮތަށް) ކޮންސްޓްރަކްޝަން މެޓީރިއަލް ނެރެ، ސްޓްރަކްޗަރ ފަށަލަތަކެއްގެ ގޮތުގައި ބިނާކުރެއެވެ. 3ޑީ ޕްރިންޓްކޮށްފައިވާ ސްޓްރަކްޗަރތަކުގެ ބޮޑު ބަޔަކީ ކޮންކްރީޓުން ހަދާފައިވާ ތަންތަން ނަމަވެސް ކުނި ފަދަ އެހެން ތަކެތި ބޭނުން ކޮށްގެންވެސް ޕްރިންޓް ކުރެވޭނެ އެވެ.
ދުބާއީ ދުނިޔޭގެ 3ޑީ ޕްރިންޓިން ކެޕިޓަލަކަށް ވުމަށް ނިންމާފައިވާއިރު، 2018 ވަނަ އަހަރު ވަނީ "3ޑީ ޕްރިންޓިން ސްޓްރެޓެޖީ" އެއް ތައާރަފްކުރިއިރު، 2030 ވަނަ އަހަރުގެ ނިޔަލަށް އެމިރޭޓްގެ ހުރިހާ އާ އިމާރާތްތަކުގެ %25 3އިމާރާތުގެޑީ ޕްރިންޓިން ކުރުމަށް ވަނީ ރާވާފައެވެ. 2019 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ އެންމެ ބޮޑު 3ޑީ ޕްރިންޓްކޮށްފައިވާ ސްޓްރަކްޗާ އަކީ ދުބާއީ މުނިސިޕަލްޓީ (640 އަކަމީޓަރުގެ ސަރަހައްދެއްގައި 9.5 މީޓަރު އުސްމިނުގައި ހުރި)އިމާރާތެވެ. މީގެ އިތުރުން ދުނިޔޭގެ ފުރަތަމަ 3ޑީ ޕްރިންޓްކޮށްފައިވާ އޮފީސް ވެސް ހުރީ ދުބާއީގައެވެ. އަދިވެސް ދުބާއީގެ 3ޑީ ޕްރިންޓްކޮށްފައިވާ ޑްރޯން ރިސާޗް ލެބޯޓްރީއެއް ހުރެއެވެ. މުޅި ދުނިޔޭގައިވެސް 3ޑީ ޕްރިންޓް ކޮށްފައިވާ އިމާރާތްތައް ހުރީ ދުބާއީގައޭ މިހާރު ބުނެވޭކަށް ނެތެވެ. ސަބަބަކީ މިހާރު އެފަދަ އިމާރާތްތައް ދުނިޔޭގެ އެހެނިހެން ހިސާބުތަކުގައި ބިނާކުރުމުގެ މަސައްކަތް ކުރެވެމުންދާތީއެވެ.