އިންޑިޔާއިން 2030 އަށް އަމާޒު ހިފައިގެން ތައްޔާރު ކުރަމުން އަންނަ އިންޑިޔާގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ރޭ މަޝްހޫރު ރެއާލް މެޑްރިޑުގެ 17 އަހަރުން ދަށުގެ ޓީމާ ވާދަކޮށް 3-3 އިން އެއްވަރު ކޮށްފިއެވެ.

ރެއާލް މެޑްރިޑުގެ ޖުވެނައިލް ބީ ގައި ކުޅުނު މިމެޗުގައި ރެއާލްއިން ލަނޑެއް ކާމިޔާބު ކޮށްފައި ވަނިކޮށް އިންޑިޔާއިން ދެލަނޑު ޖަހައި ލީޑްވެސް ނެގިއެވެ. އެކަމަކު ފަހަތުން އަރައި އަނެއްކާވެސް ރެއާލްއިން ދެލަނޑު ޖެހީއެވެ. 3-2 އިން އިންޑިޔާ ބަލިވާން ދަނިކޮށް އެއްވަރު ކޮށްދިނީ މެޗުގެ 90 ވަނަ މިނެޓުގައި އުއްމީދީ ފޯވާޑް ގަންގްޓޭއެވެ. ގަންގްޓޭއަކީ މިދިޔަ އަހަރު އޮތް 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައިވެސް އެންމެ ބޮޑަށް ވިދާލީ އެއްކުޅުންތެރިޔާއެވެ.

އިންޑިޔާގެ 17 އަހަރުން ދަށުގެ ޓީމު މިވަގުތު ސްޕެއިނުގައި ހަދަމުން އަންނަ ތަމްރީންތަކީ ކުރިއަށް އޮތް ޖޫން މަހު އޮންނަ އޭއެފްސީ 17 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ހަދަމުން އަންނަ ތަމްރީންތަކެކެވެ. އިންޑިޔާއިން ވަނީ މިދަތުރުގައި އެތުލެޓިކޯ މެޑްރިޑް އަދި ލެގާނޭގެ ޒުވާން ޓީމާ ދެކޮޅަށްވެސް އެކުވެރިކަމުގެ މެޗް ކުޅެފައެވެ. މީގެ އިތުރުން މިމަހުގެ 10 ވަނަ ދުވަހު ގެޓާފޭގެ 18 އަހަރުން ދަށުގެ ޓީމާ ދެކޮޅަށްވެސް އިންޑިޔާގެ 17 އަހަރުން ދަށުގެ ޓީމު އެކުވެރިކަމުގެ މެޗެއް ކުޅޭނެއެވެ.

އޭއެފްސީ މުބާރާތުގައި އިންޑިޔާ ހިމެނެނީ ވަރުގަދަ ޖަޕާނާއި އުޒްބެކިސްތާން އަދި ތައިލެންޑާ އެއްގްރޫޕެއްގައެވެ.