މި ދުވަސްވަރަކީ މޫސުން ގޯސް އަދި ކަނޑުތައްވެސް ގަދަ ދުވަސްވަރަކަށް ވުމާއި ދިވެހިރާއްޖޭގެ މޫސުމާބެހޭ އިދާރާއިން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ސަމާލު ނެރެފައިވާތީ ދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރައްވައި މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ކަނޑުދަތުރުފަތުރު ކުރުމުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއެކު އުޅަނދުގައި ފުރިހަމަވެފައި ހުންނަންޖެހޭ މުވާސަލާތީ ވަސީލަތްތަކާއި ލައިފް ޖެކެޓު ހަމައަށް ހުރިތޯއާއި އެތަކެތި ހުރީ ބޭނުންކުރެވޭފަދަ ހާލަތުގައިތޯ ޔަގީންކުރެއްވުމަށެވެ. އަދި އެ އުޅަނދަކަށް އެކަށީގެންވާ ވަރަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށްވެސް އިލްތިމާސްކޮށް ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އުޅަނދު ދުއްވާ ފަރާތްތަކުންވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމެއްކަން ފުލުހުންވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން، މޫސުން ގޯވެ، ބޯކޮށް ވާރޭވެހޭ ވަގުތުތަކުގައި އެއްގަމު އުޅަނދު ދުއްވުމުގައިވެސް ސަމާލުކަން ދެއްވުމަށާއި ވައިގަދަ ވަގުތުތަކުގައި ކޮންޓްރޯލްކުރެވޭ މިންގަނޑެއްގައި އުޅަނދުގެ ސްޕީޑް ބެހެއްޓުމާއި ވިއްސާރައިގައި ދުއްވާއިރު އުޅަނދުގެ ހެޑްލައިޓް ދިއްލުމަކީ ރައްކާތެރިކަމެއް ކަމަށާއިއަދި ވިއްސާރަވެ މަގުމަތީގައި ފެންބޮޑުވެފައިވާ ވަގުތުތަކުގައާއި އެނޫން ވަގުތުތަކުގައި އުޅަނދު ދުއްވާއިރު ހިނގާ މީހުންނަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.