ސިއްހީ ދާއިރާގެ މުސާރައަށް އާ ފްރޭމްވޯކްގެ ދަށުން ގެނެވުނު ބަދަލުގެ ތެރެއިން، އެހެން ތަނެއްގައި މަސައްކަތް ނުކޮށް ހަމައެކަނި ސަރުކާރުގެ ހިދުމަތްދޭ ތަނުގައި މަސައްކަތް ކުރާކަމަށް ވާނަމަ އެކްސްކްލޫސިވް ސާވިސް އެލެވެންސެއް ލިބޭ ގޮތަށް ވާނީ ހަމަޖެހިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިހެން ވިދާޅުވީ މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރުންނާއި ނަރުހުންގެ މުސާރަބޮޑުކޮށްފައިވާއިރު، ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރާ ޑޮކްޓަރުން ހޮސްޕިޓަލުގެ ޑިއުޓީ ނިންމާލުމަށްފަހު އެހެން އަމިއްލަ ކްލިނިކްތަކުގައި ޑިއުޓީ އަދާ ކުރުމުގެ މައްސަލައަށް އެއްވެސް ކަހަލަ ހައްލެއް ގެނެވިފައިވޭތޯ ނުވަތަ ގެނައުމަށް މަސައްކަތެއް ކުރޭތޯ ކޮށްލި ސުވާލުގެ ޖަވާބުދެއްވަމުންނެވެ.

މިއުވާން ވިދާޅުވި ގޮތުގައި ބައެއް އެހެން ދާއިރާތަކުގައިވެސް އިތުރުއެހެން އެއްވެސް ތަނެއްގައި މަސައްކަތް ނުކޮށް ހަމައެކަނި އެމަސައްކަތް ކުރާ ތަނުގައި މަސައްކަތް ކުރާކަމަށް ވާނަމަ، ނަންޕްރެކްޓިސް އެލެވެންސެއް ނުވަތަ އެކްސްކްލޫސިވް ސާވިސް އެލެވެންސެއް ދިނުމަކީ އެހެން ދާއިރާތަކުގައިވެސް އޮންނަ އުސޫލެއް ކަމަށެވެ. އެގޮތުން އާ ފްރޭމްވޯކްގެ ދަށުން އެހެންތަނެއްގައި މަސަައްކަތް ނުކޮށް ހަމައެކަނި ސަރުކާރުގެ ސިއްހީ ހިދުމަތްދޭ ތަނުގައި މަސައްކަތް ކުރާ ކަމަށް ވަންޏާ އެކްސްކްލޫސިވް ސާވިސް އެލަވެންސެއް ލިބޭ ގޮތަށް ހަމަޖެހިފައި ވާނެކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ސިއްހީ ދާއިރާގެ މުސާރައަށް މިގެނައި ބަދަލު ގެނައީ އެފަދަ ހުރިހާ މައްސަލަތަކައް ރިއާޔަތް ކޮށް އެތައް ގޮތަކަށް ބަލައި މަސައްކަތް ކުރުމަށްފަހު ކަމަށްވެސް މިއުވާން ވިދާޅުވިއެވެ. އަދި މިގެނެވުނު ހެޔޮ ބަދަލާއެކު ސިއްހީ ދާއިރާއަށް އިތުރު ނަރުހުންނާއި ޑޮކްޓަރުންނާއި އަދިވެސް އެހެނިހެން ސިއްހީ ހިދުމަތްދޭ ފަރާތްތަކުން އެދާއިރާއަށް ނުކުންނާނެ ކަމަށް އުންމީދު ކުރާކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މުސާރަތަކަށް އަލަށް މިގެނައި ބަދަލު މިމަހު ލިބޭ މުސާރައިން ނުފެންނާނެކަމަށާއި އެހެން އެކަން ވާން ދިމާވާ ގޮތަކީ ސަރުކާރުގެ މުސާރަ ލިބޭ ގޮތަށް ހަމަޖެހިފައި އޮންނަނީ މަހުގެ 15 އިން އަނެއް މަހުގެ 15 އަށް ކަމަށްވިޔަސް މިގެނެވުނު ބަދަލު މިމަހުގެ އެކަކުން ފެށިގެން ދެންދާނީ ހިމެނެމުން ކަމަށެވެ. އެހެންކަމުން އެކަމާ ވާހަަކަތަކެއް ދެއްކުމުގެ ކުރިން އެކަން ކުރިއަށްދާގޮތް ހާމަކުރީކަމަށެވެ.