ދ ރިނބުދޫ ސްކޫލުގައި ކިޔަވަމުންދާ ފިރިހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި އެ ސްކޫލުގެ ގުރުއާން ޓީޗަރު ހައްޔަރުކޮށްފިއެވެ. މިޓީޗަރަކީ އެސުކޫލުގައި ގުރުއާން ޓީޗަރެއްގެ ގޮތުގައި އުޅޭތާ އެތައް އަހަރުތަކެއް ވެފައިވާ އުފަން ރިނބުދޫ މީހެކެވެ.

ފުލުހުން މިއަދު ބުނީ މިދިޔަ އޭޕްރީލް 29 ވަނަ ދުވަހު، ސައުތް ސެންޓްރަލް ޕޮލިސް ރީޖަންގައި ހިމެނޭ (މ. ފ. ދ. ލ) ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން މިމަހުގެ ދެވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުން 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ރިނބުދޫ ކައުންސިލްގެ ނައިބު ރައީސް، "ހަލި" ނޫހަށް ވިދާޅުވި ގޮތުގައި، މިމީހާ މިގޮތަށް ފިރިހެން ކުދިންނަށް ޖިންސީގޯނާ ކުރާ ކަމަށް އޭނާއަށް ތުހުމަތު ކުރެވެމުން އަންނަތާ އެތައް އެތައް ދުވަހެއް ވެއްޖެއެވެ. އެހެންނަމަވެސް އެއްވެސް ބަޔަކަށް އެއްވެސް ގޮތަކުން ޔަގީންވާ ކަހަލަ ކަމެއް ދިމާނުވާތީ ސީދާ މައްސަލަ ހުށަހަޅައި ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް މަސައްކަތް ކުރެވިފައި ނުވަނީކަމަށްވެއެވެ.

ރިނބުދޫ ކައުންސިލްގެ ނައިބް ރައީސް އަދިވެސް އިތުރަށް ވިދާޅުވި ގޮތުގައި އިއްޔެވެސް މިއަދު ވެސް އަދި މިހާރުވެސް ޖެންޑާއިންނާއި ފުލުހުން ދަނީ ރަށުތެރޭގައި ތަހުގީގު ކުރުމަށް ހަރަކާތްތެރި ވަމުން އެބަދެއެވެ.

ހައްޔަރު ކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް ވަނީ 30 ދުވަސް ދީފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ކުރިންވެސް މިމީހާގެ މައްޗަށް ވަނީ މިފަދަ ތުހުމަތުތަކެއް ކުރެވިފައެވެ. ނަމަވެސް މައްސަލަ ހުށަހަޅާވަރުގެ ޔަގީން ހެއްކެއް ނެތުމުން ފުލުުހުންނާ ހަމައަށް މައްސަލަ އޮތީ ނުގެންދެވިފައި ކަމަށްވެއެވެ. އެންމެ ފަހުން 29 އޭޕްރީލް ދުވަހު ކޮންމެވެސް ކުއްޖަކު މިވަނީ މައްސަލަ ހުށަހަޅާފައެވެ. އޭގެ ކުރިން މިމީހާ ޖިންސީ ގޯނާ ކުރީ ކިތައް ކުދިންނަށް ކިތައް ފަހަރު ކަމެއް ނޭނގެއެވެ. އަދި މީނާ ކުދިން ގޮވައިގެން އުޅޭތަނާއި މެޓާފަދަ ތަކެތިދޭތަންވެސް ބައެއްފަހަރު ފެނިފައިވާކަމަށްވެއެވެ.

އެނގިފައިވާ ގޮތުގައި މީނާ ކުރިން މީހަކާ ކައިވެނިކުރިއެވެ. އެމީހާ ވަރިވިފަހުން ފަހުން ކައިވެންޏެއް ނުކުރެއެވެ.