އިންޑިޔާގެ ބެންގަލޫރުގައި 5 ވަނަ އިންޑިއަން އޯޕަން އިންޓަރނޭޝަނަލް ޕެރައެތުލެޓިކްސް ޗެމްޕިއަންޝިޕް 2023 މުބާރާތުގައި ޓީ 11 ގެ ކެޓަގަރީން 100 މީޓަރގެ ދުވުމުން ޕެރަ އެތުލީޓު މުޙައްމަދު މާޒިން ރާއްޖެއަށް ގޯލްޑްމެޑަލް ހޯދާދީފިއެވެ. އަދި މާޒިންގެ ގައިޑްރަނާރ އެއްގޮތުގައި ދުވެފައިވަނީ ހުސެން ޝިފާޒެވެ.

އިންޓަރނޭޝަނަލް ޕެރަލިމްޕިކް ކޮމިޓީގެ ގްރާންޓް ދަށުން ބައިވެރިވި މިމުބާރާތުގައި 12 ޤައުމަކުން ވާދަކުރެއެވެ. ރީޖަނަލް ސްޕޯރޓްސް ޓްރއިނިންގ އާއެކު ކުރިއަށް ގެންދާ މިމުބާރާތުގައި ރާއްޖޭން ޕެރަ އެތުލެޓިކްސް ކުޅުންތެރިއަކާއި، ޕެރަ އެތުލެޓިކްސް ކޯޗް އަދި ޕެރަ އެތުލެޓިކްސް ޓެކްނިކަލް އޮފިޝަލެއްގެ އިތުރުން ޕެރަ ބެޑްމިންޓަން ކްލެސިފަޔަރަކު ތަމްރީނު ކުރެވިފައިވެއެވެ.

''ހަލި ނިއުސް'' އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީގެ ސެކެޓްރީ ޖެނަރަލް އަހުމަދު މުޙައްމަދު ވިދާޅުވީ މިއީ ރާއްޖޭގެ ޕެރަ އެތުލެޓިކްސް އިން ހޯދުނު 3ވަނަ ރަންމެޑެލް ކަމަށެވެ. އަދ މީގެ ކުރިން 2022ވަނަ އަހަރު އެމެރިކާގައި ބޭއްވުނު ޕޭން އެމިކަންގޭމްސްގައި ވާދަކޮށް ރާއްޖޭންވަނީ 2 ގޯލްޑް މެޑަލް ހޯދާފައިވާ ކަމަށާއި ނަމަވެސް މުޙައްމަދު މާޒިން މިހޯދި ރަން މެޑަލްއަކީ ގްރޭންޕްރީ ލެވަލްގެ ބައިނަލްއަޤްއާމީ، ވޯލްޑް ޕެރަ އެތުލެޓިކްސް ފެޑެރޭޝަނުން ސަންކްޝަން ކުރާ މުބާތެއްގައި ހޯދުނު ފުރަތަމަ ރަންމެޑެލް ކަމަށްވެސް އަޙުމަދު ވިދާޅުވިއެވެ.

މި މުބާރާތަކީ މިމަހުގެ 4ން 7 ހަމަައަށް ކުރިޔަށް ދާ މުބާރާތެކެވެ.