އއ. ރަސްދޫ ޕޮލިސް ސްތޭޝަން އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައިހުރި ދިވެހި ފިރިހެނަކު ފިލައިފިއެވެ. އުމުރުން 25 އަހަރުގެ އެމީހާ ފިލައިފައިވަނީ ގޮޅިން ނެރެފައި ހުއްޓައި މޭ މަހު ފަސް ވަނަ ދުވަހު ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ވިދާޅުވީ އެމީހާއަކީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށެވެ. ބަންދުކޮށްފައިވަނީ ކޮން ކުށެއް ކޮށްގެން ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ. އެ މީހާ ފިލުމުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

"އެމީހާއަކީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް. މި މައްސަލައާ ގުޅުވައި ޕޮލިސް ސްޓޭޝަންގެ ތަނެއް ފަޅާލި ކަމަށް ބުނެ ސޯޝަލް މީޑިއާގެ ބައެއް ޕްލެޓު ފޯމް ތަކުގައި ފަތުރާފައިވަނީ ތެދުމައުލޫމާތެއް ނޫން. އަދި ފިލި މީހާ ރަސްދޫ ޕޮލިސް ސްޓޭޝަނުން އެއްވެސް އެއްޗެއް ގެންގޮސްފައެއް ވެސް ނުވޭ،" ފުލުހުން ބުނެފައިވެއެވެ. ޚަބަރު ފަތުރުމުގެ ކުރީން ސައްހަ އަދި ތެދު މައުލޫމާތު ކަށަވަރު ކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.