މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމާ ބެހޭ މަޝްވަރާ ބައްދަލުވުމެއް ސަންއައިލެންޑު ރިސޯޓުގައި ކުރިއަށް އެބަދެއެވެ. ޖުމްހުރީޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ގެ ޚާއްސަ މަންދޫބު އިލްހާ އަހުމަދު މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޖޭޕީއާއި ފިކުރެއްގެ ދިރުމުގެ މަޝްވަރާތައް މިހާރު ވެސް ހިނގަމުންދާ ކަމަށެވެ.

މި ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކުގެ އެއްވެެސް ތަފްސީލެއް އެނގިފައެއް ނުވެއެވެ. އެހެންނަމަވެސް މަޝްވަރާތައް ކުރިއަށްދަނީ ކޯލިޝަން ހެދުމާބެހޭ ގޮތުން ކަމަށް އެނގިފައިވެއެވެ. "ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އާއި ފިކުރެއްގެ ދިރުމުގެ އިސްވެރިން މިވަގުތު ކުރިޔަށްދާ ބައްދަލުވުމުގެ ތެރެއިން،" ފޮޓޯއަކާއެކު އިލްހާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.

މި ބައްދަލުވުމުގައި ޖޭޕީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމާއި، ޤާސިމްގެ ޚާއްސަ މަންދޫބު އިލްހާމް އަޙުމަދާއި، ޚާއްސަ މުޝީރުން ކަމަށްވާ އަހުމަދު ނިހާން ހަސަން މަނިކާއި، ރިޔާޒު ރަޝީދު ބައިވެރިވެ ވަޑައިގަންނަވައެވެ. ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ކުރިއަށްގެންދަވާ "ފިކުރެއްގެ ދިރުން" ގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އާއި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ޙަސަން ލަތީފާއި، އެސްޓީއޯގެ ކުރީގެ އެމްޑީ ޙުސައިން އަމްރެވެ.

ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމުގެ ދައުވަތު ޖޭޕީން ވަނީ ސިޔާސީ އެހެން ޕާޓީތަކަށް ވެސް ދީފައެވެ.