'' ތައިލޭންޑް ޕެރާ އިންޓަރނޭޝަނަލް ބެޑްމިންޓަން 2023 ''ގެ ބެޑްމިންޓަން މުބާރާތުގައި ވާދަކުރުމަށްޓަކައި ޕެރާ ބެޑްމިންޓަންގެ ޓީމް ތައިލޭންގެ ބެންކޮކަށް މިއަދު ފުރައިފިއެވެ. މި މުބާރާތަކީ މިމަހު 9އަކުން 14 ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

މިޓީމުގައި ހިމެނެނީ އެސްއެޗް6ގެ ދެ ޕެރާ އެޓްލީޓުންނާ އެސްއެލް ކެޓަގަރީގެ ދެ ކުޅުންތެރިންނެވެ. އެގޮތުން އެސްއެޗް6ގެ ކެޓަގަރީގައި ވާދަކުރަނީ ހައްވާ ޢީޝަލް ރިޔާޒާއި، އާއިޝާތު ނަޒާޙާ ޒަބީޙްއެވެ. އަދި އެސްއެލް ކެޓަގަރީގެ ވާދަ ކުރާ ދެ ކުޅުންތެރިންނަކީ އަބްދުލްލަތީފް މުޙައްމަދާއި އަޙުމަދު ފަޔާޒެވެ. މި ޓީމުގެ ކޯޗު އަދި މެނޭޖަރެއްގެގޮތުގައި ވަޑައިގަންނަވާނީ އަޙުމަދު ރިއާދުއެވެ.

މި މުބާރާތުގައި މި އެތްލީޓުން ސިންގަލް އަދި ޑަބަލްސްގެ އިވެންޓްތަކުގައި ވާދަ ކުރާނެއެވެ.

މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީއިން '' ހަލި ނިއުސް'' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި މުބާރާތުގެ ބައިވެރިވުމުގެ މަޤްސަދަކީ 2024ގައި ފުރާންސްގެ ޕެރިހުގައި ބޭއްވުމަށް ހަމަ ޖެހިފައިވާ ޕެރަލިމްޕިކް ގޭމްސްއަށް ކޮލިފައިވުމަށާއި ކްލެސިފައިވުމަށް ކޮންމެހެންވެސް ބައިވެރިވާންޖެހޭ މުބާރާތަކަށްވުން ކަމަށެވެ. އަދި މިފަދަ މުބާރާތް ތަކުން ލިބޭ ޕޮއިންޓްތަކުން ޕެރިސް 2024 ގެ ފެރަލިމްޕިކް ގޭމްސްތަކަށް ކޮލިފައިވުމަށް މަގުފަހިކޮށްދޭނެ ކަމެއްކަމުގައިވެސް އެ ކޮމެޓީއިން ވިދާޅުވިއެވެ.

މީގެކުރިންވެސް މި ކުޅުންތެރިން ވަނީ ބަޙްރެއިންގައި ޕެރާ ޔޫތް ގޭމުސްއާއި ދުބާއިގައި ބޭއްވުނު ފަޒާ ގޭމްސްގައި ރާއްޖެ ތަމްސީލުކޮށް ވާދަކޮށްފައެވެ.